Close
ރިޕޯޓް

"ފިކުރެއްގެ ދިރުން"، ނަޝީދު އަލުން ދިރުވިދާނެތަ؟

އަލީ އަފާފު ރަމީޒު

2

ކޯޅުން ބޮޑުވެފައިވާ އެމްޑީޕީ ދެބައިވެ، ރަނގަޅަށްވެސް ފަޅައިގެން ހިނގައްޖެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދާ ދެމެދުގައި އުފެދުނު މައްސަލަ ހައްލުނުވެ، އެންމެ ފަހުން ނަޝީދުގެ އުފެއްދެވި، "ފިކުރެއްގެ ދިރުން" މިވަނީ އާ މިސްރާބަކަށް ހުންގާނު ދީލާލައިފައެވެ. އެމްޑީޕީއާ ރަސްމީގޮތުން ވަކިވެ، އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފައެވެ.

މިދިޔަ ބުދަ ދުވަހު އެމްޑީޕީގެ ޒަމާންވީ، އަދި ވަރަށް "ލޯޔަލް" މެންބަރުންތަކެއް މިވަނީ އެ ޕާޓީ ދޫކޮށްލައިފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ނައިބު ރައީސުންގެ މަގާމުގައި ތިއްބެވި މުހައްމަދު ޝިފާޒާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުރުން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފްވެސް ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުން ޕާޓީން ވަކިވެވަޑައިގެންނެވީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، "ޑިމޮކްރެޓިކް ޕާޓީ" އަކަށް މިހާރު ނުވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އެހެނަސް ފިކުރެއްގެ ދިރުމުގެ ލީޑަރު ނަޝީދު އެމްޑީޕީން އިސްތިއުފާދެއްވައިފައެއް ނުވެއެވެ. ސަބަބު ސާފެއް ނޫނެވެ. އެކަމަކު އެ ހުރިހާ މެންބަރުންވެސް އިސްތިއުފާ ދެއްވާފައި މިވަނީ ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީން ކަމަށް ބެލެވެއެވެ. އެކަމަށް އެ މެންބަރުން ވަކިވުމުގެ ފޯމްގައި ސޮއި ކުރެއްވީވެސް ނަޝީދުގެ ހާޒިރުގައި ކަމަށްވާތީއެވެ.

ކުޑަ ކޯޅުމަކުން ނުކުތް ފިކުރެއް ދިރުނު ގޮތް

ދެ ރައީސުންގެ މެދުގައި އެންމެ ފުރަތަމަ ހިޔާލުތަފާތުވުމެއް އުފެދިގެން އައީ ރައްޔިތުން މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީއަށް ލިބި، މަޖިލިސް ރައީސަކު ހޮވަން ޖެހުނު ހިސާބުންނެވެ. އޭގެ ފަހުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ފެށި ހިސާބުން އަނެއްކާވެސް ދެ ރައީސުންގެ ދެމެދުގައި މައްސަލަ ބޮޑުވިއެވެ. ނަމަވެސް "ފިނި" ކޮށްލީ މައްސަލަ ކޮޅެއްގައި ނުޖައްސައި ނިންމާލައިގެންނެވެ.

އޭގެ ފަހުން ދެން ފެށުނީ ބަރުލަމާނީ ބަހުސެވެ. އެ ބަހުސްގައި ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކޮށް، ބޮޑުވަޒީރުކަމަށްވެސް ޝައުގުވެރިކަން ފާޅު ކުރައްވައިފައެވެ. ނަމަވެސް ރައީސް ސޯލިހުގެ ތާއީދު އެކަމަށް ލިބިވަޑައިނުގަތުމުން، ރަނގަޅަށްވެސް ދެ ފެކްޝަނަކަށް އެމްޑީޕީ ބެހިގެންދިޔައެވެ. ރައީސް ސޯލިހު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ވެރިކަމުގެ ނިޒާމު ނިންމާފައި ވަނީ ރައްޔިތުން ކަމަށެވެ. އެކަމުގައި އެ މަނިކުފާނަށް ކުރެއްވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

