އަލަށް އުފައްދާ ސިޔާސީ ޕާޓީ "ފިކުރެއްގެ ދިރުމަކީ" އެމްޑީޕީން ދަރިވަރު ބައެއް އުފައްދާ ޕާޓީއެއް ކަމަށާއި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ޑިމޮކްރެޓިކް އުސޫލުން ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ ފިކުރެއްގެ ދިރުމުގެ ބޭފުޅުން ވަނީ އެމްޑީޕީން މިއަދު ވަކިވެ، "ފިކުރެއްގެ ދިރުން" ނަމުގައި އާ ޕާޓީއެއް އުފައްދަން ނިންމައިފައެވެ.
އެކަމާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޮޑުފެންވަޅުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީވާ ވިދާޅުވީ ފިކުރެއްގެ ދިރުމުގައި ތިބީ ރާއްޖޭގައި އެންމެ ބޮޑު ޑިމޮކްރެޓިކް މުއައްސަސާގެ މީހުން ކަމަށާއި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ފިކުރެއްގެ ދިރުމުގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ޑިމޮކްރެޓިކް އުސޫލުން ކަމަށެވެ.
"ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅަން. އަޅުގަނޑުމެންނަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ދަރިވަރުން އަޅުގަނޑުމެންނަކީ. ދިވެހިރާއްޖޭގެ ހިންގި އެންމެ ބޮޑު ޑިމޮކްރަޓިކް މުއައްސަސާގެ ދަރިވަރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަކީ. އެހެންވީމާ އެތެރޭގެ ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއްގެ ދަށުން އަޅުގަނޑުމެން، އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނީ،" އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ ފިކުރެއްގެ ދިރުމުގެ މަގާމުތަކަށް ވެސް މީހުން އައްޔަން ކުރާނީ ޑިމޮކްރެޓިކް އުސޫލުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި މައިނޯރިޓީ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ ކަމަށާއި އާ ޕާޓީއެއް އުފައްދަން ނިންމީ އެމްޑީޕީގެ އަސާސްތަކާ އެއްގޮތަށް މަޖިލީހުގައި ވަކާލާތު ނުކުރެވޭތީ ކަމަށް އީވާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަޖިލީހުގައި ސަރުކާރު ކުންފުނިތަކުން ހިންގާ ކޮރަޕްޝަނުގެ ވާހަކަ ނުދެއްކޭ ކަމަށާއި ވިޕް ލައިން ނެރެ، ވައްކަމާ ދެކޮޅަށް އަޑުއުފުލުން ފަޑުކޮށްލާ ކަމަށެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުން މަސައްކަތް ކުރީ ބިރު ދައްކައިގެން ވައްކަމުގެ ވާހަކަ ދެއްކުން ހުއްޓުވަން ކަމަށާއި އެގޮތުން ކޮމިޓީން ވަކިކުރާނެ ކަމަށާއި އެމްޑީޕީން ވަކިކުރާނެ ކަމަށް ބުނެ ބިރު ދެއްކި ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން މަސައްކަތް ކުރީ ސަރުކާރުން ބޭނުންވާ ގޮތަކަށް ފިކުރެއްގެ ދިރުމުގެ މެމްބަރުން ލައްވައި މަސައްކަތް ކުރުވަން ކަމަށާއި ނަމަވެސް ފިކުރެއްގެ ދިރުމުން ވަނީ ވައްކަން ބެލުމަށް މަޖިލީހަށް ގަރާރުތައް ހުށަހަޅާފައި ކަމަށް އީވާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު