ޚަބަރު

ޕާޓީ ދެބައި ނުކޮށް ކުރިއަށް ދެވޭނެ އެތެއް މަގެއް ދެއްކިން: ޝިއްޕެ

މުހައްމަދު އިޝާން

އެމްޑީޕީ ދެބައި ނުކޮށް ކުރިއަށް ދެވޭނެ އެތަައް ގޮތެއް ސަރުކާރަށް ދެއްކި ކަމަށާއި ނަމަވެސް ސަރުކާރުން ބޭނުންވީ އެމްޑީޕީގެ އަސާސްތަކާ ދުރަށް ގޮސް، ޕާޓީ ދެބައިކޮށްލަން ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ ފިކުރެއްގެ ދިރުމުން މިއަދު ވަނީ އެމްޑީޕީން ވަކިވެ "ފިކުރެއްގެ ދިރުން" ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމައިފައެވެ.

އަލަށް އުފައްދާ ސިޔާސީ ޕާޓީއާ ބެހޭގޮތުން މައުލޫމާތުދިނުމަށް ފިކުރެއްގެ ދިރުމުން ބޮޑުފެންވަޅުގޭގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިއްޕެ ވިދާޅުވީ ވޭތުވެދިޔަ ހަތް އަހަރު ތެރޭގައި ރާއްޖޭގައި ހަލާކުނުވެ، އަދި ހަލާކުވިޔަނުދީ އޮތް މުއައްސަސާއަކީ އެމްޑީޕީ ކަމަށެވެ.

ޝިއްޕެ ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް 2018 ގައި ގާއިމުކުރުމަށްފަހު އައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކު ފެނިގެންދިޔައީ އެމްޑީޕީގެ އަސާސްތައް ނެތިގެންދާ މަންޒަރު ކަމަށާއި އެ ހިސާބުން ފެށިގެން އެމްޑީޕީގެ އަސާސްތަކާ ހިލާފުވަމުންދާ ވާހަކަ ދައްކާފައިވާނެ ކަމަށެވެ. ނަމަވެސް އެންމެ މީހެއްގެ ސިޔާސީ ކުރިމަގަށްޓަކައި ހަލާކުނުވެ އޮތް ހަމައެކަނި މުއައްސަސާ ކަމަށްވާ އެމްޑީޕީ ހަލާކުކޮށްލި ކަމަށް ޝިއްޕެ ވިދާޅުވިއެވެ.

"އެކީގައި ކުރެވޭނެ ހުރިހާކަމެއް އަޅުގަނޑުމެން މަގުފަހިކޮށްދިނިން. މިފަދަ ޕްރެސް ކޮންފަރެންސެއްގައި ނުދެއްކިދާނެ ހުރިހާ ވާހަކައެއް. އެކީ އެކުގައި ދެވޭނެ ހުރިހާ ކަމެއް ދެއްކިން. އެހެންނަމަވެސް އޭރުގައި ހުރި ވެރިއަކަށް ނުކެރުނު ކަމެއް ތިމަންނާ ކުރަން ޖެހޭނެތާ. އެހެންވެ ހަލާކުކޮށްލީ ކަމަށް އަޅުގަނޑަށް ހީވަނީ،" ޝިއްޕެ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގައި އުޅެނީ ސިޔާސީ އުއްމީދެއްގައި ކަމަށާއި އެ އުއްމީދު ހާސިލުކުރަން މަސައްކަތް ކުރަނީ އެހެން މީހުންނާ ގުޅިގެން ކަމަށް ޝިއްޕެ ވިދާޅުވިއެވެ. އެމްޑީޕީ އެކުލަވާލީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި "މިކަން ތިބޭފުޅުންނަށް ޖޯކަށް ވާންވިއްޔާ ވާންވީ" ކަމަށް ޝިއްޕެ ވިދާޅުވިއެވެ. އެމްޑީޕީއަކީ ނަޝީދު އެކުލަވާލި ޕާޓީއެއް ކަމަށް މުޅި ދުނިޔެއިންނާއި ބައިނަލްއަގުވާމީ އިންސްޓިޓިއުޝަންތަކުން ގަބޫލުކުރާ ކަމަށެވެ.

ޝިއްޕެ ވިދާޅުވީ އެމްޑީޕީން ނަޝީދު އެއްފަރާތް ކުރަން ހަދައިގެން އެމަނިކުފާނު ވެއްޓުނީ މަރުގެ ތުންފަތްމައްޗަށް ކަމަށާއި އެކަމަށް އަދިވެސް އިންސާފު ލިބިފައިނުވާ ކަމަށެވެ.