މުޅި އެމްޑީޕީ ހަލާކުކޮށްލީ ރައީސް ނަޝީދަށް ވެރިކަން ހޯދައިދޭން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު، ރޮޒޭނާ އާދަމް، ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަށް ހޫނު ރައްދެއް ދެއްވައިފި އެވެ.
ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތުގައި އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުން އިއްޔެ ވަނީ އެމްޑީޕީން އިސްތިއުފާދެއްވައިފައެވެ. އިއްޔެ ހަވީރު އެބޭފުޅުން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އީވާ ވަނީ ރައީސް ސޯލިހު ދިފާއުކުރުމަށް މުޅި އެމްޑީޕީ ފުނޑާލައިފި ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އީވާގެ އެވާހަކަ ރިޕޯޓުކޮށްފައި އޮތް ނޫހެއް ޓެގް ކުރައްވައި ރޮޒޭ ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ އެކަން ހިނގީ އެހެން ނޫން ކަމަށާއި ހަގީގަތަކީ ޕާޓީ ފުނޑާލީ ނަޝީދަށް ވެރިކަން ހޯދައިދޭން ކަމަށް ވިދާޅުވެފަ އެވެ.
"ރައީސް ނަޝީދަށް ވެރިކަން ހޯދައިދޭން މުޅި ޕާޓީ ހަލާކުކޮށްލީ. މިއީ އެންމެނަށް ފެންނާން އޮތް ހަގީގަތެއް." ރޮޒޭގެ ޓުވީޓުގައި ވިދާޅުވި އެވެ.
ރޮޒޭގެ ޓުވީޓުގައި ވަނީ، ރައީސް ނަޝީދަށް ކުރިމަތި ނުލެވޭ ނަމަ، އެމްޑީޕީގެ އެހެން ކެންޑިޑޭޓެއް ދެން ނުހުންނާނެ ކަމަށް 2018 ގައި ވެސް ބުނިކަން ފާހަގަކުރައްވައިފައެވެ.
"ޕާޓީގެ ޑިމޮކްރެސީއަކީ، އަސާސަކީ އެއީތޯ؟ އޭރުވެސް ކެންޑިޑޭޓެއް ނެރެވުނީ ބައެއްގެ ހިތްވަރުން" ރޮޒޭ ވިދާޅުވިއެވެ.
ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ހީނަރުވަމުން އައިސް، އެ ގުޅުން އެންމެ ބޮޑަށް ގޯސްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ރައީސް ނަޝީދު ބަލިވެވަޑައިގެންނެވި ހިސާބުންނެވެ.
ފިކުރެއްގެ ދިރުމުން އިއްޔެ ބޭއްވި ޕްރެސްގައި ވަނީ އެ ބޭފުޅުން އިސްނަންގަވައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ. ރިޔާސީ ކެންޑިޑޭޓެއް ވެސް ނެރޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ސިޔާސީ
ސިޔާސީ
ސިޔާސީ
ސިޔާސީ