ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި ވަރުގަދަ ރެއާލް މެޑްރިޑް ބަލިކޮށް، މެންޗެސްޓާ ސިޓީން ފައިނަލް ޔަގީންކޮށްފިއެވެ.
ސިޓީން މިރޭ އަމިއްލަ ދަނޑުގައި އެންމެފަހުގެ ޗެމްޕިއަން ރެއާލް ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލެގު ރެއާލް ދަނޑުގައި 1-1 އިން އެއްވަރުވެފައި އޮތް އިރު، ސިޓީން ދެ ލެގު ކާމިޔާބުކުރީ 5-1 ގެ ތަފާތު ބޮޑު އެގްރިގޭޓް ނަތީޖާއަކުންނެވެ.
ސިޓީން ކްލަބު ތާރީހުގައި ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ފައިނަލް ޔަގީންކޮށްފައިވާ އިރު، މިއީ އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރަޕްގެ ރަސްކަމަށް އަރަން ލިބޭނެ ބޮޑު ފުރުސަތެކެވެ. ފައިނަލުގައި ސިޓީން ނުކުންނަން ޖެހޭނީ އިންޓަ މިލާނާ ދެކޮޅަށެވެ. ރެކޯޑު 14 ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރެއާލަށް މި ސީޒަން ނިންމާލަން ޖެހޭނީ ސްޕެނިޝް ކަޕްގެ ތަށްޓާއެކުގައެވެ.
ސިޓީން ޗެމްޕިއަންސް ލީގު ފައިނަލް ޔަގީން ކޮށްފައިވާ އިރު، އެޓީމުން އެއް ސީޒަނެއްގައި ތިން ތަށި ހޯދަން ކުރަމުންދާ މަސައްކަތަށް މިހާރު ވަނީ ބޮޑު އުންމީދެއް ލިބިފައެވެ. އިނގިރޭސި ޕްރިމިއާ ލީގު ހޯދަން ސިޓީއަށް އެންމެ މޮޅެއް ބޭނުންވެފައި އޮތް އިރު، އެޓީމުން އެފްއޭ ކަޕްގެ ފައިނަލުގައި ނުކުންނަން ޖެހޭނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. މީގެ ކުރިން އިނގިރޭސި ޓީމަކަށް އެއް ސީޒަނެއްގައި ތިން ތަށި ހޯދި ހަމައެކަނި ޓީމަކީ ޔުނައިޓެޑެވެ.
ސިޓީ ދަނޑުގައި މިރޭ ކުޅުނު މެޗު ވަރުގަދަކޮށް ފެށީވެސް ސިޓީންނެވެ. އެޓީމުން ވަނީ މެދުތެރެއިން ބޯޅަ ކޮންޓްރޯލުކޮށް، ރެއާލަށް އުނދަގޫތަކާ ކުރިމަތިކުރުވައިފައެވެ. ހާއްސަކޮށް މެޗުގެ ކުރީކޮޅުގައިވެސް ރެއާލަށް ސިޓީގެ ފޯވަޑް އާލިން ހާލަންޑްގެ އުނދަގޫ ކުރިމަތިކުރިއެވެ. އެންޓޯނިއޯ ރުޑިގާ ނުލައި މެޗަށް ނުކުތް ރެއާލަށް ހާލަންޑް ހިފަހައްޓަން އުނދަގޫވި އިރު، ކުރީކޮޅުގައި އޭނާ ބޮލުން ޖެހި ދެ ހަމަލާވެސް މަތަކުރީ ކީޕަރު ތީބޯ ކޯޓުއާއެވެ.
ސިޓީން އުފައްދަމުން ދިޔަ ހަމަލާތަކުގައި އެޓީމުގެ ފުރަތަމަ ގޯލު ޖެހީ 23 ވަނަ މިނެޓުގައެވެ. ކެވިން ޑި ބްރޭނާ ދިން ބޯޅަ، ބަނާޑޯ ސިލްވާ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ޑިފެންޑަރު ނައްޓާލައި ޖެހި ބޯޅަ އަމާޒުކޮށްލީ ގޯލުގެ ކުޑަ ކަނަށެވެ.
އެ ގޯލާއެކު ނުރައްކާކޮށް ކުޅެމުންދިޔަ ސިޓީން މެޗުގެ 37 ވަނަ މިނެޓުގައި ދެވަނަ ގޯލެއްވެސް ޖެހި އިރު، އެ ގޯލަކީ ބަނާޑޯ ސިލްވާ ބޮލުން ޖެހި ގޯލެކެވެ. ސިލްވާގެ ދެ ގޯލާއެކުވެސް ސިޓީން އެޓޭކަކަށްފަހު އެޓޭކަކަށް މަސައްކަތް ކުރި އިރު، ހާލަންޑަށް ލިބުނު އިތުރު ފުރުސަތެއް ފުރަތަމަ ހާފްގައި ބޭނުން ނުހިފި ދިޔައެވެ. އަނެއްކޮޅުން ރެއާލް ގޯލަކާ އެންމެ ގާތަށް ޖެހިލީ ޓޯނީ ކްރޫސްގެ ހަމަލާއިންނެވެ. އޭނާގެ ހަމަލާ އަމާޒުވީ ދަނޑިއަށެވެ.
ދެވަނަ ހާފުގައި ސިޓީން ތަންކޮޅެއް ބޮޑަށް ފަހަތަށް ޖެހިލައިގެން ފެށުމުން، ރެއާލުން ކޮންޓްރޯލުގައި ކުޅެމުންދިޔަ ނަމަވެސް، ރެއާލަށް ގޯލެއް ނުޖެހި އުޅެނިކޮށް ސިޓީން ތިންވަނަ ގޯލެއް ޖެހިއެވެ. އެ ގޯލަކީ އެޑާ މިލިޓާއޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ރެއާލަށް ފަހު ހާފުގައިވެސް މާ ބޮޑު ނުރައްކަލެއް ކުރެވިފައިނުވާ އިރު، ސިޓީން މެޗު ނިމިނިމި އޮއްވައި އިތުރު ގޯލެއް ޖަހައި ހަތަރު ގޯލުގެ ލީޑެއް ނެގިއެވެ. ސިޓީގެ ހަތަރުވަނަ ގޯލު ޖެހީ ބަދަލަކަށް ނުކުތް ޖޫލިއަން އަލްވަރޭޒެވެ.
މިއީ ސިޓީން 2021 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގު ފައިނަލަށް ނުކުންނާނެ ފުރަތަމަ ފަހަރެވެ. އެފަހަރު ފައިނަލުގައި ސިޓީ ބަލިވީ ޗެލްސީ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.