ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި ރޭ ކުޅުނު މެޗުގައި އޭސީ މިލާން ބަލިކޮށް، އިންޓަ މިލާނުން 13 އަހަރަށްފަހު ފައިނަލްގެ ޖާގަ ހޯދައިފިއެވެ.
ރޭ ސަން ސީރޯގައި ކުޅުނީ އިންޓަގެ ހޯމް މެޗެވެ. ރޭގެ މެޗަށްވެސް 80،000 އެއްހާ ސަޕޯޓަރުން ވަދެ އޮތް އިރު، ރޭ އަޑު ގުގުމަމުން ދިޔައީ އިންޓަގެ ސަޕޯޓަރުންނެވެ. މެޗު އިންޓައިން 1-0 އިން ކާމިޔާބުކޮށްފައިވާ އިރު، އެޓީމުން ދެލެގު ކާމިޔާބުކުރީ އެގްރިގޭޓް 3-0 ގެ ނަތީޖާއަކުންނެވެ.
އިންޓައިން މިފަހަރު ޗެމްޕިއަންސް ލީގު ފައިނަލަށް ގޮސްފައި ވަނީ 2010 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރެވެ. އެފަހަރު ޖޯސޭ މޮރީނިއޯގެ ކޯޗުކަމުގައި އިންޓައިން ތަށި ނަގާފައިވާ އިރު، އެއީ އިންޓަގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ސީޒަނެވެ. އެޓީމުން ވަނީ އެފަހަރު ޑޮމެސްޓިކް ދެ ތަށިވެސް ނަގައި، ޓްރެބަލް ފުރިހަމަ ކޮށްފައެވެ.
ޔޫރަޕްގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައި އޮތް މިލާނުން ރޭގެ މެޗަށް ނުކުތީ ފުރަތަމަ ލެގުގެ ނަތީޖާ އަނބުރާލުމަށެވެ. އަނިޔާގައި ހުރުމަށްފަހު ރަފޭލް ލެއާއޯ ރޭގެ މެޗަށް ނުކުތުމުން މިލާނަށް ހިތްވަރު އާވެގެން ގޮސްފައިވާ އިރު، މެޗުގެ ކުރީކޮޅުގައި އޭނާގެ ނުރައްކާވެސް ފެނިގެން ދިޔައެވެ.
އޭގެ އިތުރުން ބްރަހީމް ޑިއާޒާއި ތެއޯ ހެނާންޑޭޒް ފުރަތަމަ ކޮޅުގައި އުފެއްދި ހަމަލާތައް ފެނިގެން ގޮސްފައިވާ އިރު، ހާފުގެ ފަހުކޮޅުގައި އިންޓައިން މަޑުމަޑުން ނުރައްކާ ބޮޑުކުރިއެވެ. އެގޮތުން ފުރަތަމަ ލެގުގައިވެސް ގޯލު ޖެހި އެޑެން ޒެކޯ ހާފު ނިމެން ދަނިކޮށް ޖެހި ބޯޅައިގައި މިލާންގެ ގޯލްކީޕަރު މައިކް މައިގްނަންގެ ފަރާތުން ވަނީ ރަނގަޅު ސޭވެއް ފެނިގެން ގޮސްފައެވެ.
ދެވަނަ ހާފްގެ ކުރީކޮޅުގައި މާ ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިނުވާ އިރު، އިންޓަގެ ހަމައެކަނި ގޯލު، މެޗު ނިމެން 16 މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ އާޖެންޓީނާގެ ފޯވަޑް ލައުޓާރޯ މާޓިނޭޒެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު