ދިވެހިރާއްޖޭގެ ތާރީޚު

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށް މި ވީ ކިހިނެއް؟

މުހައްމަދު ނާޖިހު

23

2003 އޭޕްރީލް 28 ވީ ހުކުރު ދުވަހު ކަނޑުގެ ޤާނޫނާބެހޭ ބައިނަލްއަޤްވާމީ ޓްރައިބިއުނަލްގައި ނިމިގެން ދިޔަ ދިވެހިރާއްޖޭގެ ދެކުނުގެ އިމުގެ މައްސަލައަކީ މިއަދާ ހަމައަށް ވެސް ދިވެހިރާއްޖޭގެ ގިނަ ބަޔަކު އެކަމުގައި ބަހުސްކުރަމުންދާ ހޫނު މައްސަލައެކެވެ. އެ މައްސަލަ ނިމިފައިވަނީ ދިވެހިރާއްޖެއާއި ޗާގޯސްގެ ރަށްތަކާއި ދެމެދުގައި އޮންނަ 280 ނޯޓިކަލް މޭލުގެ ކަނޑުން ދެފަރާތުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙަދަށް 200 ނޯޓިކަލް މޭލު ނެގީމާ އޮންނަ ފުށުއަރާ ސަރަޙައްދު ހަމަހަމައަށް ބަހާލައިގެންނެވެ. މި މައްސަލާގައި ދިވެހިރާއްޖެ އެއްކޮޅުން އޮތް އިރު ޗާގޯސްއާ ވީ ފަޅިން މިމައްސަލާގައި އޮތީ މޮރިޝަސްއެވެ. ދަޢުވާކުރީވެސް މޮރިޝަސްއިންނެވެ.

މި މައްސަލާގައި ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާގެ މީހުންނާއި، ތާރީޚު ދިރާސާކުރާ މީހުންނާއި އަދި ޝައުޤުހުރި އެހެނިހެން މީސްމީހުން ލިޔާ ލިޔުންތަކާއި، ދައްކާ ވާހަކަތަކަށް ބަލާލީމާ ފެންނަނީ ދެ ގޮތަކަށް ލިޔެ ވާހަކަދައްކަމުންދާ ތަނެވެ. އެއްބަޔަކު ބުނަނީ ދިވެހިރާއްޖޭގެ ދެކުނުން ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެހިގެން ދިޔައީ ރަނގަޅަށް ކަމަށާއި، ދިވެހިރާއްޖެއަށް ފައިދާ ހުރި ގޮތަށް ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އެ ސަރަޙައްދު ބެހުނީ ރަނގަޅަށް ނޫންކަމަށާއި، ދިވެހިރާއްޖެއަށް 200 ނޯޓިކަލް މޭލު އެއްކޮށް ލިބެންޖެހޭނެ ކަމަށެވެ. އަދި މީގެ އިތުރުން އެހެން ވާހަކައެއް ދައްކާ ބަޔަކުވެސް އެބައުޅެއެވެ. އެއީ ޗާގޯސްއަކީ ވެސް ސީދާ ދިވެހިރާއްޖޭގެ ތަނެއްކަމަށް ބުނާ މީހުންނެވެ.

އދ ގެ ކަނޑުގެ ޤާނޫނާބެހޭ މުޢާހަދާ

އދ ގެ ކަނޑުގެ ޤާނޫނާބެހޭ މުޢާހަދާ (ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ ނުވަތަ އަންކްލޯސް) އަކީ ކަނޑާ ގުޅިފައިވާ އެންމެހައި ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑު އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ އެއްބަސްވުމެވެ. މި މުޢާހަދާ އެކުލަވާލައި ސޮއިކުރެވުނީ 10 ޑިސެންބަރު 1982 ގައެވެ. މިހާތަނަށް، ޔޫރަޕިއަން ޔޫނިއަންއާއެކު މި މުޢާހަދާގައި ޖުމްލަ 167 ޤައުމަކުން ސޮއިކޮށް ބައިވެރިވެފައިވެއެވެ.

އދ ގެ ކަނޑުގެ ޤާނޫނާބެހޭ މުޢާހަދާ ވުޖޫދަށް އައުމުގެ ކުރިން ދުނިޔޭގައި ޢާއްމުކޮށް ޢަމަލުކުރަމުން އަންނަ އުޞޫލަކީ މީލާދީން 17 ވަނަ ޤަރުނުގެ ތެރޭގައި އުފަންވި އުޞޫލެއް ކަމަށްވާ ކަނޑުތަކުގެ މިނިވަންކަމުގެ އުޞޫލެވެ. މި އުޞޫލުގެ ދަށުން ކަނޑުތަކުން ޤައުމުތަކަށް ލިބިފައި އޮތީ އައްސޭރިފަށުން ފެށިގެން 3 ނޯޓިކަލް މޭލުގެ ފުޅާ މިނުގެ ސަރަޙައްދެކެވެ. އޭގެ ބޭރަށް އޮންނަނީ ބައިނަލްއަޤުވާމީ ކަނޑެވެ. ކޮންމެ ބަޔަކަށްވެސް ބޭނުންކުރެވޭ، އެހެންނަމަވެސް އެއްވެސް ބަޔަކަށް މިލްކުވެގެންނުވާ ކަނޑުގެ ސަރަޙައްދެވެ.

މިހެން އައިސް މީލާދީން 20 ވަނަ ޤަރުނުގެ ކުރީކޮޅުގައި ޤައުމުތަކުން އެ ޤައުމުތަކުގެ ކަނޑުގެ ސަރަޙައްދު ފުޅާކުރުމުގެ ޝައުޤުވެރިކަން ފާޅުކުރަންފެށިއެވެ. މަޤްޞަދަކަށްވީ އެކަނޑުތަކުން ލިބޭ މަޢުދަންތަކުގެ މަންފާ ލިބިގަތުމާއި، މަހުގެ ސްޓޮކް ދެމެހެއްޓުމާއި، ކަނޑުތައް ތަޣައްޔަރުވުން ހުއްޓުވުމެވެ. މިގޮތުން 1930 ގައި އޭރުގެ ލީގް އޮފް ނޭޝަންސްއިން އެކަމާ ގުޅޭ މަޝްވަރާތަކެއް ކުރެވުނެވެ. އެހެންނަމަވެސް އެފަހަރު އެއްވެސް ކަހަލަ އެއްބަސްވުމަކަށް ނާދެވެއެވެ.

