އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމަށް އެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލީހުގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެ މައްސަލަ މަޖިލީހުގައި ކުރިއަށްގެންދެވޭނެ ކަމަށެވެ.

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލައިފައިވާ ކަމުގެ ތުހުމަތާ ގުޅިގެން ރިފްއަތުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމް، އެމްއެންޕީ، ޖޭޕީ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުންގެ ސޮޔާ އެކު އެވެ.

އެ މައްސަލަ މަޖިލީހަށް ވެއްދިކަން އިއުލާން ކުރެއްވުމަށް މިދިޔަ ހަފުތާގައި މަޖިލިސް އިދާރާގާއި ބޭއްވި ނިއުސްކޮންފަރެންސެއްގައި، މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ، ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ބޭފުޅުން މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަގާމުން ވަކިކުރެއްވުމަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވަނީ ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ އަގުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ. އެމްޑީޕީގައި 68 މެންބަރުންގެ ތެރެއިން، ރައީސް ސޯލިހާ އެކު 59 މެންބަރުން އެބަ ތިއްބެވިއެވެ. އެހެންކަމުން، އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދިޔަސް އިދިކޮޅަށް އަދި ހަމަވާނީ، 28 ވޯޓެވެ.

މި މައްސަލަ ކާމިޔާބުވިޔަ ނުދޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.