ޚަބަރު

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ޗާގޯސްއާއި އައްޑޫއާ ދެމެދު އޮތް ކަނޑުގެ އިގުތިސޯދީ ސަރަހައްދުގެ އިން ވަކިކުރި މައްސަލާގައި މި ސަރުކާރުން ދިވެހި މަސްކަނޑުތައް ވިއްކާލި ކަމަށް ބުނެ އިދިކޮޅުން އުފައްދައިގެން އުޅޭ މައްސަލައާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި އެވެ.

ޗާގޯސް މައްސަލާގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީއާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ތެރެއިން އުފައްދަވައިގެން އުޅުއްވާ ފިކުރެއްގެ ދިރުމަށް ނިސްބަތްވާ ބައެއް ބޭފުޅުންގެ އިތުރުން ސަރުކާރާ ދެކޮޅު ފަރާތްތަކާއި ޕާޓީތަކުން ގުޅިގެން ވަނީ އިއްތިހާދެއް ހަދައިފަ އެވެ.

އެ އިއްތިހާދުން މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފު ވިދާޅުވީ, ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ އާދަމް ޝަރީފު ވިދާޅުވި ގޮތުގައި, ގާނޫނުއަސާސީގެ 132 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކޮށްފައިވާ ގައުމީ އަދި ބައިނަލްއަގްވާމީ ކަންތައްތަކުގައި ސަރުކާރުގެ ސިޔާސަތު އެކަށައެޅުމުގައި ރައީސުލްޖުމުހުރިއްޔާއަށް ލަފާދިނުމަކީ ވަޒީރެއްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ނަމަވެސް ޝާހިދު އެފަދައިން އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވުމެވެ.

އޭގެ އިތުރުން ފޮރިން ސާވިސް ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅާ ހިންގާ އަދި އެ ސިޔާސަތުތައް ހިނގާ ނުހިނގާ ގޮއް ބެލުމަށް ރައީސުލްޖުމުހުރިއްޔާއަށް ފޮރިން މިނިސްޓަރު އެހީތެރިވެވަޑައިގަންނަވަން ޖެހޭނެކަން ބަޔާންކޮށްފައިވާއިރު, ޗާގޮސް މައްސަލާގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިއުމުން ނުވަތަ ވިއްކާލުމުން ރާއްޖޭގެ މަސްވެރިންނަށް އެހިސާބަށް ނުދެވުމަކީ މިނިސްޓަރު ޝާހިދުގެ އިހުމާލު އޮތް ކަމެއް ކަމަށް ވިދާޅުވިއެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 200 ނޯޓިކަލް މޭލް ލިބޭނެ ކަމަށް ބަޔާންކޮށްފައިވާއިރު އެ ހޯދުމުގެ ފުރުސަތު އޮތް ހާލަތެއްގައި އެ 200 މޭލު ހޯދުމަށް މަސައްކަތް ނުކޮށް ދޫކޮށްލުމަކީވެސް ޝާހިދުގެ އިތުބާތު ނެތް ކަމަށް ހުށަހެޅި ސަބަބެކެވެ.

އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު ކަނޑައަޅާފައިވާއިރު އެ ސަރަހައްދު ދިފާއު ކުރުމަށް ޝާހިދު މަސައްކަތް ކުރައްވާފައި ނުވާތީއާއި ފުށު އަރާ ސަރަހައްދެއް އޮވެއްޖެނަމަ ދެ ގައުމުގެ މެދުގައި ވާހަކަ ދައްކައިގެން އެގްރިމެންޓެއް ހަދަންޖެހޭ ހާލަތެއްގައި އެކަން ކުރުމަށް އެ ގާނޫނު ދަށުން ބަޔާންކޮށްފައިވި ނަމަވެސް އެކަމާ ބެހޭގޮތުން މަޝްވަރާއެއްވެސް ކޮށްފައި ނުވުމަކީވެސް ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ ސަބަބެއް ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.