އޭގެފަހުން 1945 ގައި ބައިނަލްއަޤްވާމީ ޢުރްފީ ޤާނޫނުގެ ހަމަތަކުގެ ތެރެއިން، ޤައުމަކަށް އެ ޤައުމެއްގެ ޤުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމަށް ލިބިފައިވާ ޙައްޤުގެ ބޭނުންކޮށްގެން އެމެރިކާއިން، އެ ޤައުމުގެ ކޮންޓިނެންޓަލް ޝެލްފްގައިވާ އެންމެހައި ޤުދުރަތީ ވަސީލަތްތަކަށް ބާރު ފޯރުވޭނެހެން، އެ ޤައުމުގެ ކަނޑުގެ ސަރަޙައްދު ފުޅާކުރިއެވެ. އެއަށްފަހު އެހެން ޤައުމުތަކުން ވެސް އެ ގޮތަށް ޢަމަލުކުރަން ފެށިއެވެ. މިގޮތުން 1945 އާއި 1950 އާ ދެމެދު ޗިލޭއާއި، ޕޭރޫއާއި، އެކުއަދޯރްއިން އެ ސަރަޙައްދުގެ ޚާއްޞަ މަސްކަނޑުން ބައެއް، އެތަނުން ކޮންމެ ޤައުމަކަށް ވެސް ލިބޭނެ ގޮތަށް 200 ނޯޓިކަލް މޭލުގެ ސަރަޙައްދެއް ނެގިއެވެ. އަދި އެދުވަސްވަރު އެހެން ބައެއް ޤައުމުތަކުން އެ ޤައުމުތަކުގެ ސަރަޙައްދީ ކަނޑުގެ ފުޅާ މިނަކީ 12 ނޯޓިކަލް މޭލު ކަމުގައި ހަމަޖެއްސިއެވެ.

1956 ގައި އދ އިން ފުރަތަމަ ފަހަރަށް ކަނޑުގެ ޤާނޫނާބެހޭ މަހާސިންތާއެއް ބޭއްވިއެވެ. ޖެނީވާގައި ބޭއްވި މި މަހާސިންތާގެ ނަތީޖާއަކަށްވީ 1958 ގައި އެކަށައެޅުނު 4 މުޢާހަދާއެކެވެ. އެއީ 30 ސެޕްޓެންބަރު 1962 ގައި ޢަމަލުކުރަން ފެށި ދުރުކަނޑުތަކާބެހޭ މުޢާހަދާ އާއި، 10 ޖޫން 1964 ގައި ޢަމަލުކުރަން ފެށި ކޮންޓިނެންޓަލް ޝެލްފާބެހޭ މުޢާހަދާ އާއި، 10 ސެޕްޓެންބަރު 1964 ގައި ޢަމަލުކުރަން ފެށި ސަރަޙައްދީ ކަނޑާއި އެކަނޑާ ގުޅިފައިވާ ކަނޑާބެހޭ މުޢާހަދާ އާއި، 20 މާޗު 1966 ގައި ޢަމަލުކުރަން ފެށި ދުރުކަނޑުތަކުގައިވާ ދިރުންތައް ދެމެހެއްޓުމާއި ދުރުކަނޑުތަކުން މަސްވެރިކަން ކުރުމާބެހޭ މުޢާހަދާއެވެ.

1960 ގައި އދ އިން ދެވަނަ ފަހަރަށް ކަނޑުގެ ޤާނޫނާބެހޭ މަހާސިންތާއެއް ބޭއްވިއެވެ. އެހެންނަމަވެސް ހަ ހަފްތާގެ މުއްދަތަށް، ޖެނީވާގައި ކުރިޔަށް ދިޔަ މި މަހާސިންތާގެ ވާހަކަތަކުން އެއްވެސް އާ އެއްބަސްވުމަކަށް ނާދެވެއެވެ.

1967 ފެށުނުއިރު އިހުގެ ގޮތަށް ޤައުމުގެ ކަނޑުގެ ސަރަޙައްދަކީ 3 ނޯޓިކަލް މޭލު ކަމަށް ބަލާ އޮތީ އެންމެ 25 ޤައުމެވެ. އެއާއި ޚިލާފަށް ސަރަޙައްދީ ކަނޑުގެ ފުޅާމިނަކީ 12 ނޯޓިކަލް މޭލުގެ ގޮތުގައި ބަލާ 66 ޤައުމު އޭރު އޮތެވެ. އަދި އެހާތަނަށް އެ ސަރަޙައްދު 200 ނޯޓިކަލް މޭލަށް ފުޅާކޮށްފައި އޮތް 8 ޤައުމު އޮތެވެ.
ސަރަޙައްދީ ކަނޑުގެ އިމާމެދު އެކި ޤައުމުތަކުން އެކި އުޞޫލު ގެންގުޅޭތީ 1967 ގައި މޯލްޓާ އިން އދ އަށް ކަނޑައަޅާފައިވާ މަންދޫބު އަރްވިދް ޕާރްދޯ، އެ މައްސަލަ އދ އަށް އުފުލިއެވެ. އޭނާއަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ ދާއިރާގެ ޢިލްމުވެރިއެކެވެ. އެ މައްސަލަ އދ އަށް ހުށައެޅުމުގެ ނަތީޖާއަކަށް ވީ 1973 ގައި އދ އިން ތިންވަނަ ފަހަރަށް ކަނޑުގެ ޤާނޫނާބެހޭ މަހާސިންތާއެއް ބޭއްވުމެވެ. 160 އަށް ވުރެ ގިނަ ޤައުމުން ބައިވެރިވި މި މަހާސިންތާގެ ބައްދަލުވުންތައް 1982 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންދިޔައެވެ. އދ ގެ ކަނޑުގެ ޤާނޫނާބެހޭ މުޢާހަދާ (ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ ނުވަތަ އަންކްލޯސް) އެކުލަވާލެވުނީ މި މަހާސިންތާގެ ތެރެއިންނެވެ. 10 ޑިސެންބަރު 1982 ގައި އެކުލަވާލި މި މުޢާހަދާ، 28 ޖުލައި 1994 ގައި އދ ގެ ޢާއްމު މަޖިލީހުން ބަލައިގަނެ، 16 ނޮވެންބަރު 1994 ގައި ތަޞްދީޤްކުރެވުނެވެ.

