ފުއްގިރި މައްސަލައިގައި ދަށުކޯޓަށް ހުށަހެޅި ހެކިތަކެއް ރައްކާތެރިކުރުމަށް އެ ކޯޓުން ނިންމުމާ ގުޅިގެން އެ ހެކިތައް ބަލައިނުގަތުމަށް ސުޕްރީމް ކޯޓަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި މައްސަލައިގެ ހުކުމް ޔާމީންއާ ދެކޮޅަށް ނިންމައިފިއެވެ.

ދައުލަތުން ޔާމީންގެ މައްޗަށް ފުއްގިރި މައްސަލައިގައި ކުރާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާތަކުގެ ދިފާއުގައި އެމަނިކުފާނު ހުށަހެޅި ބައެއް ހެކިތައް ބަލައިނުގަތުމަށް ކުރިމިނަލް ކޯޓުން ވަނީ ނިންމައިފައެވެ. ދަށު ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން، މައްސަލަ ބެލުމަށްފަހު ހައި ކޯޓުން ހުކުމްކުރީ ކުރިމިނަލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.

ހައި ކޯޓުގެ ހުކުމާމެދު ހިތްހަމަނުޖެހިގެން ޔާމީންގެ ފަރާތުން ވަނީ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އެ މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން މިރޭ ކުރި ހުކުމުގައި ބުނީ ޔާމީންގެ ފަރާތުން ޝަރީއަތުގައި ވަނީ ދައުލަތުން ކުރާ ދައުވާއާ ގުޅުން ހުރި ހެއްކާއި ގުޅުން ނެތް ހެކި ވަކިކުރަން ޖެހޭނެ ކަމަށް ވާހަކަދައްކާފައި ކަމަށެވެ.

ޔާމީންގެ އެ ނުކުތާއާ ގުޅިގެން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓުން ވަނީ މީގެ ކުރީގެ ގަޒިއްޔާއެއްގައި އެކަމާ ގުޅިގެން ވަރަށް ތަފްސީލީ ގޮތެއްގައި ހުކުމް ކޮށްފައި ކަމަށެވެ. އެގޮތުން ދައުވާގެ ވާގިއާ (ޝަރީއަތުގައި އޮތް މައްސަލައެއް ސާބިތުވުމާއި ނުވުން އެ މައްޗަށް ބިނާވެގެންވާ ހަގީގަތްތަކާއި އަސްލުތަކާއި ނުކުތާތައް) ބަދަލުވާނެ ހާލަތްތަކާއި އަދި ދައުވާ ލިބޭ މީހާގެ ނިޔަތާ ގުޅުންހުރި ކަންކަން ބަޔާންކޮށްދޭ ވާގިއާ ތަކަކީ ކޮބައިކަން އެ ގަޒިއްޔާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެ ގަޒިއްޔާގައިވާ ގޮތުން ދައުވާއާ ގުޅުންހުރި ހެއްކަކީ ގާނޫނީ ޝަރުތުތައް ފުރިހަމަވާން ޖެހޭ ހެކިތަކަށް ވާން ޖެހޭނެ ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ. ދައުވާއަކާ ގުޅިގެން ހަސްމުން ހުށަހަޅާ ގުޅުންހުރި ހެކިތަކަށް ބުރަދަން ދޭންޖެހޭ މިންވަރު ނުވަތަ ރިއާޔަތް ކުރަންވީ މިންވަރު ކަނޑައަޅާނީ ފަނޑިޔާރު ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ދައުވާއާ ގުޅުން ނެތް ހެއްކެއް ބަލައިގަތަސް، އެ ހެކީގެ ސަބަބުން އަދުލު އިންސާފު ގެއްލިފައިނުވާނަމަ، އެ ހެކި ބަލައިނުގަތުމަށް ނިންމަންޖެހޭ ސަބަބެއް ނެތްކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