އޭގެ ފަހުން ކޮންގްރެސްގައި ދެ ރައީސުންގެ ތާއީދު އޮތް މިންވަރު ސާފުކޮށްދިނުމުގެ ހަނގުރާމައެއް ފެށުނެވެ. އެ ހަނގުރާމަވެސް ނިމިގެންދިޔައީ ރައީސް ސޯލިހަށް ބޮޑު މޮޅަކާއެކުއެވެ. އަނެއް ކޮޅުން ޗެއާޕާސަން އިންތިހާބުވެސް ނިމިގެން ދިޔައީ ރައީސް ސޯލިހުގެ ކޮޅަށެވެ. ނަޝީދު ފެކްޝަން ދިޔައީ ފަނުފުލުންނެވެ. މައްސަލަވީ ހައްތަހާ ގޯހެވެ.

އެހުރިހާ ރެނދުތަކެއް އިތުރަށް ފޭވަމުން އައިސް ބޮޑު ރެނދުލީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހުއެވެ. ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހް އަސްލު "ސައިޒް" ދައްކަވައި، ބޮޑު ކާމިޔާބީއާއެކު ޓިކެޓް ހޯއްދެވި ހިސާބުންނެވެ. އެ ނަތީޖާވީ ނަޝީދަށް ހަޖަމެއް ނުވިއެވެ. އެންމެ ފަހުން "ފިކުރެއްގެ ދިރުން" ވުޖޫދުވީއެވެ. ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އެއީ މެންބަރުންނަށް އަސްލު އެމްޑީޕީ ހޯއްދަވައިދެއްވުމަށް ފެއްޓެވި ދަތުރެވެ.

ފިކުރެއްގެ ދިރުން އެމްޑީޕީން ވަކިވާން ޖެހުމާއި ޕާޓީއެއް އުފައްދަން ޖެހުނު ސަބަބު!

ފިކުރެއްގެ ދިރުމުން އެމްޑީޕީއާ ދުރަށް ދާން ޖެހުނު ސަބަބުތައް ސާފުކޮށްދީފައިވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކުންނެވެ. އެދުވަހުގެ ހަވީރު ބޮޑުފެންވަޅުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ލީޑް ކުރައްވަން އިންނެވި އީވާ ވިދާޅުވި ގޮތުގައި އެމްޑީޕީން ވަކިވާން ނިންމީ މިއަދުގެ އެމްޑީޕީއަކީ މީގެ ކުރިން އެ ޕާޓީން ގަބޫލުކުރި އަސާސްތައް އެއްވެސް ވަރަކަށް ގަބޫލުނުކުރާ ޕާޓީއަކަށް ވާތީއެވެ.

"އެމްޑީޕީ މެންބަރުން އެމްޑީޕީއާ އެކު މި ހުރިހާ ދުވަހު ތިބީ އެމްޑީޕީގެ އަސާސްތަކެއް ގަބޫލުކޮށްގެން. އެއީ ހެޔޮވެރިކަމުގެ އަސާސާއި ވައްކަމާ ދެކޮޅަށް މަސައްކަތް ކުރާނެ ޕާޓީއެއްގެ ގޮތުގައި ގަބޫލުކޮށްގެން. އިންސާނީ ހައްގުތަކާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ދެފުށް ފެންނަ ހާމަކަން ބޮޑު ތެދުވެރި އިހުލާސްތެރި ވެރިކަމެއް ކުރުމުގެ އުންމީދުތަކާއި އަސާސްތަކާ އެކު،" އީވާ ވިދާޅުވިއެވެ.

ޝިއްޕެވެސް ފާހަގަ ކުރެއްވީ އެއް ވާހަކަތަކެކެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމެއް 2018 ގައި ގާއިމުކުރުމަށްފަހު އައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކު ފެނިގެން ދިޔައީ އެމްޑީޕީގެ އަސާސްތައް ނެތިގެންދާ މަންޒަރު ކަމަށެވެ. އެވާހަކަތައް އޭނާ ދެއްކެވި ނަމަވެސް ހަލާކު ނުވެ އޮތް ހަމައެކަނި މުއައްސަސާ ކަމަށްވާ އެމްޑީޕީ ހަލާކުކޮށްލީ ކަމަށް ޝިއްޕެ ދެކެވަޑައިގަންނަވައެވެ.

އެމްޑީޕީއާ ވަކިވިޔަސް، އެމްޑީޕީގެ އަސާސްތައް އަލުން ދިރުވަން ބޭނުންވެއެވެ. އެހެންވެ ފިކުރެއްގެ ދިރުން ވުޖޫދު ކުރަން މަޖުބޫރުވީއެވެ. ޕާޓީއެއްގެ ސިފަ ގެނެސް، އެ ނަމުގައި ޕާޓީއެއް އުފައްދަން މަސައްކަތް ފަށަން ނިންމީ އެހެންވެ ކަމަށް ފިކުރެއްގެ ދިރުމުގެ މެންބަރުން ވިދާޅުވެއެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ އާ ޕާޓީއެއް އުފައްދަން ޖެހިއްޖެ ކަމަށް. އެގޮތުން އަޅުގަނޑުމެން މަޝްވަރާކުރުމަށްފަހު އަޅުގަނޑުމެން މި ނިންމީ ފިކުރެއްގެ ދިރުމުގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ފެށޭ ހަފުތާ ތެރޭގައި އިދާރީ މަސައްކަތް ނިންމުމަށްފަހު ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު ހުށަހަޅާނަން. އަދި އޭގެ ފަހުން ހަމަކުރަން ޖެހޭ 3،000 ފޯމު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސް އަޅުގަނޑުމެންގެ ސިޔާސީ ޕާޓީގެ ރަޖިސްޓްރީގެ މަސައްކަތް ކުރިއަށް ގެންދާނަން،" މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވިއެވެ.

އީވާވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެންނެވީ އުންމީދުތަކެއް އޮތުމުން ކަމަށް ވިދާޅުވެފައެވެ. އެ އުންމީދުތައް ގުޅެނީ ފިކުރެއްގެ ދިރުން ޕާޓީއާ އެވެ. އަސާސްތައް އަލުން ނެގެހެއްޓެން އޮތް ހަމައެކަނި މަގަކީ އާ ޕާޓީއެކެވެ. ހައްލަކީ އެއީ ކަމަށް އީވާ ގަބޫލުކުރައްވައެވެ.

"އެމްޑީޕީ އަޅުގަނޑުމެން ގަބޫލުކުރި އަސާސްތަކާ ދުރަށް ދިޔައެއްކަމަކު އެ އަސާސްތަކާ ދުރަށް އަޅުގަނޑުމެން ދާކަށް ތައްޔާރެއް ނޫން. އެ އަސާސްތަކުގައި ހިފައި، އެ އަސާސްތަކަށް މަސައްކަތް ކުރުމަށް އަޅުގަނޑުމެން ބޭނުންވާތީވެ، އަޅުގަނޑުމެން އެއްވެގެން އަޅުގަނޑުމެން އާ ސިޔާސީ ޕާޓީއެއްގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަދު މި ފެށީ،" އީވާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ބޭނުންވަނީ މިނިވަންކަމަށާއި ވައްކަމާ ދެކޮޅަށް ވޯޓުލާން ކަމަށް ވިދާޅުވެ، އީވާ ވަނީ އަލަށް އުފައްދާ ޕާޓީގެ ފަރާތުން ރައްޔިތުންގެ އެ އުއްމީދު ފުރިހަމަ ކޮށްދޭނެ ކަމުގެ އުންމީދު ދެއްވައިފައެވެ.

