އިޓަލީގެ ގަދަ ދެބާރުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި މިރޭ އަނެއްކާވެސް ގަދަ ހިފުމަކަށް ނުކުންނާނެއެވެ. އޭސީ މިލާނުން މަސައްކަތް ކުރަނީ 2007 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ފައިނަލަކަށް ދަތުރު ކުރުމަށެވެ. ވާދަވެރި ސިޓީ ރައިވަލް އިންޓައިން މަސައްކަތް ކުރަނީ 2010 ވަނަ އަހަރަށްފަހު އަލުން ޗެމްޕިއަންސް ލީގެއް ފައިނަލްގެ ފުރުސަތު ހޯދުމަށެވެ.
އެއް ސްޓޭޑިއަމެއްގައި މެޗުތައް ކުޅެމުން އަންނަ މިލާންގެ ދެޓީމުން ސެމީ ފައިނަލް ފުރަތަމަ ލެގުގައި ކުޅުނު މެޗު އިންޓައިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެމެޗަކީ އިންޓައަށް އަވޭ މެޗެވެ. މެޗު ބެލުމަށް 80000 އެެއްހާ ސަޕޯޓަރުން ވަދެފައިވާ އިރު، ދަނޑުން ގުގުމީ އޭސީ މިލާން ސަޕޯޓަރުންގެ އަޑެވެ. ވިހުރިވީ އޭސީ މިލާންގެ ރަތާއި ހުދުގެ ދިދަތަކެވެ. ސަޕޯޓަރުންގެ އެ ހާލަތު މިރޭ ބަދަލުވާނެއެވެ. މިރޭ އިންޓައިން ނުކުންނާނީ އެޓީމުގެ ސަޕޯޓަރުން ގިނަ ސަން ސީރޯއެއްގައެވެ. ފައިދާ ބޮޑީ އިންޓައަށެވެ. އެހެންނަމަވެސް އޭސީ މިލާންގެ ކޯޗު ސްޓެފާނޯ ޕިއޯލީ ހުރީ އެކަމަށް ދޫދޭނެ ވިސްނުމެއްގައެއް ނޫނެވެ.
"އަހަރެމެންނަށް އެނގޭ އަހަރެމެން ފަށަން ޖެހެނީ ގެއްލުމެއްގައި އޮވެގެންކަން. އެހެންވިޔަސް، އަހަރެމެންގެ ޓީމުގައި ނަތީޖާ އަނބުރާލުމުގެ ގާބިލުކަން އެބަހުރި. މިހާލަތުގައި އޭސީ މިލާނަށް ފައިނަލަށް ދެވޭނެކަން ގަބޫލުކުރާނެ މީހެއްވެސް ނުހުންނާނެކަން އަހަންނަށް އެނގޭ. އެހެންނަމަވެސް، ވަރުގަދަ އެންމެ މެޗަކުން އެކަން ބަދަލުކުރެވިދާނެ. މިސްޓޭކްތައް އެ މެޗުގައި ހެދުނު، އެހެންވިޔަސް އެއީ މާޒީ،" ޕިއޯލީ ބުންޏެވެ.
އިންޓައަށް ފުރަތަމަ މެޗުގައި ގޯލުތައް ޖަހައިދިނީ އެޑިން ޒެކޯއާއި ހެންރިކް މިކިތާރިއަންއެވެ. އެ މެޗުގެ މަތިން ހަނދާން ނައްތާލާނެ ކަމަށް ޕިއޯލީ ބުނި އިރު، އޭނާ އިތުރަށް ބުނީ ސީޒަން ފެށިއިރު އޭސީ މިލާން ސެމީގައި އޮންނާނެ ކަމަށްވެސް މީހުން ގަބޫލުނުކުރާ ކަމަށާއި، އެހެން ގަބޫލުނުކޮށް ތިއްބާ ނަތީޖާ ނެރެވިދާނެ ކަމަށެވެ.
މިހާތަނަށް ހަތް ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އޭސީ މިލާނަށް މިރޭގެ މެޗުގައި ލިބޭނެ އެންމެ ބޮޑު ހިތްވަރަކީ އަނިޔާގެ ސަބަބުން ފުރަތަމަ ލެގު ގެއްލުނު ޕޯޗުގީޒް ވިންގް، ރަފޭލް ލެއާއޯ ފިޓްވެފައި ހުރުމެވެ. ކޯޗު ޕިއޯލީގެ ނަޒަރުގައިވެސް އުމުރުން 23 އަހަރުގެ ލެއާއޯ މެޗަށް ފިޓްވުމަކީ ޓީމަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ.
މެޗާ ގުޅިގެން އިންޓަ މިލާންގެ ކޯޗު ސިމއޯން އިންޒާގީ ބުނީ "މެޗަކީ އިންޓަގެ ތާރީހުގައިވެސް އެންމެ މުހިއްމު މެޗު،" ކަމަށާއި، ފުރަތަމަ ލެގުގައި އިންޓައަށް މޮޅު ހައްގު ކަމަށެވެ. އަދި މިރޭގެ މެޗަށް ނުކުންނާނީވެސް އެކަން ދަނެ. ޓީމުގެ ފުރިހަމަ މަސައްކަތް ދައްކަން ކަމަށްވެސް އިންޒާގީ ބުންޏެވެ.
އޭގެ އިތުރުން އިންޒާގީ ބުނީ ޗެމްޕިއަންސް ލީގު ފައިނަލަކީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ހުވަފެނެއް ކަމަށާއި، އެކަމަށް ދެން މަސައްކަތް ކުރަން ޖެހޭނީ މިރޭ މިލާނާ ދެކޮޅަށް ކުޅޭ 90 މިނެޓުގައި ކަމަށެވެ. އަދި ފައިނަލަށް ދާން އެންމެ މުހިއްމީ "ހަމަޖެހިލައިގެން ކުޅެ، ހިތްތިރިކޮށް އެޓިޓިއުޑް،" ގެންގުޅުން ކަމަށްވެސް އިންޒާގީ ބުންޏެވެ.
ޗެމްޕިއަންސް ލީގު ސެމީގެ ދެވަނަ ލެގުގައި އިންޓައާއި އޭސީ މިލާން ވާދަކުރާ މެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ މެންދަމު 12 ޖަހާއިރުއެވެ.