އދ ގެ ކަނޑުގެ ޤާނޫނާބެހޭ މުޢާހަދާގެ ދަށުން މީގެ ކުރިން ކަނޑުތަކާބެހޭ ގޮތުން ކަނޑަނޭޅި ހުރި ވަރަށް ގިނަ ކަންކަން ކަނޑައެޅިގެން ދިޔައެވެ. ޤައުމުތަކުން އެ ޤައުމުތަކުގެ އެތެރޭގެ ކަނޑުތަކާއި، ސަރަޙައްދީ ކަނޑާއި، ސަރަޙައްދީ ކަނޑާ ގުޅިފައިވާ ކަނޑާއި، ޖަޒީރާ ޤައުމުތަކަށް ޚާއްޞަ އާކިޕެލާޖިކް ކަނޑާއި، ޤައުމުތަކުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި އަދި ކޮންޓިނެންޓަލް ޝެލްފް ކަނޑައެޅުމުގައި ބަލާނެ އުޞޫލުތަކާއި މިންގަނޑުތަކާއި، މި ކަނޑުގެ ސަރަޙައްދުތަކާ ގުޅިގެން އެއް ޤައުމުގެ ސަރަޙައްދާއި އަނެއް ޤައުމުގެ ސަރަޙައްދާ އަރާ ފުށުންއެރުންތައް ޙައްލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

ޔޫރަޕިއަން ޔޫނިއަންއާއެކު މި މުޢާހަދާގައި ސޮއިކުރި ޤައުމުތަކުގެ ތެރެއިން ޖުމުލަ 168 ޤައުމަކުން ވަނީ މި މުޢާހަދާ ތަޞްދީޤުކޮށްފައި ވެއެވެ. މުޢާހަދާގައި ސޮއިކޮށް މުޢާހަދާ ތަޞްދީޤުކޮށްފައި ނުވަނީ ޖުމުލަ 14 ޤައުމަކުންނެވެ.

ދިވެހިރާއްޖެއިން މި މުޢާހަދާގައި ސޮއިކުރީ، މި މުޢާހަދާ އެކުލަވާލި ދުވަސްކަމުގައި ވާ 10 ޑިސެންބަރު 1982 ގައެވެ. ދިވެހިރާއްޖޭގެ ސަރަޙައްދާ އެއް އިންވެގެންވާ ދެ ޤައުމު ކަމުގައިވާ އިންޑިޔާއާއި ސްރީލަންކާއިން ވެސް މި މުޢާހަދާގައި ސޮއިކޮށްފައިވަނީ 10 ޑިސެންބަރު 1982 ގައެވެ. ދިވެހިރާއްޖެއިން މި މުޢާހަދާ ތަޞްދީޤުކޮށްފައި ވަނީ 7 ސެޕްޓެންބަރު 2000 ގައެވެ. ސްރީލަންކާއިން ތަޞްދީޤުކުރީ 19 ޖުލައި 1994 ގައެވެ. އިންޑިޔާއިން ތަޞްދީޤުކުރީ 29 ޖޫން 1995 ގައެވެ.

ދިވެހިރާއްޖޭގެ ދެކުނުން އެންމެ ކައިރީގައި އޮތް ފޯޅަވަހި ނުވަތަ ޗާގޯސް ޖަޒީރާތައް، "ބްރިޓިޝް އިންޑިޔަން އޯޝަން ޓެރިޓަރީ"ގެ ނަމުގައި ހިންގަމުން އަންނަ އިނގިރޭސިވިލާތުން ވަނީ 25 ޖުލައި 1997 ގައި މި މުޢާހަދާ ބަލައިގަނެ ޤަބޫލުކޮށްފައެވެ. އަދި އިނގިރޭސިވިލާތާ ދެކޮޅަށް ޗާގޯސްއަށް ދަޢުވާކުރާ މޮރިޝަސްއިން 10 ޑިސެންބަރު 1982 ގައި އެ މުޢާހަދާގައި ސޮއިކޮށް، 4 ނޮވެންބަރު 1994 ގައި މުޢާހަދާ ތަޞްދީޤުކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ސަރަޙައްދު

ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ފެންނަން ހުރި ރަސްމީ ލިޔެކިޔުންތަކުން ދިވެހިރާއްޖޭގެ ސަރަޙައްދު ބަޔާންކޮށްފައި އޮންނަނީ އެޒަމާނެއްގައި އެންމެ އުތުރަށް އޮންނަ ރަށް ނުވަތަ އަތޮޅާއި، އެންމެ ދެކުނަށް އޮންނަ ރަށް ނުވަތަ އަތޮޅާ ދޭތެރޭގައިވާ ސަރަޙައްދު ކަމަށެވެ. އެގޮތަށް އެންމެ އުތުރާއި، އެންމެ ދެކުނުގައި އޮންނަ ރަށަކަށް ބަލައިގެން ސަރަޙައްދު ފާހަގަކޮށްއުޅުނީ ޠަބީޢީ ގޮތުން ދިވެހިރާއްޖެ އުތުރުން ދެކުނަށް، ހަނިކޮށް ދިގުކޮށް ފެތުރިފައި އޮތީމާ ކަމަށްވެސް ވެދާނެއެވެ. އިހުގެ ރަސްމީ ލިޔެކިޔުންތަކުން ދިވެހިރާއްޖޭގެ ސަރަޙައްދު ބަޔާންކޮށްފައި އޮންނަ އިރު، ދިވެހިރާއްޖޭގެ ދަށުގައި މަލިކު އޮތް ޒަމާނުގައި "މަލިކައްޑޫ"، އަދި މަލިކު ގެއްލުމަށްފަހު "ކެލައައްޑޫ" ގޮތުގައި ފާހަގަކޮށްފައި އޮވެއެވެ. ފަތްކޮޅުތަކުގައި އޮންނަ އޭގެ ދިގު ގޮތަކީ "މަލިކައްޑޫ މިދެމެދު އެކުއޮންނައިމިކޮށު، އަނެކުންނަށްނެތީކޮށު" މިއެވެ.

