އަންނަ މަހު 21 ވަނަ ދުވަހު އިންޑިއާގެ ބެންގަލޫރުގައި ފެށުމަށް ތައްޔާރުވެފައިވާ ސާފް ޗެމްޕިއަންޝިޕް 2023 އަށް ތައްޔާރުވުމަށް ޕާކިސްތާނުން ފޯ ނޭޝަންސް ކަޕެއްގައި ވާދަކުރަން ނިންމައިފިއެވެ.

ސާފް ޗެމްޕިއަންޝިޕް އަންނަ މަހުގެ 21 އިން ޖުލައި ހަތަރަކަށް އިންޑިއާގެ ބެންގަލޫރުގައި ބާއްވަން އިއުލާނު ކޮށްފައިވާ އިރު، މިފަހަރުގެ މުބާރާތް ވެގެންދާނީ ތާރީހީ މުބާރާތަކަށެވެ. އެއީ މި މުބާރާތުގައި ސަރަހައްދުން ބޭރުގެ ދެ ޓީމަކުންވެސް ވާދަކުރާތީއެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ދެކުނު އޭޝިއާ ބޭރުން ކުވައިތާއި ލުބުނާން ވާދަކުރާ އިރު، ސަރަހައްދުން ވާދަކުރަނީ ރާއްޖެ އާއި ނޭޕާލްގެ އިތުރުން ބަންގުލަދޭޝް އާއި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާ އަދި ޕާކިސްތާނާއި ބޫޓާނެވެ.

ގްރޫޕް ބީގައި ރާއްޖެ ހިމެނިފައިވާ އިރު، އެ ގްރޫޕުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ ލުބުނާނާއި ބަންގުލަދޭޝް އަދި ބޫޓާނެވެ. ޕާކިސްތާނު ހިމެނެނީ ގްރޫޕް އޭގައެވެ. އެ ގްރޫޕުގައި ދެން ވާދަކުރަނީ އިންޑިއާއާއި ކުވައިތު އަދި ނޭޕާލެވެ.

ޕާކިސްތާން ފުޓުބޯޅަ ސަސްޕެންޝަނެއްގައި އޮތުމުން އެންމެފަހުން ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި އެޓީމު ކުޅެފައެއް ނުވެއެވެ. މެދުކެނޑުމަކަށްފަހު އަލުން މިފަހަރު ޕާކިސްތާނުން މުބާރާތަށް ނުކުންނަ އިރު، ތައްޔާރީތައް ވަރުގަދަ ކުރުމަށް އަންނަ މަހު ހަތަރު ގައުމުގެ މެދުގައި ވާދަކުރާ ފޯ ނޭޝަންސް ކަޕެއް ކުޅެން ވަނީ ތައްޔާރުވެފައެވެ.

މޮރިޝަސްގައި އަންނަ މަހު 11 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާ ފޯ ނޭޝަންސް ކަޕްގައި ޕާކިސްތާނާއި މޮރިޝަސްގެ އިތުރުން ދެން ވާދަކުރާނީ ޖިބޫޓީއާއި ކެންޔާއެވެ.

ޕާކިސްތާނު ފުޓުބޯޅައިގެ ކަންކަން މިހާރު އިންތިޒާމުކުރަމުންދާ އެގައުމުގެ ފުޓުބޯޅަ ފެޑަރޭޝަންގެ ނޯމަލައިޒޭޝަން ކޮމިޓީގެ ފަރާތުން ބުނީ ފޯ ނޭޝަންސް ކަޕް ކުޅުމުގެ ސަބަބުން ސާފަށް ތައްޔާރުވާން ޓީމަށް ބޭނުންވާ ބައިނަލްއަގުވާމީ މުހިއްމު ތަޖުރިބާއެއް ލިބިގެންދާނެ ކަމަށާއި، ޓީމު އެކުވުމަށްވެސް އެކަމުން އެހީތެރިވެދޭނެ ކަމަށެވެ.

ޕާކިސްތާނުން ސްކޮޑު އެކުލަވާލައި ސާފަށް ރަސްމީކޮށް ތަމްރީނުތައް ފަށާނީ ކުރިއަށް މިއޮތް ހަފުތާގައެވެ.

ދާދިފަހުން ޕާކިސްތާނުން އެކުވެރިކަމުގެ މެޗެއްގައި ރާއްޖެއާ ދެކޮޅަށް ކުޅެފައިވާ އިރު، އެ މެޗުގައި ރާއްޖެ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗު ކުޅެފައިވަނީ ލ. ގަމުގައެވެ.