ގްރީންހައުސްއެއްގައި މެރުއަނާ ގަސް ހައްދައި، މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ މީހަކު 76،100 ރުފިޔާއާއެކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ، މއ. މަލިކުވިޔު މުހައްމަދު ޝަމްއޫން (30އ) އެވެ. ފުލުހުން އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރުމުގެ ކުށުގެ ތުހުމަތެވެ.
ފުލުހުން އޭނާ ހައްޔަރުކުރީ އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން އިއްޔެގެ ވަގުތެއްގައެވެ. ފުލުހުން ވަނީ މިއަދު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.
އޭނާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ބަލައި ފާސްކުރިތަނުން ވަނީ މަސްތުވާތަކެތި ފެނިފައެވެ. އަދި އެތަނުގައި ހައްދާފައި ހުރި އާޓިފިޝަލް ފާމެއް (ގްރީންހައުސް) އެއްގެ ތެރޭގައި ހައްދާފައިވާ މަރުޖުއާނާ ގަސް ކަމަށް ޝައްކު ކުރެވޭ ދެ ގަސް ފެނިފައިވާ ކަމަށެވެ.
މީގެ އިތުރުން ބަލައި ފާސްކުރުމުގެ ތެރެއިން ވަނީ 76،100 ރުފިޔާ ފެނިފައެވެ. އަދި މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ ބައެއް ޕެކެޓުތަކުން ޝަމްއޫންގެ ފިންގާޕްރިންޓް ފެނިފައިވާ ކަމަށްވެސް އަމުރުގައިވެއެވެ.
ފުލުހުން، ޝަމްއޫން ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވުމުންނާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހައިފައެވެ.
ޝަމްއޫނަކީ ފުއްޕާމޭގެ އިންފެކްޝަން ހުންނަ މީހެއް ކަމަށް، އޭނާ ބުނެފައިވާތީ ބަންދުގައި ހުންނައިރު ބޭސްފަރުވާގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ ބަންދުގައި ބަހައްޓާ އިދާރާގެ މައްޗަށް ގާނޫނުން ލާޒިމުކުރާ ކަމެއް ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
ޚަބަރު
ޚަބަރު