ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ 'ފިކުރެއްގެ ދިރުން' އިން އުފައްދާ އާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފައްދަން ދެންމެ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފިއެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ހުއްދައަށް އެދުނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ލަތީފްގެ ނަމުގައެވެ.

އެ ޕާޓީ އުފައްދެމުގެ ހުއްދައަށް އެދުމަށް އީސީއަށް މިއަދު ވަޑައިގަތް ގިނަ މެންބަރުން ތިއްބެވީ މަޑު ނޫކުލައިގެ ޓައީ އަޅުއްވައިގެންނެވެ. ބައެއް މެންބަރުން ނޫކުލައިގެ ގަމީސް ތުރުކުރައްވައިގެންވެސް ތިއްބެވިއެވެ. އެހެންކަމުން ބެލެވެނީ އެއީ ޕާޓީގެ ކުލަ ކަމަށެވެ. ނަމަވެސް ޕާޓީގެ ކުލައާއި ޕާޓީގެ ލޯގޯ ފާސްކުރާނީ، ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާގައެވެ.

އިލެކްޝަން ކޮމިޝަންގައި ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ހުށަހެޅި ފޯމުތަކުގައި މައްސަލައެއް ނެތް ނަމަ އަންނަ ބުދަ ދުވަހު ބާއްވާ ކޮމިޝަންގެ ބައްދަލުވުމުގައި އެ ހުއްދަ ދޭނެ ކަމަށެވެ.

"ދަ ޑިމޮކްރެޓްސް" އުފައްދަން މިއަދު ފޯމް ހުށަހެޅުއްވި އިރު، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވަނީ "ފިކުރެއްގެ ދިރުން" އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނެވެ. އެ މެންބަރުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.

ނަޝީދު އިސްވެ ހުންނަވައި "ދަ ޑިމޮކްރެޓްސް" އުފެއްދެވުމުގެ މަސައްކަތް ކުރައްވާއިރު އެ މަނިކުފާނު އަދިވެސް ހުންނެވީ އެމްޑީޕީގައެވެ.