(މިއީ 16 މެއި 2023 ގައި ވަން ގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ.)

ހަތް ފޮޅުވަތުގައި ގެނެސްދޭނީ މުޖުތަމައުގެ ތެރެއިން ފެންނަ ނުވަތަ އިވުނު އަޑެއްގެ ވާހަކައެވެ. ކޮންމެވެސް މުހިންމު ކަމެއް ވާހަކައެވެ. މާބޮޑު ތަފްސީލެއް ނޯންނާނެ އެވެ. އިންޓަވިއުތަކެއްވެސް ނުހުންނާނެ އެވެ. އޮންނާނީ ހަތް ފޮޅުވަތެވެ. މަޝްވަރާއާއި ބަހުސް ދޫކޮށްލާނީ ކިޔުންތެރީންނަށެވެ.

------------

"ބައްޕީ މައި ބެކް ހާޓްސް، ކެންޔޫ ހޯލްޑް ދަ ބޭގް؟" މިއީ ގުރޭޑް ފަހެއްގައި ކިޔަވާ އަހަރެންގެ ދަރިފުޅު ކޮންމެ ދުވަހަކު ކުރާ ޝަކުވާއެކެވެ. ގެއިން ސްކޫލާއި ހަމަޔަށް ދެވޭންދެން ދަރިފުޅުގެ ފަސް ކިލޯގެ ފޮތްދަބަސް އުފުލައިދެނީ އަހަރެންނެވެ. އާންމުގޮތެއްގައި އުފުލަން ބަލާއިރު، މައިބަދައިގައި "ކަމެއްނެތް" އަހަރެންނަށްވެސް އެއީ ލުއި މިންވަރެއް ނޫނެވެ.

ސްކޫލު ކައިރިޔަށްގޮސް ގޭޓުން ވަންނަ ގަޑިޖެހުމުން، ދަރިފުޅުގެ ކޮނޑުގައި އެ ދަބަސް އަޅުވައިލުމުން އެކުއްޖާގެ ބުރިކަށި އިތިވެގެންދެއެވެ. ހަށީގައިހުރި ހިތްވަރެއްލައި، އެއްކަލަ ފޮތްދަބަސް ހިފައިގެން އިއްޗަށް ކަހަލަ ގޮތަކަށް އޮވެގެން، ސްކޫލަށް ވަދެގެން އެތައް ބުރިއެއްގެ މަތީގައި ހުންނަ އެކުއްޖާގެ ކުލާހާ ހަމައަށް ދާނެ ހާލު ހިތަށް އެރުމުން އަހަރެންގެ ހިތުގައިނުޖެހޭ އެންމެ ދުވަހެއްވެސް ނުދެއެވެ.

މައިބަދަ "ރޫޅިފައި" ހުރި މީހަކު ނޫނީ މިރާއްޖެއަކުން އަހަރެމެންނަކަށް ނުފެނެއެވެ. މިފަދަ ތަހުޒީބީ، ޑިޖިޓަލް ޒަމާނެއްގައި، ކޮންމެ ދުވަހަކު މާސިންގާ ޓެކްސްޓް ފޮތްތައް ސްކޫލުން ގެއަށް، ގެއިން ސްކޫލަށް އުފުލަން ނުޖެހޭނެ ގޮތަކަށް، ނުވަތަ ފޮތްދަބަސް މިހާރަށްވުރެ ލުއިވާނެ ގޮތަކަށް ކަންކަން ބަދަލުކުރުމަކީ އަދިވެސް މުހިންމު ކަމަކަށް ނުވަނީ ހެއްޔެވެ؟