އެހެން ނަމަވެސް ފިކުރެއްގެ ދިރުމާއެކު ވަކިވެވަޑައިގެންނެވި ބޭފުޅުންގެ އެވާހަކަތަކަށް ރައްދު ދެއްވާ ބޭފުޅުންގެ ވެސް ވާހަކަތައް މަދެއް ނޫނެވެ. އެބޭފުޅުން ވިދާޅުވަނީ މިހެންނެވެ. ފިކުރެއްގެ ދިރުމުން ބޭނުންވަނީ ރައީސް ނަޝީދު އެކަންޏެވެ. އެ ނޫން ބޭފުޅަކަށް އެމްޑީޕީގެ ބާރެއް ލިބިގެން ނުވެއެވެ. އެ ނޫން ބޭފުޅަކަށް އެމްޑީޕީގެ ވެރިކަން ލިބިގެން ނުވެއެވެ. ނަޝީދުގެ އާއިލީ، އަދި ގާތް ބޭފުޅުންގެ އަތުގައި ނޫނީ އެމްޑީޕީގެ ކޮންޓްރޯލު ވެސް އޮވެގެން ނުވެއެވެ. މިހެން ވީމާ އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއަކަށް ނުވާ ކަމަށާއި ވަނީ އެންމެ މީހަކު ވަށައިގެން އެނބުރޭ ޕާޓީއަކަށް ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ. އަދި ހަމަ އެހެންމެ މި ވަރުގަދަ ޕާޓީ ހަމައެކަނި ނަޝީދަށް ޓަކައި ފުނޑާލީ ކަމަށް ބުނާ ބަޔަކުވެސް އުޅެއެވެ. ދެން އެބުނާ ވައްކަމާއި ކަންކަމުގެ ވާހަކަ އޮތީ ކޮން ގޮތަކަށް ތޯ، ނަޝީދުގެ ވެރިކަމުގައި ނުކުތް އޮޑިޓު ރިޕޯޓުތަކުން އަދި މާ ސާފު ކަމަށް ބުނާ މީހުންވެސް ގިނަ އެވެ. ރާއްޖެ ވިއްކައިލުމާއި ލާދީނީ ޓެގަކީ އަދިވެސް ނަޝީދާ ގުޅުވަމުންދާ ކަންކަމެވެ.

ފިކުރެއްގެ ދިރުމަށް ރައްދުދޭ މީހުން ބުނާގޮތުގައި، ދިރުވަން މި އުޅެނީ އެބުނާ ފަދަ ކަންތައްތަކެއް ނޫނެވެ. ދިރުވަން އުޅެނީ ރައީސް ނަޝީދުގެ ފިކުރެވެ. އަނބުރާ ގެންނާން ބޭނުންވަނީވެސް އެ މަނިކުފާނެވެ. ބަރުލަމާނީ ވިސްނުމެވެ. މިދިޔަ ދުވަސްތަކުގައި ނަޝީދުގެ ސިޔާސީ ހަޔާތް ފަހަތަށް ސޮއްސާލައިގެން ގޮސްފައިވާތީ، އަސްލު ދިރުވަން މި އުޅެނީ ނަޝީދެވެ.

މާޒީ އިޔާދަ ނުވާނެ، ތަޖުރިބާއާ އެކު ޕާޓީ ކޮޅަށް ޖެހޭނެ!

މާޒީގެ ވާހަކަ ފެށޭ ހިސާބަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިޔާސީ ހަޔާތްޕުޅާ ހަމައިންނެވެ. އެ މަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި ހިނގައިދިޔަ ކަންކަން މިފަހަރުވެސް ތަކުރާރު ވެދާނެ ކަމަށް ގަބޫލު ކުރުމުގެ ފުރުސަތު އެބައޮތެވެ. އަނެއްކާވެސް މިފެންނަނީ އެ މަންޒަރެވެ.

ޑީއާރްޕީ ދޫކުރައްވައި، ޕީޕީއެމް އުފައްދެވުމަށްފަހު ވެރިކަމަށް ގެންނެވުމަށް ރައީސް މައުމޫންގެ ޗޮއިހަކަށް ވީ ކޮއްކޯފުޅު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމެވެ. އެއަށްފަހު ޕީޕީއެމުންވެސް ފެނިގެން ދިޔައީ މިހާރު އެމްޑީޕީން ފެންނަމުންދާ މަންޒަރެވެ. ކޮއްކޯފުޅާ ހިޔާލު ތަފާތުވެ، މައުމޫނާއި ޔާމީނާ ދެމެދުގައި ވެސް ފާޑެއްގެ ކޯލިޝަނެއް އުފެދުނީއެވެ.

ކޯލިޝަން ފަޅައިގެން ގޮސް، އެންމެފަހުން މައުމޫނަށް ޕާޓީވެސް ގެއްލުނީއެވެ. ޕީޕީއެމް ދޫކުރައްވައި މައުމޫން އާ ޕާޓީއެއް އުފެއްދެވީއެވެ. ނަމަވެސް ކުރީގެ ތާއީދު އެމަނިކުފާނަށް އަނބުރާ ލިބިވަޑައެއް ނުގެންނެވިއެވެ. ޕާޓީއަށް 3،000 މެންބަރުން ހަމަކުރެއްވުނީ ކިރިޔާއެވެ. ހަތަރު އަހަރު ވެގެންދިޔައިރުވެސް ޕާޓީ ކޮޅަށް ޖެހޭ ގޮތެއް ނުވިއެވެ.

އެހެންކަމުން އަލުން އެހާލަތު އަތުވެދާނެ ކަމަށް ދެކޭ ގިނަ ބަޔަކު އެބަތިއްބެވެ. ނަމަވެސް އެހެން ނުވާނެކަމަށް ގަބޫލުކުރާ އެތައް ބަޔަކުވެސް އެބަތިއްބެވެ. އެއީ އޭރުގެ ހާލަތާއި މިހާރުގެ ހާލަތުގެ ތަފާތުކަމެވެ. ފިކުރެއްގެ ދިރުމުގެ މެންބަރުން ގަބޫލު ކުރައްވާ ގޮތުގައި ޑީއާރުޕީއަށް ވީހެން ނުވަތަ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމަށް ތާއިދު ގެއްލިގެން ދިޔަ ގޮތަށް ފިކުރެއްގެ ދިރުމަށް ތާއީދު ނުލިބި ނުދާނެއެވެ.

"ޑީއާރުޕީއަށް ވީހެން، ޕީޕީއެމަށް ވީހެން، ރައީސް މައުމޫނަށް ވީހެން، އެމްއާރުއެމަށް ވީހެން ވެދާނެއޭ. އަޅުގަނޑުމެންނަކީ ފިކުރެއްގެ މައްޗަށް ބިނާވެގެން އުފެދޭ ޕާޓީއެއް. މި ޕާޓީ އަބަދުވެސް މަސައްކަތްކުރާނީ ފިކުރެއް ދިރުވުމަށް އޭގެ އަސާސްތަކުގެ މައްޗަށް. ވަކި މީހެއް ވަށައި އެ މީހަކު ދިރުވުމަކަށެއް ނޫން،" އިލްޔާސް ވިދާޅުވިއެވެ.

"މައުމޫނާއި ނަޝީދާ ތަފާތަކީ ދެ ބޭފުޅުންގެ ޓީމް. ނަޝީދުގެ އޮތީ ވަރަށްވެސް ވަރުގަދަ، ބަސް ވިކޭ، ހާއްސަކޮށް ސިޔާސީ މައިދާނުގައި ވަރަށްވެސް ވަރުގަދަ ޝަހުސިއްޔަތުތަކެއް. އެހެންވީމަ ފިކުރެއްގެ ދިރުން ފެއިލް ނުވާނެ. އެކްސްޕީރިއަންސް މޮޅު ޓީމެއް އޮތީ. އެ ޓީމާއެކު ނަޝީދަށް ފިކުރެއްގެ ދިރުން ކޮޅަށް ޖެހޭނެ،" ސިޔާސީ ދާއިރާގެ ތަޖުރިބާކާރަކު "ވަން" އަށް ވިދާޅުވިއެވެ.

ފިކުރެއްގެ ދިރުމަކީ އެމްޑީޕީއަށް ބިރެއް؟

ފެކްޝަނެއް ވަކިވެ، އާ ޕާޓީއެއް އުފައްދާއިރު، އެމްޑީޕީން ގިނަ މެންބަރުންތަކެއްވެސް ވަކިވެގެންވެސް ދާނެއެވެ. ފިކުރެއްގެ ދިރުމުގެ މެންބަރުން ވެސް ވަނީ އާ ޕާޓީއަށް ގިނަ އަދަދެއްގެ އެމްޑީޕީ މެންބަރުން ވަންނާނެ ކަމަށް ބުނެފައެވެ. އެހެންކަމުން އެއީ އެމްޑީޕީއަށް އޮތް ބިރަކަށް ވާނެއެވެ.

