ހުޅުމާލޭގެ މަގުތަކުގައި ޑިވައިޑަރުތަކާއި މަގު ހުރަސް ލައިޓުތައް ހަރުކުރަން ނިންމައިފިއެވެ.

އާބަންކޯއިން މިރޭ ނެރުނު ބަޔާނެއްގައި ހުޅުމާލޭގައި އާބާދީ އިތުރުވެ، ކާރުބާރު ބޮޑުވުމުގެ ސަބަބުން އެކްސިޑެންޓް ހިނގާ މިންވަރު އިތުރުވެފައިވާތީ އެކަމަށް ހައްލު ހޯދުމަށް ކަމާބެހޭ އިދާރަތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ފުލުހުންނާއެކު ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލޭ މަގުތަކުގައި ހިނގާފައި އުޅޭ މީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ފަސޭހަވާނެހެން އަދި ރައްކާތެރިވާނެ ގޮތްތަކެއް ހޯދުމަށް ޕްލޭނެއް އެކުލަވާލައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިގޮތުން، ވަގުތުން ގެނެވެން ހުރި ބަދަލުތައް ދެނެގަނެ، އެކްސިޑެންޓް ނުވަތަ ހެޑް އޮން ކޯލިޝަން މަދުކުރުމަށް ބޮޑެތި މަގުތަކުގެ މެދުގައި ޑިވައިޑަރުތަކެއް ހަރުކުރަން މިހާރު ވަނީ ނިންމާފައެވެ. މިކަން ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޔޫ ޓާން ނަގާ ފަރާތްތައް ގަވައިދާ އެއްގޮތަށް އެކަން ކުރުމަށް ބާރު އެޅުމެވެ. އަދި މިކަން އަންގާދޭ ބޯޑުތައް ވެސް މަގުމަތީގައި ހަރުކުރުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ހިނގާފައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން އިތުރު ކުރުމަށް ޕެޑެސްޓްރިއަން ކްރޮސިން ލައިޓުތައް ހަރުކުރުމުގެ މަސައްކަތްތަކުގެ ދަށުން، ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ލައިޓް ހަރުކުރެވި ޓެސްޓިންގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ. މި ލައިޓްތައް ހުޅުމާލޭގެ ކާރު ބާރު ބޮޑު ޖުމްލަ އަށް ސަރަހައްދެއްގައި ހަރުކުރެވިގެން ދާނެ،" އާބަންކޯއިން ބުންޏެވެ.

އާބަންކޯއިން ބުނީ ފުލުހުންނާ ގުޅިގެން ހުޅުމާލޭ މަގުތަކުގެ ފްލޯއަށް ބަދަލު ގެނައުމަށް މަޝްވަރާކޮށް މިހާރު ދަނީ އެކަން ކުރަމުން ކަމަށެވެ.

އެގޮތުން ބައެއް މަގުތަކުގެ ޓްރެފިކް ފްލޯ ބަދަލުކޮށް ރައްކާތެރި ގޮތްތަކެއް އަދި އާއްމުންނަށް ފަސޭހަވާނެ ގޮތްތަކެއް ބަލައި، މަގުތަކަށް ބަދަލުތައް ގެނެވޭނެ ކަމަށް އާބަންކޯއިން ބުންޏެވެ.

ހުޅުމާލެއަކީ ރައްކާތެރި މާހައުލަކަށް ހެދުމަށް އާބަންކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.