އިންޑިޔާކަނޑުގެ މެދުތެރެއާ ހަމައަށް ފެތުރިފައި އޮތް ދިވެހިރާއްޖެއަކީ މި ސަރަޙައްދުގައި އެއް ޤައުމެއްގެ ގޮތުގައި ދެމި އޮތް އެންމެ ބޯދާ ޤައުމެވެ. މުޅި އިންޑިޔާ ކަނޑަށް ބަލާއިރު ބައްރުތަކުގެ އައްސޭރިފަށުގައި ހުރި ތަންތަން ފިޔަވައި ކަނޑުގެ މެދަށްވާ ގޮތަށް އޮތް ހަމައެކަނި ޖަޒީރާ ޤައުމަކީ ވެސް ދިވެހިރާއްޖެއެވެ. އަދި އިހުގައި ދިވެހީންނަކީ ދިވެހީންގެ ބޮޑެތި އޮޑިފަހަރާއި ނާފަހަރުގައި އިންޑިޔާކަނޑުގެ އައްސޭރިފަށުގައިވާ ހުރިހާ ތަނަކަށްހެން ދަތުރުފަތުރުކޮށް ވިޔަފާރިކޮށް، މުޅި ކަނޑު އެނގޭ ބަޔެކެވެ. އިސްތިއުމާރީ ބާރުތައް އައިސް ކަނޑުގެ ކޮންޓްރޯލް ނެގުމުގެ ކުރީގައި އިންޑިޔާކަނޑު "ފަތަޙަކޮށްގެން" އުޅުނީ ދިވެހީންނެވެ. ދިވެހީންގެ މިކަނޑަށް ފަރިތަކަމާއި، މިކަނޑުގައި ދަތުރުފަތުރުކޮށް އުޅުމަށް ކުޅަދާނަކަމުގެ ވާހަކަ، އެންމެ ފަހުން މިކަނޑުގެ މައްޗަށް އެންމެ ބޮޑު ނުފޫޒަކާއި ބާރެއް ފޯރުވި އިސްތިއުމާރީ ބާރުކަމުގައިވާ އިނގިރޭސީން އެބައިމީހުންގެ ލިޔެކިޔުންތަކުގައި ވެސް ބަޔާންކޮށްފައިވެއެވެ.
“No people of the Indian Ocean are superior of the Maldivians as boat builders, fishermen and sailors.”
James Hornell (Director of Fisheries, Madras Government, British India), The Origin & Ethnological Significance of Indian Boat Designs, Memoirs of the Asiatic Society, 1920.

މިކަންކަން މިގޮތަށް އޮތް އިރު ކަނޑަކީ ދިވެހީންނަށް ވަރަށް މުހިއްމު ތަނެކެވެ. ހިކިފަސްބިމަށްވުރެ ކަނޑުގެ ސަރަޙައްދު ބޮޑު ދިވެހިރާއްޖެއަކީ ކަނޑުގެ ސަރަޙައްދު ހިމަނައިފިނަމަ މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން ވަކި ކުޑަ ޤައުމަކަށް ވެސް ނުވާނެއެވެ. އަޅުގަނޑުމެންނަކީ އެންމެ އުތުރުން މަލިކާ ދޭތެރޭ އޮންނަ މާމަލޭ ކަނޑުން ފެށިގެން އައްޑޫ ކަނޑާ ހަމައަށް ހުރި، ދިވެހިރާއްޖޭގެ އެތެރޭގައި ހުރި ހުރިހާ ހުރަސްކަނޑުތަކަކީ ދިވެހިރާއްޖޭގެ ސަރަޙައްދުކަމަށް ބަލައިގެން އެންމެ އިހުޒަމާނުއްސުރެ މިކަނޑުތަކަށް ނަން ކިޔައިގެން އުޅުނު ބަޔަކީމުއެވެ.

ދިވެހިރާއްޖޭގެ ރަސްމީ ލިޔުމެއްގައި ފުރަތަމަ ފަހަރަށް ޢަރުޟުންނާއި ޠޫލުން ދިވެހިރާއްޖެ އޮތް ތަން ބަޔާންކޮށްފައި އޮންނަ ލިޔުމަކީ 1911 ވަނަ އަހަރުގެތެރޭގައި، ދުނިޔޭގެ އެހެން ޤައުމުތަކުގައި ބާއްވާ އުޞޫލުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު ބޯހިމެނި ހިސާބުތައް ރެކޯޑުކޮށްފައިވާ ފޮތެވެ. މިފޮތް ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައި އެބައޮތެވެ. އޭގައި ލިޔެފައި އޮންނަނީ "ދިވެހިރާއްޖެ އޮތީ ދިވެހީން ބޭބަންގާޅޭ ކިޔާ އިންޑިޔަން އޯސަނުގައެވެ. އުތުރުން 7 ދަރަޖަ 6 ދަގީގުންފަށައިގެން، 42 ދަގީގު ދެކުނަށް ނިމިފައެވެ. އިރުން 72 ދަރަޖަ 33 ދަގީގުން، 73 ދަރަޖަ 44 ދަގީގަށް ނިމިފައެވެ. ދިގުމިން ހުރީ 470 މައިލެވެ. އިރުން ހުޅަނގަން ފުޅާމިނު ހުރީ 70 މައިލެވެ." މިއަށް ބަލާއިރު ދިވެހިރާއްޖޭގެ ސަރަޙައްދުކަމަށް ބަލާފައި މިވަނީ އިހަވަންދިއްޕޮޅުން ފެށިގެން އައްޑުއަތޮޅާ ހަމައަށްކަން ވަރަށް ސާފުކޮށް އެނގެއެވެ.

އޭގެފަހުން ބޮޑުވަޒީރު އިބްރާހީމް ނާޞިރުގެ ވެރިކަމުގައި 1958 ގައި އަލްއުސްތާޛް އިބްރާހީމް ޝިހާބްއާއި، އައްނަބީލް މަލިން މުޙައްމަދު ދީދީއާއި، އަލްފާޟިލް މުޙައްމަދު އިސްމާޢީލް ދީދީއާއި، އަލްމުޙްތަރަމް ޢަބްދުލްޙަކީމް ޙުސައިން މަނިކާއި، އަލްއުސްތާޛް ޢަދްނާން ޙުސައިންއާއި، އަލްފާޟިލް ޢަބްދުއްސައްތާރު މޫސާ ދީދީ ހިމެނޭހެން އެކުލަވައިލި ތާރީޚު ކޮމެޓީން 4 ޖޫން 1958 އާއި 6 މެއި 1966 އާ ދެމެދު ނެރުނު ތާރީޚު ފޮތްތަކުގެ މައްޗަށް އެކުލެވިގެންވާ "ދިވެހި ތާރީޚަށް އައު އަލިކަމެއް"، މި ފޮތުގައި ދިވެހިރާއްޖޭގެ ސަރަޙައްދު ބަޔާންކޮށްފައިވަނީ މިފަދައިންނެވެ. "ރާއްޖެ އޮތީ އުތުރު ޢަރުޟުގެ '6 7° އިން ފެށިގެން ދެކުނު ޢަރުޟުގެ '42 °0 އާއި ހަމައަށެވެ. އިރުމަތީ ޠޫލުގެ '33 °72 އިން އިރުމަތީ ޠޫލުގެ '44 °73 އާއި ހަމައަށެވެ." ހަމަ 1911 ގެ ލިޔުމުގައި ހުރި މިންތަކެވެ. ދިވެހި ތާރީޚަށް އައު އަލިކަމެއް ފޮތުގެ އެހެން ތަނެއްގައި ލިޔެފައި އޮންނަނީ "އައްޑުއަތޮޅަކީ ދިވެހިރާއްޖޭގެ އެންމެ ދެކުނަށް އޮތް އަތޮޅެވެ. ރާއްޖޭގެ ދެކުނުގައި އޮންނަ ޗާގޯސް އާކިޕެލާގޯ (ފޯޅަވަހި) އިން އައްޑުއަތޮޅަށް ހުންނަނީ 240 މޭލެވެ. އައްޑުއަތޮޅު އޮތީ ދެކުނު ޢަރުޟުން '30 °0 އާއި '42 °0 އާއި ދެމެދުގައެވެ."