"އަޅުގަނޑުމެންނަށް ރަނގަޅަށް ޓީމުތައް ކައިރީގައި މި ވާހަކަ ނުދެންނެވި، އެމީހުން އެމްޑީޕީން ވަކިވާން ފަށައިފި. ރާއްޖޭގެ އެކި ކަންކޮޅުތަކުން އެމްޑީޕީ މެންބަރުން މިހާރު އަޅުގަނޑުމެންނާ ގުޅައިގެން ތިމަންނަމެން ވަކިވަނީ ކިހިނެއްހެއްޔޭ، އާ ޕާޓީއަށް ތިމަންނަމެން ވަންނަނީ ކިހިނެއް ހެއްޔޭ. ފުދޭވަރެއްގެ ތަރުހީބެއް މިހާރު ވެސް ލިބިއްޖެ،" އީވާ ވިދާޅުވިއެވެ.

ހަމައެހެންމެ، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީއަށް މިވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީވެސް ގެއްލިފައެވެ. މެދުހެންވޭރު ދާއިރާގެ އަލީ އާޒިމް ވަކިކުރުމާއި 12 މެމްބަރުން ވަކިވެވަޑައިގެންނެވުމުން މިހާރު ތިއްބެވީ އެމްޑީޕީގެ 54 މެމްބަރުންނެވެ. އެއީ ނަޝީދު ނުހިމަނައެވެ. އެހެންކަމުން އާ ޕާޓީއާ އެކު މައިނޯރިޓީ ލީޑަރަށް ފިކުރެއްގެ ދިރުން ވެގެންދާނެއެވެ. އަދި އިދިކޮޅު ޓީމް ބޮޑުވެ، އެމްޑީޕީއަށް އިތުރު ފިއްތުންތައް ކުރިމަތިވާނެއެވެ.

މީގެ އިތުރުން ފިކުރެއްގެ ދިރުމުން ޕާޓީ އުފެއްދުމުގެ އިތުރަށް މިއަހަރުގެ ރިޔާސީ އިންތިހާބަށްވެސް ވާދަ ކުރާނެކަން މި ވަނީ އިއުލާންކޮށްފައެވެ. އިލްޔާސް ލަބީބް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި ފިކުރެއްގެ ދިރުމުގެ ނަމުގައި ކެންޑިޑޭޓަކު ހުންނާނެ" އެވެ. މިކަންވެސް ވެގެންދާނީ އެމްޑީޕީއަށް ޗެލެންޖަކަށެވެ. އެއީ އެމްޑީޕީއަށް ލިބެން އޮތް ވޯޓް ބައިބައިވުމެވެ. ހާއްސަކޮށް ފިކުރެއްގެ ދިރުމުގެ ކެންޑިޑޭޓަކަށް ރައީސް ނަޝީދު ހޮވިވަޑައިގެންފި ނަމަ، އެމްޑީޕީއަށް އޮތް އުނދަގޫ ބޮޑުވާނެއެވެ. ބިރަކަށް ޔަގީނުން ވާނެއެވެ. އެ ފިކުރުގެ ރިޔާސީ ކެންޑިޑޭޓެއް އަދި ރަސްމީކޮށް ކަނޑައެއް ނާޅައެވެ. އެކަމަކު އެއީ ރައީސް ނަޝީދަށް ވާނެ ކަމާމެދު ސިޔާސީ ދިރާސާވެރީން ޝައްކެއް ނުއުފައްދައެވެ.

މިހުރިހާ ކަމެއް މިގޮތަށް ހުރި ނަމަވެސް އެމްޑީޕީއަށް ބިރެއް ނެތް ކަމަށް އެ ޕާޓީން ބުނެއެވެ. އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިއްޔެ ވިދާޅުވި ގޮތުގައި ރައީސް ނަޝީދާއި ސަޕޯޓަރުންގެ ތެރެއިން ވަރުގަދަ ބޭފުޅުން ޕާޓީން ވަކިވެގެން ދިއުމުން އެމްޑީޕީއަށް އަސަރު ކުރިޔަސް އޭގެ ސަބަބުން ޕާޓީގެ ކުރިއެރުމަށް ގެއްލުމެއް ނުލިބޭނެއެވެ.

