ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރުގެ ދިރުމުގެ މެންބަރުން އުފައްދަން ނިންމާފައިވާ ސިޔާސީ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
ފިކުރެއްގެ ދިރުމުން ބޮޑުފެންވަޅުގޭގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލްޔާސް ވިދާޅުވީ އާ ސިޔާސީ ޕާޓީ އުފައްދަން ނިންމާފައިވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ކަމަށެވެ. އެ ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ އާ ޕާޓީއެއް އުފައްދަން ޖެހިއްޖެ ކަމަށް. އެގޮތުން އަޅުގަނޑުމެން މަޝްވަރާކުރުމަށްފަހު އަޅުގަނޑުމެން މި ނިންމީ ފިކުރެއްގެ ދިރުމުގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިފެށޭ ހަފުތާ ތެރޭގައި އިދާރީ މަސައްކަތް ނިންމުމަށްފަހު ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު ހުށަހަޅާނަން. އަދި އޭގެ ފަހުން ހަމަކުރަންޖެހޭ 3،000 ފޯމު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސް އަޅުގަނޑުމެންގެ ސިޔާސީ ޕާޓީގެ ރަޖިސްޓްރީގެ މަސައްކަތް ކުރިއަށް ގެންދާނަން،" އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އަލަށް ރަޖިސްޓްރީކުރާ ފިކުރެއްގެ ދިރުމުގެ ފަރާތުން ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އެމްޑީޕީއަށް އުއްމީދުތަކެއް ކުރި ކަމަށާއި ނަމަވެސް އެއިން އެއްވެސްކަމެއް ހާސިލުނުވެ އެމްޑީޕީގެ އަސާސްތައް މިހާރު ނެތިފައިވާ ކަމަށެވެ.
އީވާ ވިދާޅުވީ "ފިކުރެއްގެ ދިރުން" ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމީ އެހެންވެގެން ކަމަށާއި އަލަށް އުފައްދާ ޕާޓީއަށް އުއްމީދު ބޮޑު ކަމަށެވެ.