ޤާނޫނުއަސާސީގައި ބަޔާންކުރާ ސަރަޙައްދު

މީލާދީން 1932 އިން ފެށިގެން 2008 އާ ހަމައަށް ދިވެހީން ޤާނޫނުއަސާސީތައް ލިޔެ އެޔަށް ޢަމަލުކުރަމުން އަންނައިރު ފުރަތަމަ ފަހަރަށް ޤާނޫނުއަސާސީއެއްގައި ދިވެހިރާއްޖޭގެ ސަރަޙައްދު ބަޔާންކުރެވުނީ، 4 ޖޫން 1964 ގައި ޢަމަލުކުރަން ފެށުނު ޤާނޫނުއަސާސީގައެވެ. މިޤާނޫނުއަސާސީގެ ފުރަތަމަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ "ދިވެހިރާއްޖޭގެ ސަރަޙައްދަކީ އުތުރު ޢަރްޟުގެ '4/1 10 7° ން ފެށިގެން، ދެކުނު ޢަރްޟުގެ '4/1 45 °0 އާއި ދެމެދު، އިރުމަތީ ޠޫލުގެ (ގްރީންވިޗުން ފެށިގެން) '4/1 29 °72 ން ފެށިގެން، އިރުމަތީ ޠޫލުގެ '49 °73 އާއި ދެމެދުގައިވާ ޖަޒީރާތަކާއި، އެ ޖަޒީރާތަކާއި ގުޅިފައިވާ ކަނޑާއި ވައެވެ." އާދެ ހަމަ އިހަވަންދިއްޕޮޅުން ފެށިގެން އައްޑުއާ ދޭތެރޭގައިވާ ސަރަޙައްދެވެ.

1964 ގެ ޤާނޫނޫއަސާސީގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސަރަޙައްދަށް، އޭގެ ފަހުން އިސްލާޙްކޮށް އެކުލަވާލެވުނު ޤާނޫނުއަސާސީތަކުގައި ކުދިކުދި ބަދަލުތައް އައިސްފައި ހުއްޓެވެ. މިގޮތުން އެންމެ ފަހުން އެގޮތަށް ސަރަޙައްދު ބަޔާންކުރެވުނު ޤާނޫނުއަސާސީއަކީ 1972 ގެ ޤާނޫނުއަސާސީއެވެ. އޭގައި އޮތީ "އުތުރު ޢަރްޟުގެ '2/1 9 7° ން ފެށިގެން، ދެކުނު ޢަރްޟުގެ '4/1 45 °0 އާއި ދެމެދު، އިރުމަތީ ޠޫލުގެ (ގްރީންވިޗުން ފެށިގެން) '2/1 30 °72 ން ފެށިގެން، އިރުމަތީ ޠޫލުގެ '48 °73 އާއި ދެމެދު" މިހެންނެވެ. ކުރީގެ ޤާނޫނުއަސާސީއާ މާބޮޑު ފަރަގެއް ނެތެވެ.

1972 ގެ ފަހުން އެކުލަވާލެވުނު އެއްވެސް ޤާނޫނުއަސާސީއެއްގައި ދިވެހިރާއްޖޭގެ ސަރަޙައްދު ޢަރުޟުންނާއި ޠޫލުން ބަޔާންކޮށްދީފައެއްނުވެއެވެ. 1975 ގެ ޤާނޫނުއަސާސީގައި އޮންނަނީ "ދިވެހިރާއްޖޭގެ ސިޔާސީ ސަރަޙައްދަކީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ބޭރު ކަނޑުތޮށިން ފެށިގެން 12 މޭލުގެ ތެރޭގައިވާ ޖަޒީރާތަކާއި، އަދި އެ ޖަޒީރާތަކާ ގުޅިފައިވާ ކަނޑާއި ވަޔާއި ހުރިހާ ތަނެކެވެ." މިހެންނެވެ. އޭގެ ފަހުން 1998 ގައި އެކުލަވާލެވުނު ޤާނޫނުއަސާސީގައި އޮތީ "ދިވެހިރާއްޖޭގެ ސަރަޙައްދަކީ، ޤާނޫނުގައިވާ ގޮތުގެ މަތިން ދަމާލެވޭ، ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މި ބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެކަނޑުގެ އަޑީގައިވާ ބިމާއި، އެކަނޑާ ގުޅިފައިވާ ޖައްވެވެ." މިފަދައިންނެވެ. މިހާރު ޢަމަލުކުރާ 2008 ގެ ޤާނޫނުއަސާސީގައިވެސް ދިވެހިރާއްޖޭގެ ސަރަޙައްދު ބަޔާންކޮށްފައި އޮތީ ހަމަ އެގޮތަށެވެ.