ރައުޔުގައި އެގޮތަށް ފަނޑިޔާރު ހުސްނުއްސުއޫދު ފާހަގަކުރެއްވި ނަމަވެސް ކުރިމިނަލް ކޯޓުން ހެކިތައް ބަލައިގަތުމަށް އަމަލުކުރި ގޮތާ މެދު ސުއޫދު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ. ސުއޫދު ވިދާޅުވީ ކުރިމިނަލް ކޯޓަށް ހުށަހެޅި ވަކިވަކި ހެކިތައް ބަލައިނުގަންނަން ނިންމި ސަބަބު ކުރިމިނަލް ކޯޓުން ސާފުކޮށް ނުދިނުމަކީ އެ ކޯޓުން ކަންފަސޭހަ ކޮށްލުމުގެ ނިޔަތުގައި ކުރިކަމެއް ކަމަށެވެ. ޝަރީއަތަށް ހުށަހަޅާ ހެކިތަކާ ގުޅޭގޮތުން ނިންމާ ގޮތް ތަފުސީލުކޮށް ބަޔާންކުރުމަކީ ބުރަ މަސައްކަތެއް ނަމަވެސް، އެއީ އަދުލު އިންސާފު ގާއިމުކުރަން މުހިންމުކަމެއް ކަމަށާއި އެ ބުރަ މަސައްކަތް ކުރައްވާ ފަނޑިޔާރުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.

އެހެންނަމަވެސް ހެކި ބަލައި ނުގަންނަން ނިންމި ސަބަބު ކުރިމިނަލް ކޯޓުން ތަފުސީލުކޮށްދީފައި ނެތުމަކީ އަލުން އެ މަރުހަލާ ކުރިއަށްގެންދަން އަމުރު ކުރެވޭނެ ސަބަބެއް ނޫން ކަމަށް ސުއޫދު ވިދާޅުވިއެވެ.

ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޒިޔަތުގެ ހެކި ބަސް ބަލައިނުގަތުމުގެ އަމުރަކަށެވެ. އެ ހުށަހެޅުމާ ގުޅިގެން ޔާމީންގެ ފަރާތުން ވިދާޅުވެފައިވަނީ އަދީބަކީ އެމަނިކުފާނު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިންކަމަށް ތުހުމަތުކުރެވޭ ފަރާތަކަށްވުމުން، އެއީ އަދާވާތްތެރިއެއް ކަމަށާއި އިސްލާމީ ޝަރީއަތުގައިވާ ގޮތުން އަދާވާތްތެރިންގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި ޒިޔަތަކީ ވެސް އަދާވާތްތެރިއަކަށްވުމުން އޭނާގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށެވެ.

ނަމަވެސް ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވީ އަދީބާއި ޒިޔާތުގެ ހެކިބަސް ބަލައި ނުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އިތުރަށް ތަފުސީލުކޮށްދެއްވަމުން ސުއޫދު ވިދާޅުވީ ހެއްކާ ބެހޭ ގާނޫނު މާޒީއަށް ތަތުބީގު ނުކުރެވޭނެ ކަމަށާއި އެގޮތަށް އެ ގާނޫނު މާޒީއަށް ތަތުބީގު ކުރަން ވެއްޖެއްޔާ އެތައް ބައެއްގެ މައްސަލަ ބަލަން ޖެހި، އިންސާފަށް ހުރަސް އެޅުމުގެ އިހުތިމާލު އެބައޮތް ކަމަށެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާކުރަން ފޮނުވީ ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކަމަށާއި އެހެންކަމުން ހެއްކާ ބެހޭ ގާނޫނު ފުއްގިރި މައްސަލައަށް ނުހިނގާނެ ކަމަށެވެ. އެހެންވުމުން ޔާމީންއާ ދެކޮޅަށް އަދީބާއި ޒިޔަތު ދޭ ހެކިބަހަށް ބުރަދަން ދޭންޖެހޭ މިންވަރެއް ކަނޑައަޅާނީ ކުރިމިނަލް ކޯޓުގައި އެ މައްސަލަ ބައްލަވާ ގާޒީކަމަށް ސުއޫދު ވިދާޅުވިއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ އެ ރައުޔަށް ފަނޑިޔާރު ޑރ. އިބްރާހީމް ދީދީ އަދި ފަނޑިޔާރު އައިޝާ ޝުޖޫން ވަނީ ތާއީދުކުރައްވައިފައެވެ. އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރެއްވީ ހައި ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ގާނުނީ ސަބަބެއް ނެތް ނެތް ކަމަށެވެ.