"އިރާދަފުޅުކުރެއްވިއްޔާ އަޅުގަނޑުމެންގެ މިހާރު ވެސް ކުރަމުންމިދާ މަސައްކަތުން އިތުރު ބައިވަރު މެންބަރުންތަކެއް ވައްދަމުން މިދަނީ، އެހެންވީމަ ނަމްބަރަކަށް ވެސް މާ ބޮޑު ބަދަލެއް ނާންނާނެ އަދި ވަކިވެގެން ދާ ނަމްބަރަށްވުރެ އިތުރު ނަމްބަރެއް އިރާދަފުޅުކުރެއްވިއްޔާ އަޅުގަނޑުމެންނަށް ހޯދެމުން މިދަނީ،" ފައްޔާޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ފިކުރެއްގެ ދިރުމުން ކުރިމަތިލުމަކުން ގެއްލުމެއް ނެތެވެ. އެމްޑީޕީން ކުރިންވެސް ހިސާބު ޖަހާފައި އޮތީ އެގޮތަށެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި އެ 12 މެންބަރުން ޕާޓީން ވަކިވެ އާ ޕާޓީއެއް އުފެއްދުމަކުން އެކަމުގެ އިތުރު ނޭދެވޭ އަސަރެއް އެމްޑީޕީއަކަށް ނުކުރާނެއެވެ. އެއީ ޖަހާފައި އޮތް ހިސާބެއް ކަމަށާއި މިދިޔަ ހަތަރުވަރަކަށް އަހަރުވެސް އެބޭފުޅުން ތިއްބެވީ އެމްޑީޕީއާ ދެކޮޅަށް ކަމަށް ފައްޔާޒް ތުހުމަތު ކުރެއްވިއެވެ. ރިޔާސީ އިންތިހާބު އެއްބުރުން އެމްޑީޕީ ކާމިޔާބު ކުރާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ފިކުރެއްގެ ދިރުމުން ރައީސް ނަޝީދު ވެރިކަމަށް ކުރިމަތިލައްވައިފި ނަމަ، އެމްޑީޕީއަށް ވާނީ ފައިދާއެވެ.

އެމްޑީޕީ ދެފަޅިވެ، އަލަށް އުފައްދަން ނިންމާފައިވާ ސިޔާސީ ޕާޓީ، ފިކުރެއްގެ ދިރުމުގެ ސަބަބުން ސިޔާސީ މައިދާނުގެ ސްކޭލް ބަދަލުވެގެން ދާނެއެވެ. މި ކަމުގެ ސަބަބުން ރިޔާސީ އިންތިހާބުގެ ފޯރިވެސް ގަދަވާނެވެ.

އެއްކަމެއް ސާފެވެ. ފިކުރެއްގެ ދިރުމުގައި އެ ބުނާ ފިކުރަކީ ނަޝީދުގެ ފިކުރުކަމަށް ދެކޭ މީހުން ގިނަ އެވެ. ދިރުވަން މި އުޅެނީ ނަޝީދުގެ ފިކުރު ކަމަށް އެމީހުން ދެކެއެވެ. އެނބުރެމުން މި އަންނަނީ ނަޝީދުގެ ފިކުރާއި ވިސްނުން އަލުން އަނބުރައި ކޮޅަށް ޖެހޭނެ ފޯމިއުލާއެއް ނެރުމުގެ ވާހަކައެވެ.

އެހެނަސް އެންމެންގެވެސް ނަޒަރު ހުއްޓިފައިވަނީ އަލަށް އުފައްދާ ޕާޓީ "ވައިގައި ހިފައި" އަސާސްތަކާ އެކު، ރައްޔިތުންގެ ތާއީދު ލިބޭނެ ޕާޓީއަށް ވާނެ ތޯ ނުވަތަ ނޫންތޯއެވެ. ނޫނީ އަނެއްކާވެސް މާޒީ އިޔާދަ ވާނީ ހެއްޔެވެ؟ މިއީ ރައީސް ނަޝީދުގެ ސިޔާސީ ހަޔާތް ކަފުންވުމުގެ ފަހު ކުޅި ހެއްޔެވެ؟ ނޫނީ މި ފިކުރާ އެކު ނަޝީދަށް އަލުން ކޮޅަށް ތެދުވެވަޑައިގެން އެ މަނިކުފާނުގެ ފިކުރު ދިރުވޭނެ ހެއްޔެވެ؟ ކުޅިބަލަން ތިބެމާ ހެއްޔެވެ!

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