ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުގެ ކުރީގެ ލީޑަރު އަލީ އާޒިމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން އެޅީ ސައްހަ ފިޔަވަޅެއް ނޫން ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ފިޔަވަޅު އަޅާ ކޮމިޓީގެ މުގައްރިރު މުހައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނެ ފިޔަވަޅު އަޅާ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމެއްގައި ވަނީ އާޒިމް އެ ޕާޓީން ވަކިވެފައިވާ ކަމަށް ނިންމައި އަދި ފަސް އަހަރަށް އޭނާއަށް އެ ޕާޓީގެ މަގާމަކަށް ކުރިމަތި ނުލެއްވޭނެ ގޮތަށް ނިންމައިފައެވެ. މީގެ އިތުރުން އާޒިމް އަލުން އެމްޑީޕީއަށް ގުޅިވަޑައިގެންނެވޭނީ މުޅިން އަލަށް އެ ޕާޓީއަށް ވަނުމަށް އެދޭ ސައްހަ 100 މެމްބަރުންގެ ފޯމު ހުށަހެޅުއްވުމުން ކަމަށް ވަނީ ނިންމައިފައެވެ.
ޝިއްޕެ "ވަން" އަށް މިރޭ ވިދާޅުވީ ފިޔަވަޅު އަޅާ ކޮމިޓީން އާޒިމަށް އެޅި ފިޔަވަޅަކީ ސައްހަ ފިޔަވަޅެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އާޒިމަށް ފިޔަވަޅު އަޅާފައިވަނީ ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ ސައްހަ ފިޔަވަޅެއް ކަމަށް. އެއީ އޭނާ އެކަން ކުރި ގޮތެއް ބުނެދޭން ފުރުސަތެއް ނުދޭ. ފިޔަވަޅު އަޅަން ނިންމި ސަބަބު ސާފުކޮށްދީފައެއް ނެތް. އާޒިމްގެ ފަރާތުން ނެތް އޭނާ އެކަމެއް ކުރި ގޮތެއް އަދި ކުރިކަމެއްކަން ސާފުކޮށްދީފައެއް،" ޝިއްޕެ ވިދާޅުވިއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން މެމްބަރުންނަށް ފިޔަވަޅު އަޅާ ކޮމިޓީ ޗެއާ ކުރުމަކީ ޕާޓީގެ ނައިބު ރައީސްގެ މަސްއޫލިއްޔަތެއް ކަމަށާއި ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުން ބާއްވާނެ ކަމާއި އެ ބައްދަލުވުން ބާއްވާނެ ގަޑިއެއް ކަނޑައެޅުމަކީ ނައިބުގެ ޒިންމާއެއް ކަމަށް ޝިއްޕެ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މެމްބަރުންނަށް ފިޔަވަޅު އަޅަން ކޮމިޓީ ބައްދަލުވުމެއް ބާއްވާކަން އެނގިވަޑައިގެންނެވީ ނޫސްތަކުން ކަމަށާއި އެ ކޮމިޓީ ބާއްވާ ސަބަބުން ސާފުކުރެއްވުމަށް ބެއްލެވި އިރު، ކޮމިޓީ ބައްދަލުވުން ބާއްވައި ނިންމައިފި ކަމަށެވެ.
ޝިއްޕެ ވިދާޅުވީ މެމްބަރުންނަށް ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގެ ގޮތުން ވަޓްސްއެޕް ގްރޫޕެއް ހަދައި އެ ގްރޫޕަށް މައުލޫމާތު އާންމު ކުރި ކަމަށެވެ. އަދި 4:30 ގައި ކޮމިޓީ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށް އެ ގްރޫޕުގައި ބުނެފައިވާ ކަމަށް ޝިއްޕެ ވިދާޅުވިއެވެ. އެ ގަޑިއަށް ބައްދަލުވުން ސެޓް ކޮށްފައިވާ ކަމަށް ގްރޫޕަށް މެސެޖުކުރީ 4:27 ގައި ކަމަށްވެސް ޝިއްޕެ ވިދާޅުވިއެވެ.