ދިވެހިރާއްޖޭގެ ސަރަޙައްދީ ކަނޑުގެ ބޭރު

ދިވެހިރާއްޖޭގެ ސަރަޙައްދީ ކަނޑުގެ ބޭރުން އިޤްތިޞާދީ މަންފާ ހޯދުމަށްޓަކައި ޤާނޫނުން ކަނޑުގެ ސަރަޙައްދުތައް ކަނޑައަޅަން ފެށުނީ ދިވެހިރާއްޖެ ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން ދިޔުމަށްފަހުގައެވެ. މިގޮތުން 24 ފެބްރުއަރީ 1969 ގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސަރަޙައްދުގެ ޤާނޫނުގެ ނަމުގައި ޤާނޫނެއް އެކުލަވާލެވުނެވެ. މިއީ ޤާނޫނު ނަންބަރު 69/5 ޖ އެވެ. މި ޤާނޫނުގައި އެ ސަރަޙައްދު ބަޔާންކޮށްފައި ވަނީ މިފަދައިންނެވެ. "އުތުރު ޢަރުޟުގެ '42 7° ން ފެށިގެން ދެކުނު ޢަރުޟުގެ '4/1 22 °2 އާއި ދެމެދު، އަދި އިރުމަތީ ޠޫލުގެ '2/1 53 °70 ން ފެށިގެން '25 °75 އާއި ދެމެދުގައިވާ ކަނޑަކީ، އިރުމަތީ ޠޫލުގެ '01 °75 އާއި އުތުރު ޢަރުޟުގެ '42 7° ން އިރުމަތީ ޠޫލުގެ '25 °75 އާއި އުތުރު ޢަރުޟުގެ '12 7° އަށް ދަމާލެވޭ ރޮނގެއެއްގެ އިރުއުތުރަށްވީ ބައި ދޫކޮށް، އެއީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސަރަޙައްދެވެ." މުޅި ޤާނޫނަކީ ވެސް މިއީއެވެ. އިތުރު މާއްދާއެއް، އިތުރު ވާހަކައެއް ބަޔާންކޮށްފައި ނުވެއެވެ. މި ޤާނޫނުގައި ބަޔާންކޮށްފައިވާ ކޯޑިނޭޓްތަކަށް ބަލާއިރު ދިވެހިރާއްޖޭގެ މަސްކަނޑު ނުވަތަ މަސްވެރިކަމުގެ ސަރަޙައްދު ކަމަށް ބަލާފައި މިވަނީ، އެންމެ އުތުރުކޮޅުން، މަލިކާއި ދެމެދު އޮންނަ ތަން ފިޔަވައި ދިވެހިރާއްޖެ ވަށައިގެން ގާތްގަނޑަކަށް 100 ވަރަކަށް މޭލުގެ ފުޅާ ސަރަޙައްދެކެވެ. އިންޑިޔާގެ މަލިކާއި ދިވެހިރާއްޖޭގެ އިހަވަންދިއްޕޮޅާ ދެމެދު ހުންނަނީ ގާތްގަނޑަކަށް 70 މޭލެވެ. އެހެންކަމުން އެ ދެމެދުން ނަގާފައި އޮތީ ގާތްގަނޑަކަށް 35 މޭލެވެ. 30 ޑިސެންބަރު 1970 ގައި ފާސްކުރެވުނު ޤާނޫނު ނަންބަރު 70/52 ޖ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސަރަޙައްދުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ޤާނޫން ކުރިން ބަޔާންކުރެވުނު ޤާނޫނަށް މާބޮޑު ބަދަލެއް ގެނެވިފައެއް ނުވެއެވެ. މިންތަން ހުރީ ހަމަ އެއް ވަރަކަށެވެ.

ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ޤާނޫނެއް އެކުލަވާލީ 1976 ގައެވެ. އެއީ 27 ނޮވެންބަރު 1976 ގައި ފާސްކުރެވުނު 76/30 ދިވެހިރާއްޖެއަށް ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާ ބެހޭ ޤާނޫނެވެ. އެ ޤާނޫނުގައި ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅިއިރު އަދި އދ ގެ ކަނޑުގެ ޤާނޫނާބެހޭ މުޢާހަދާ ވުޖޫދަކަށް ނާދެއެވެ. އެއިރު އަދި ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކުން ކަނޑުގެ ސަރަޙައްދު ބަލާނެ މިންގަނޑުތަކެއް ކަނޑައެޅިފައެއް ނުވެއެވެ. އެހެންކަމުން މި ޤާނޫނުގައި ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު، އޭގެ ފަހުން ހެދުނު މުޢާހަދާގައި ބުނާ މިންގަނޑުތަކާ ފުށުއަރައެވެ. މިގޮތުން އެ ޤާނޫނުގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ކަމަށް ކަނޑައަޅާފައިވާ ބައެއް ދިމަދިމާއިން 200 ނޯޓިކަލް މޭލަށްވުރެ ފުޅާކޮށް ވެސް ހުއްޓެވެ. ރާއްޖޭގެ އިރު އުތުރުން 210 މޭލެ ފުޅާކޮށް ހުރި އިރު، ދިވެހިރާއްޖޭގެ ދެކުނުން ފޯޅަވައްސާ ދިމާއިން 300 މޭލަށްވުރެ ފުޅަލެވެ. އެހެން ނަމަވެސް އޭގައި ރާއްޖޭގެ އިރުއުތުރުން އޮތްބައި އޮތީ އޭގެ ކުރިން އިންޑިޔާއާއި ސްރީލަންކާއާއެކު ވެވުނު އެއްބަސްވުމާ އެއްގޮތްވާ ގޮތަށެވެ. އަދި އޭރު ދިވެހިރާއްޖޭގެ އުތުރުން އިހަވަންދިއްޕޮޅާއި އިންޑިޔާގެ މަލިކާ ދެމެދު އޮތް ސަރަޙައްދާ މެދު އޭރު އިންޑިޔާއާއި އެކީ ވަކި ގޮތަކަށް އެއްބަސްވެފައި ނެތެއްކަމަކު އެ ދިމާއިން އޮތީ ދެފަރާތަށް ހަމަހަމައަށް ވާގޮތަށެވެ.

ދިވެހިރާއްޖޭގެ އުތުރާއި އިރުއުތުރުން އޮތް ފުށުއަރާ ސަރަޙައްދު ބައިކުރުމާމެދު 1976 ގައި ދިވެހިރާއްޖެއާއި، އިންޑިޔާއާއި، ސްރީލަންކާއާ ދެމެދު އެއްބަސްވުމަކަށް އާދެވި ތިން ޤައުމުގެ މެދުގައި 31 ޖުލައި 1976 ގައި ސޮއިކުރެވުނު އެގްރިމެންޓަކުން އެ މައްސަލަ ވަނީ ޙައްލުކުރެވިފައެވެ. ހަމައެހެންމެ މަލިކު ހިމެނޭ އިންޑިޔާގެ ދެކުނު ބޯޑަރާއި ދިވެހިރާއްޖޭގެ އުތުރު ބޯޑަރުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، އެ ސަރަޙައްދު ދެފަރާތަށް ހަމަހަމައަށް ބަހާލައިގެން 28 ޑިސެންބަރު 1976 ގައި ދެ ޤައުމުންވަނީ އެގްރިމެންޓެއްގައި ސޮއިކޮށްފައެވެ.

