ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ނެރުނު މިދިޔަ އަހަރުގެ ކޯޕަރޭޓް ގަވަނަންސް ކޯޑު ރިވިއުގައި، ރާއްޖޭގެ ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން އެންމެ މަތީ ނަތީޖާއެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހޯދައިފިއެވެ.
ސީއެމްޑީއޭގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މުޅި މާކެޓުގެ ކޯޕަރޭޓް ގަވަނަންސް ކޮމްޕްލަޔަންސް ނުވަތަ ގަވާއިދުތަކަށް އަމަލުކުރާ މިންވަރު ވަނީ 92.9 އިންސައްތައަށް ކުރި އަރައިފައެވެ. މިއީ 2024 ވަނަ އަހަރުގެ 88 އިންސައްތަ އަދި 2023 ވަނަ އަހަރުގެ 86 އިންސައްތައާ އަޅައިބަލާއިރު ބޮޑު ކުރިއެރުމެކެވެ.
އެސްޓީއޯއިން 97.5 އިންސައްތައިގެ ނަތީޖާއެއް ހޯދާފައިވާ އިރު، އެ ކުންފުނީގެ ހިންގުމުގެ ނިޒާމުގައި ހުރި ރަނގަޅު ގިނަ ކަންތައްތަކެއް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި، ކޮންމެ އަހަރަކު ޑިރެކްޓަރުންގެ ބޯޑު އެއްކޮށް އަލުން އިންތިހާބުކުރުން ހިމެނެއެވެ.
މީގެ އިތުރުން، ޑިރެކްޓަރުންނަށް ތަމްރީނު ދިނުމަށް އެ ކުންފުނިން ކުރާ ހޭދަ ވަރަށް ތަފްސީލުކޮށް ހާމަކޮށްފައިވާކަން ސީއެމްޑީއޭއިން ފާހަގަކުރިއެވެ. އެގޮތުން، ޑިރެކްޓަރުންގެ ތަމްރީނުގެ 8 ޕްރޮގްރާމެއް ފުރިހަމަކޮށް، އެކަމަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ (1،025،597 ރުފިޔާ) އެސްޓީއޯއިން ހޭދަކޮށްފައިވެއެވެ. އަދި ގަވަނަންސްއާ ގުޅޭ މައުލޫމާތު ދިނުމަށް ކޮންމެ މަހަކު ނެރޭ ނިއުސްލެޓާގެ 12 އަދަދެއް ނެރެފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.
އެސްޓީއޯގެ އެތެރޭގެ އޮޑިޓް ނިޒާމު ރޭވިފައިވާ ގޮތަށް ބަލާއިރު، ޗީފް އޮޑިޓް އެގްޒެކެޓިވް ރިޕޯޓުކުރަނީ އޮޑިޓް އެންޑް ރިސްކް ކޮމިޓީގެ ޗެއާޕާސަނަށެވެ. އަދި އިދާރީ ގޮތުން ރިޕޯޓުކުރަނީ ޗީފް އެގްޒެކެޓިވް އޮފިސަރަށެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ސަސްޓެއިނަބިލިޓީ ރިޕޯޓިންއަށް އެ ކުންފުނި ތައްޔާރުވެފައިވާ މިންވަރު ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެސްޓީއޯއާ ގުޅޭގޮތުން ރިޕޯޓުގައި ފާހަގަކޮށްފައިވާ ހަމައެކަނި މައްސަލައަކީ، އޮޑިޓް ކޮމިޓީގައި މާލީ ދާއިރާގެ ތަޖުރިބާކާރުން ތިބެންޖެހޭ އަދަދު ހަމަނުވުމެވެ. ކޯޑުގައި ބަޔާންކުރާ ގޮތުން އޮޑިޓް ކޮމިޓީގައި މާލީ ދާއިރާގެ ދެ މެންބަރުން ތިބެންޖެހޭ އިރު، އެސްޓީއޯގެ ކޮމިޓީގައި އިންނެވީ އޭސީސީއޭ އެފިލިއޭޓެއް ކަމަށްވާ ކޮމިޓީގެ ޗެއާޕާސަން އެކަންޏެވެ.
ސީއެމްޑީއޭގެ ރިވިއުގައި ޖުމްލަ 8 ކުންފުންޏެއް ވަޒަންކޮށްފައިވެއެވެ. މިއީ މިއަހަރުގެ ޖޫން 30 ގެ ނިޔަލަށް މިދިޔަ އަހަރުގެ މާލީ ބަޔާންތައް އާންމުކުރި ކުންފުނިތަކެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަދި ސެންޗޫރިއަން ޕަބްލިކް ލިމިޓެޑްގެ އަހަރީ ރިޕޯޓުތައް އާންމުކޮށްފައި ނުވާތީ، އެ ދެ ކުންފުނި މި ރިވިއުގައި ހިމަނާފައެއް ނުވެއެވެ. ވަޒަންކުރި ކުންފުނިތަކުގެ ތެރެއިން އެންމެ ދަށް ނަތީޖާއެއް ލިބުނީ 88.6 އިންސައްތަ ހޯދި މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށެވެ.
ރިޕޯޓުގައި މާކްސް ދީފައިވާ ހަ ބައިގެ ތެރެއިން ހަތަރު ބަޔަކުން ހުރިހާ ކުންފުންޏެއް ވަނީ ފުރިހަމައަށް ކޯޑާ އެއްގޮތަށް އަމަލުކޮށްފައެވެ. އެއީ މުސާރައާއި އިނާޔަތްތަކާ ގުޅޭ ބަޔާއި، ހިއްސާދާރުންގެ ހައްގުތަކާއި، މައުލޫމާތު ހާމަކުރުމުގެ އިތުރުން މައްސަލަތައް ހުށަހެޅުމުގެ ނިޒާމާ ގުޅޭ ބައެވެ. މުޅި މާކެޓަށް ބަލާއިރު، ކުންފުނިތަކުގެ ބޯޑުތަކުގައި އަންހެނުން ހިމެނޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. 2023 އަދި 2024 ވަނަ އަހަރު އެންމެ ބޮޑަށް ފާހަގަކުރެވުނު މި މައްސަލަ ހައްލުވެ، ބޯޑުގައި އަންހެނުން ހިމެނުމާ ގުޅޭ މާއްދާއާ ހިލާފުވެގެން އެއްވެސް ކުންފުންޏެއް މިފަހަރު ފާހަގަކޮށްފައެއް ނުވެއެވެ. ހަމައެއާއެކު، މުސާރައާއި އިނާޔަތްތަކާ ގުޅޭ ކަންކަން ހާމަކުރުމުގައި ވެސް ހުރިހާ ކުންފުންޏަކުން ވަނީ ފުރިހަމައަށް ކޯޑަށް އަމަލުކޮށްފައެވެ.
ސީއެމްޑީއޭގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މާކްސް ދީފައިވާ 83 މާއްދާގެ ތެރެއިން 65 މާއްދާއަކަށް ހުރިހާ ކުންފުންޏަކުން ވެސް ވަނީ ފުރިހަމައަށް އަމަލުކޮށްފައެވެ.
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
ކޮމެންޓް