"އެ ގްރޫޕަށް އެ މެސެޖް ކުރުމަކީ އަޅުގަނޑަށް އެންގުން ކަމަށް މި ބުނަނީ. އެކަމަކު އެއީ އެކަން ކުރިއަށްދާން ޖެހޭ ގޮތެއް. ސެކްރެޓަރީ ޖެނެރަލްގެ ކިބައިން މައުލޫމާތު ސާފުކުރުމުން މި ބުނީ އެއީ ޑެޕިއުޓީ ޗެއާޕާސަން އިބުރޭ ވިދާޅުވި ގޮތޭ. އެކަމަކު އޭނާއެއް ނޫން ބައްދަލުވުން ބާއްވާނެ ގަޑި ކަނޑައަޅައި ކޮމިޓީ ހިންގަން ޖެހެނީ. އެއީ އަޅުގަނޑުގެ ކަމެއް،" ޝިއްޕެ ވިދާޅުވިއެވެ.
ޝިއްޕެ އިތުރަށް ވިދާޅުވީ ސެކްރެޓަރީ ޖެނެރަލުން މިރޭ 9:00 ގައި އޭނާއަށް ގުޅައި، 9:30 ގައި ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާކަން އެންގި ކަމަށާއި އަދި އެއީ އިބުރޭ ބޭނުންވި ގަޑި ކަމަށް ވިދާޅުވި ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން އިބްރޭ "ވަން" އަށް ވިދާޅުވީ ޕާޓީގެ އެއްވެސް ކަމެއް އެކަމަށް ހަމަޖެހިފައިވާ ގޮތާ ހިލާފަށް ކުރިއަށް ގެންގޮސްފައިވާ ނަމަ، ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުފާނު ކުރެވޭނެ ކަމަށެވެ.
އަލީ އާޒިމް އެމްޑީޕީން ވަކިކުރީ، ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އޭނާ ކުރެއްވި ކަންތައްތަކެއް ފާހަގަކޮށް އޭނާއަށް ފިޔަވަޅު އަޅައިދިނުމަށް އެދި ޕާޓީގެ ޕީޖީ ގްރޫޕުން، އެ ޕާޓިގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހެޅުމުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ މި މަހުގެ 11 ވަނަ ދުވަހު އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަރތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް އިދިކޮޅު މެންބަރުންނާ އެކު ސޮއި ކުރުމާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިދިކޮޅު ފަރާތްތަކުން ފާޑު ކިޔައި، ސަރުކާރާ ދެކޮޅު ހެދުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވުމެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް "ވަން" އަށް ރޭ ވިދާޅުވެފައިވަނީ ބާކީ ތިބި މެމްބަރުންނަށް ފިޔަވަޅު އެޅުމަށް ހުށަހަޅާފައިވަނީ އެ މެމްބަރުން މަޖިލީހުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމާއި ވިޕްލައިނާ ހިލާފުވެ، ޕާޓީގެ ގަވާއިދުތަކާ ހިލާފަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ ކަމަށެވެ.
އެ މެމްބަރުންނަކީ އާޒިމްގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރައްވާ މެމްބަރުންނާ މެދު ފިޔަވަޅު އަޅާނެކަމަށް އަސްލަމް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. އަދި އަސާސީ ގަވާއިދާ ހިލާފުވެ، ވިޕްލައިންތަކާ ހިލާފަށް ވޯޓު ދިން މެމްބަރުންނަށްވެސް ވަނީ މީގެ ކުރިން ފިޔަވަޅު އަޅައިފައެވެ.
ވިޕްލައިނާ ހިލާފުވެގެން އިލްޔާސްއާއި ހަސަން ލަތީފާއި ޔާސިރާއި އިންތިއަށް ވަނީ ނަސޭހަތްދީ، ފިޔަވަޅު އަޅައިފައެވެ.
ވިޕާ ހިލާފުވުމުން އެމްޑީޕީން އަޅާ ފިޔަވަޅުތަކަކީ ފުރަތަމަ ފަހަރު ނަސޭހަތްދިނުން، ދެ ވަނަ ފަހަރަށް ނަސޭހަތްދީ، މައާފަށް އެދެން އެންގުން، ތިން ވަނަ ފަހަރު ޕާޓީން ދޭ އިނާޔަތްތައް ކަނޑައިލުން، ހަތަރު ވަނަ ފަހަރު ނަމަ ޕާޓީގެ މަގާމެއްގައި ހުރި މީހެއް ނަމަ ވަކިކުރުމާއި އިންތިހާބެއްގައި ކުރިމަތިލުން އަހަރަކަށް މަނާކުރުން އަދި ފަސް ވަނަ ފަހަރު ނަމަ ޕާޓީން ވަކިކުރުމެވެ.