ކުރިން ބަޔާންކުރެވުނު ފަދައިން ދިވެހިރާއްޖެއިން އދ ގެ ކަނޑުގެ ޤާނޫނާބެހޭ މުޢާހަދާ (ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ ނުވަތަ އަންކްލޯސް) ގައި ސޮއިކުރީ ޑިސެންބަރު 1982 ގައެވެ. އެ މުޢާހަދާގައި ސޮއިކުރި އިރު އޮތް 1976 ގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާބެހޭ ޤާނޫނު، އެ މުޢާހަދާއާ ފުށުއަރާތީ 1996 ގައި އެ ޤާނޫނު އުވާލައި މުޅީން އާ ޤާނޫނެއް އެކުލަވާލެވުނެވެ. މި ޤާނޫނަކީ ޤާނޫނު ނަންބަރު 96/6 ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނެވެ. މި ޤާނޫނުގެ ދަށުން އދ ގެ މުޢާހަދާގައި ބުނާ މިންގަނޑުތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ކަނޑައަޅައި ބަޔާންކުރެވުނެވެ. މިގޮތުން ދިވެހިރާއްޖޭގެ އެތެރޭގެ ކަނޑާއި، އާކިޕެލާޖިކް ބޭސްލައިންގެ އެތެރެއަށްވާ އާކިޕެލާޖިކް ކަނޑާއި، އާކިޕެލާޖިކް ބޭސްލައިންތަކުން ފެށިގެން ބަލާ 12 ނޯޓިކަލް މޭލު ފުޅާ ސަރަޙައްދީ ކަނޑާއި، އެކަނޑުގެ ބޭރު ކައިރިން ފެށިގެން ބަލާ 12 ނޯޓިކަލް މޭލު ފުޅާ ގުޅިފައިވާ ކަނޑާއި، އާކިޕެލާޖިކް ބޭސްލައިންތަކުން ފެށިގެން ބަލާ 200 ނޯޓިކަލް މޭލުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅިގެން ދިޔައެވެ.

އަންކްލޯސްއާ އެއްގޮތްވާ ގޮތުގެ މަތިން އާ ޤާނޫނެއް އެކުލަވާލުން

އަންކްލޯސްއާ އެއްގޮތްވާ ގޮތުގެ މަތީން އެކުލަވާލާވައިވާ ޤާނޫނު ނަންބަރު 96/6 ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙަދުތަކާބެހޭ ޤާނޫނުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ބަޔާންކުރުމަށްފަހު، އެ ޤާނޫނުގެ 7 ވަނަ މާއްދާގައި އޮތީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމުގައި އެހެން ޤައުމެއްގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާ ފުށުއަރާނަމަ، ފުށުއަރާ ދިމާއަކާ ބެހޭގޮތުން އެ ޤައުމަކާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވެ ސޮއިކުރެވޭ އެގްރިމެންޓެއްގެ ދަށުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ ބޭރުކައިރި ފުށުއަރާ ހިސާބެއްގައި ކަނޑައެޅުމަކަށް އެ ޤާނޫނު ހުރަހެއް ނާޅާކަމަށެވެ. މި އިބާރާތަށް ބަލާއިރު މީގައި ލިޔެފައި މިއޮތީ މުސްތަޤްބަލަށް ރިޢާޔަތްކޮށްފައިކަން އެބައެނގެއެވެ. ސަބަބަކީ އޭރު ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ފުށުއަރައި، އެގްރިމެންޓެއްގައި ސޮއިކުރެވިފައި ނެތީ ރާއްޖޭގެ ދެކުނުން ފޯޅަވައްސާ ދެމެދު ފުށުއަރާ ސަރަޙައްދާ މެދުގައެވެ.

1996 ގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާގައި ގައި އެބުނަނީ 1976 ގައި ސޮއިކޮށްފައިވާ އެގްރިމެންޓްތަކުގެ ވާހަކަ ކަމަށްވާނަމަ އެކަން ބަޔާންކޮށްފައި އޮންނަންވާނީ ކުރީން ހެދިފައިވާ އެގްރިމެންޓްތައް މި ޤާނޫނާ ފުށުނާރާނަމަ މި ޤާނޫނުގެ ދަށުން އެ އެގްރިމެންޓްތަކަށް ޙުރުމަތްތެރިކޮށް ހިތަންޖެހޭނެކަމަށެވެ. އދ ގެ ކަނޑުގެ ޤާނޫނާ ބެހޭ ކޮންވެންޝަންގައި އެކަން ބަޔާންކޮށްފައި އޮންނަނީ އެފަދަ ޢިބާރާތަކުންނެވެ. އެހެންނަމަވެސް ޤާނޫނުގެ 7 ވަނަ މާއްދާގައި މުސްތަޤްބަލުގެ ޞީޣާގައި އެކަން ބަޔާންކޮށްފައި އޮވެފައި، އެހެން މާއްދާއެއްގައި ކުރީގެ އެގްރިމެންޓެއްގެ ވާހަކަ ބަޔާންކޮށްފައި ނެތަސް އެ އެގްރިމެންޓް ޤާނޫނާ ފުށުނާރައެވެ. ސަބަބަކީ ޤާނޫނުގެ 7 ވަނަ މާއްދާގައި އެކަން ބަޔާންކުރުމުގެ މަޤްޞަދުގައި އެކަން ވެސް ހިމެނިގެން ދާ ގޮތަށް ތަރުޖަމާކުރެވެން އޮތީމައެވެ. މައްސަލައަކީ ބައެއް ބޭފުޅުން އެ މާއްދާ ތަރުޖަމާކުރުމުގައި އެއީ ހަމައެކަނި ކުރީގެ އެގްރިމެންޓްތަކުގެ ވާހަކަ ކަމަށް ބަޔާންކުރައްވާތީއެވެ.

