Close
ރެއާލް މެޑްރިޑް

ވިނީޝިއަސްއަށް ދެއްކި ރަތް ކާޑު މައާފުކޮށް، ވެލެންސިއާއަށް އަދަބުދީފި

ސްޕެނިޝް ލަލީގާގައި އެންމެފަހުން ރެއާލް މެޑްރިޑާއި ވެލެންސިއާ ވާދަކުރި މެޗުގައި ހިނގާދިޔަ ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން ވެލެންސިއާއަށް އަދަބު ދީފިއެވެ.

ވެލެންސިއާ ދަނޑުގައި ރެއާލްއިން އެންމެފަހުން ކުޅުނު މެޗުގައި، ވެލެންސިއާގެ ސަޕޯޓަރުން ރެއާލްގެ ވިނީޝިއަސްއަށް ނަސްލީގޮތުން ދިމާކޮށް، ރާމާމަކުނަށްވެސް ގޮވާފައިވެއެވެ. އެ މެޗުގެ ތެރެއިން ވިނީޝިއަސް ރުޅިގަދަވެ ސަޕޯޓަރަކާ ބަހުގެ ހަމަލާތައްވެސް ބަދަލުކޮށްފައިވާ އިރު، ރެފްރީ ކިބައިން މެޗު ހުއްޓުވާ ދިނުމަށްވެސް އެދުނެވެ.

ނަމަވެސް ރެފްރީ މެޗު ހުއްޓުވާދީފައިނުވާ އިރު، މެޗުގެ ފަހު ވަގުތު ވެލެންސިއާ ކުޅުންތެރިޔަކަށް ބޯޅަ ނެތި ހަމަލާ ދިނުމުން ރެފްރީ ވަނީ ވިނީޝިއަސްއަށް ރަތް ކާޑު ދައްކައިފައެވެ.

ވިނީޝިއަސްއަށް ނަސްލީ ގޮތުން ދިމާކުރި މައްސަލައިގައި އޭނާ ސްޕެއިންގެ އިދާރާތަކާއި ލަލީގާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ އިރު، ވިނީޝިއަސްގެ ދިފާއުގައި ފީފާ ރައީސް ޖިއާނީ އިންފަންޓީނޯވެސް ވަނީ ވާހަކަދައްކައިފައެވެ.

ރެއާލްއިން މައްސަލަ ސްޕެއިންގެ އިދާރާތަކަށްވެސް ޖައްސާފައިވާ އިރު، ސްޕެއިން ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ވެލެންސިއާއިން ކުރިއަށް އޮތް ފަސް މެޗުގައި ކުޅެން ޖެހޭނީ ހޯމް ސަޕޯޓަރުން ދަނޑަށް ނުވައްދާ ކަމަށެވެ. ވެލެންސިއާ ސްޓޭޑިއަމްގެ ދެކުނު ސްޓޭންޑް ހުސްކޮށް މެޗުތައް ކުޅެން އަންގާފައިވާ އިރު، އެ ކްލަބަށް ވަނީ 39،000 ޕައުންޑްގެ ޖޫރިމަނާއެއް އައިސްފައެވެ. އެ އަދަބު އިސްތިއުނާފު ކުރަން ވެލެންސިއާއަށް ދީފައިވަނީ 10 ދުވަހެވެ.

ވިނީޝިއަސްއަށް ނަސްލީ ތަފާތުކުރި މައްސަލައިގައި ސްޕެއިންގެ ފުލުހުން ވަނީ ތިން މީހަކު ހައްޔަރުވެސް ކޮށްފައެވެ.

ފުޓުބޯޅަ އިދާރާއިން މައްސަލަ ބަލައި، އިތުރަށް ބުނީ މެޗުގައި ވިނީޝިއަސްއަށް ދެއްކި ރަތް ކާޑުވެސް މައާފުކުރަން ނިންމާފައިވާ ކަމަށެވެ. އަދި މެޗުގެ އޮއިވަރަށް ބަދަލު އަންނަ ވަރަށް ނަސްލީ ދިމާކުރުންތައް މެޗުގައި ފެނިގެންދިޔަ ކަމަށާއި އެކަމުގެ ސަބަބުން ނަގަންޖެހޭ ސީރިއަސް ފިޔަވަޅުތަކެއް މެޗުގައި ރެފްރީގެ ފަރާތުން ފެނިފައިނުވާ ކަމަށްވެސް ބުންޏެވެ.

އަދި އެކަމުގެ ތެރެއިން ގޮސް، ވިނީޝިއަސްއަށް ދެއްކި ރަތް ކާޑަކީ އިންސާފުން ދެއްކި ރަތް ކާޑެއް ނޫން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.