އެމްޑީޕީން ވަކިވެ، އާ ސިޔާސީ ޕާޓީއެއް ކަމަށްވާ "ފިކުރެއްގެ ދިރުން" އުފައްދަން އިސްކޮށް އުޅުއްވާ 12 މެމްބަރުންނަކީ ގޮތެއް ހުންނެވި މެމްބަރުންތަކެއްނަމަ، އެމްޑީޕީގެ ވަގުތު ރައްޔިތުން މަޖިލީހުގައި ބޭނުން ނުކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީ ކަމުނުގޮސްގެން ޕާޓީން ވަކިވެވަޑައިގެންނެވި މެމްބަރުންތަކެއް އެމްޑީޕީގެ ވަގުތު ބޭނުން ކުރެއްވުމުގެ ބަދަލުގައި އެ ވަގުތު ދޫކޮށްލައްވަން ޖެހޭ ކަމަށެވެ.

"އެއީ އަނެއްކާ އެ ކެނޑުނު 12 މެމްބަރުންގެވެސް ވަރަށް ގޮތެއް ނެތް ކަމެކޭ އަޅުގަނޑު ދަންނަވާނީ. އެއީ އިއްޔެ ޕްރެސް ކޮންފަރެންސްއެއްގަ މި ޕާޓީ ކަމުނުގޮސްގެން ޕާޓީން ވަކިވި ބޭފުޅުން އަޅުގަނޑުމެންގެ ޕާޓީގެ ވަގުތުގަ އަމިއްލަފުޅަށްވެސް އެ ވަގުތު ދޫކޮށްލަވަން ޖެހޭނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ވަކިވެވަޑައިގެންނެވި މެމްބަރުންނަކީ އެ މެމްބަރުން އެ ވިދާޅުވާފަދަ ޑިމޮކްރަޓިކް އަދި ޓްރާސްޕޭރެންޓް ބައެއް ނަމަ، މަޖިލީހުގައި އެމްޑީޕީއަށް ލިބޭ ވަގުތުގައި އެ މެމްބަރުން ވާހަކަ ނުދައްކާނެ ކަމަށާއި އެއީ ވަރަށް ބޮޑު ކޮރަޕްޝަނެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މައްސަލައިގައި އަމަލުކުރެއްވީ ކޮން އުސޫލަކުންކަން އެނގިވަޑައިނުގަންނަވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ޑިމޮކްރަސީގެ ވާހަކަ ވަރަށް ގަދަޔަށް ދައްކަވާ ބޭފުޅުންތަކެއް އެފަދަކަމެއް ކުރެއްވުމަކީ ވަރަށް ދެރަވަރު ކަމެއް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ވަކިވެވަޑައިގެންނެވި މެމްބަރުންގެ ފަރާތުން ޕާޓީއަށާއި ސަރުކާރަށް އެއްބާރުލުން ލިބިވަޑައިނުގަންނަވާތާ ތިން އަހަރު ވެފައިވާ ކަމަށާއި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ހިސާބު ޖަހާފައިވަނީ އެ މެމްބަރުން ނުހިމަނާ ކަމަށެވެ.

އެހެންކަމުން އެ މެމްބަރުން ޕާޓީން ވަކިވެވަޑައިގެންނެވިޔަސް ރިޔާސީ އިންތިހާބު އެއްބުރުން އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.