2014 ވަނަ އަހަރު ޤާނޫނު ނަންބަރު 96/6 ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙަދުތަކާބެހޭ ޤާނޫނަށް އިޞްލާޙެއް ގެނެވިފައިވެއެވެ. އެއީ ޤާނޫނު ނަންބަރު 22/2014 އިން ގެނެވުނު އިޞްލާޙެކެވެ. މި އިޞްލާޙުގައި އެ ޤާނޫނުގެ 2 ވަނަ މާއްދާއާއި، 7 ވަނަ މާއްދާގައި ބަޔާންކުރާ ވާހަކަތަކަކީ އެ ދެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި އޭގެ އިތުރުން ކޮންމެ މާއްދާއަކަށް (ށ) ގެ ގޮތުގައި އަކުރެއް އިތުރު ކޮށްފައިވުމެވެ. 7 ވަނަ މާއްދާއަކީ ކުރިން ދެންނެވުނު ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު އެހެން ޤައުމެއްގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާ ފުށުއަރާނަމަ ހަދާނެ ގޮތް ބަޔާންކުރާ މާއްދާއެވެ. މިގޮތުން މި ބަޔަކީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި (ށ) ގެ ގޮތުގައި އިތުރުކުރެވުނު ބަޔަކީ "މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި މާއްދާގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށް ގެނެވޭ އެއްވެސް ބަދަލަކީ، އޭގެ ސަބަބުން ދިވެހިރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއްކަމުގައި ވާނަމަ، އެއިން އެއްވެސް ބަދަލެއް ގެނެވޭނީ، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްވާ ޤާނޫނަކުންނެވެ." މިއެވެ. 1996 ގެ ޤާނޫނަށް މި ގެނެވުނު އިޞްލާޙުންވެސް، އެ ޤާނޫނުގެ 7 ވަނަ މާއްދާއަކީ މުސްތަޤްބަލުގައި އުފެދިދާނެ އެފަދަ ފުށުއެރުމެއް ޙައްލުކުރަން ލެވިފައި އޮތް މާއްދާއެއްކަން އިތުރަށް އެނގި ސާފުވެގެންދެއެވެ.

1996 ގައި އެކުލަވާލި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ބަޔާންކުރާ ޤާނޫނަށްފަހު، 2010 ވަނަ އަހަރުގައި ދިވެހިރާއްޖެއިން އދ ގެ "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ކޮންޓިނެންޓަލް ޝެލްފް" އަށް، 200 ނޯޓިކަލް މޭލުން ބޭރަށް އޮތް ދިވެހިރާއްޖެއިން ދަޢުވާކުރާ ކޮންޓިނެންޓަލް ޝެލްފްގެ މިންތައް ބަޔާންކޮށް ރަސްމީ ލިޔުން ހުށައެޅިއެވެ. އެ ހުށައެޅުމުގައިވެސް ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަމުގައި އޮތީ 1996 ގެ ޤާނޫނުން ކަނޑައަޅާފައިވާ ސަރަޙައްދެވެ. ދެކުނުން ޗާގޯސްއާ ދެމެދު އޮތް ބަޔަށް އޮތީ ފުރިހަމަ 200 ނޯޓިކަލް މޭލު ލާފައެވެ.

އައްޑުއަތޮޅުގެ ދެކުނުން އޮތް ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ މައްސަލަ

ޤާނޫނު ނަންބަރު 96/6 ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙަދުތަކާބެހޭ ޤާނޫނު އެކުލަވާލުމާއެކު، 1976 ގައި އިންޑިޔާއާއި ސްރީލަންކާއާ ދެމެދު ވެވުނު އެއްބަސްވުންތަކުން ކަނޑައެޅިފައިވާ ސަރަޙައްދު ފިޔަވައި، ދިވެހިރާއްޖޭގެ ވަށައިގެން ދެމިފައިވާ އާކިޕެލާޖިކް ބޭސްލައިން އިން ފެށިގެން، އެ ބޭސްލައިންގެ ވަށައިގެން، ދިވެހިރާއްޖެއަށް 200 ނޯޓިކަލް މޭލު ފުޅާ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެއް ލިބިގެން ދިޔައެވެ. މިގޮތުން އިނގިރޭސިވިލާތުގެ ދަށުގައި އޮތް، އަދި މޮރިޝަސްއިން އެތަނަކަށް ދަޢުވާކުރަމުން އަންނަ ޗާގޯސްގެ ރަށްތަކާ ދޭތެރޭގައި އޮތް 270 ވަރަކަށް ނޯޓިކަލް މޭލު ފުޅާ ކަނޑުން ދިވެހިރާއްޖެއަށް 200 ނޯޓިކަލް މޭލު ނެގީމާ ޗާގޯސްއަށް ލިބެނީ 70 މޭލެވެ.

އައްޑުއަތޮޅުގެ ދެކުނުން އޮތް މި 200 ނޯޓިކަލް މޭލަކީ ދިވެހިރާއްޖެއަށް އެއްވެސް ހުރަހެއް ނެތި ލިބިފައި އޮތް ސަރަޙައްދެއްހެއްޔެވެ؟ ކުރިން ދެންނެވުނު ފަދައިން ޤާނޫނު އެކުލަވާލެވުނީ 1996 ގައެވެ. ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދު ޗާގޯސްއާ އައްޑުއާ ދޭތެރޭގައި އޮތް ކަނޑުގެ ސަރަޙައްދާ މެދު 1992 ގައި ވާހަކަތަކެއް ދެކެވުނުކަން އަޅުގަނޑުމެންނަށް އެނގެން އެބައޮތެވެ. ދެ ޤައުމުގެ ދެމެދުގައި ޓެކްނިކަލް ދަރަޖައެއްގައި ދެކެވުނު އެ ވާހަކަތަކަށް ފަހު، ޗާގޯސްއާ ދިމާގައި އޮތް ދިވެހިރާއްޖޭގެ 200 ނޯޓިކަލް މޭލުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ޗާގޯސްގެ 200 ނޯޓިކަލް މޭލުގެ "ފިޝަރީޒް ކޮންޒަވޭޝަން އެންޑް މެނޭޖްމެންޓް ޒޯން" ގެ ފުށުއަރާ ސަރަޙައްދު ދެ ޤައުމުގެ ދެމެދުގައި "އިކުއިޑިސްޓެންސް" ގެ އުޞޫލުން ބަހާގޮތަށް އެއްބަސްވެ ދެލިކޮޕީ އެގްރިމެންޓެއް ތައްޔާރުކުރެވުނުކަން އެނގެއެވެ. އެހެންނަމަވެސް ދެ ޤައުމުން ރަސްމީކޮށް އެ އެގްރިމެންޓްގައި ސޮއިކޮށްފައި ނުވެއެވެ.

އިނގިރޭސިވިލާތުން ޗާގޯސް ނުވަތަ އެ ޤައުމުން ބޭނުންކުރާ ރަސްމީ ނަމުން ނަމަ ބްރިޓިޝް އިންޑިޔަން އޯޝަން ޓެރިޓަރީގެ "ފިޝަރީޒް ޒޯން" ފުރަތަމަ ކަނޑައެޅީ 12 ނޯޓިކަލް މޭލުގެ ފުޅާ މިނުގައެވެ. އެއީ 1969 ގައެވެ. އޭގެފަހުން 1991 ގައި އެ ސަރަޙައްދު 200 ނޯޓިކަލް މޭލަށް ފުޅާކޮށް، ސަރަޙައްދުގެ ނަން "ފިޝަރީޒް ކޮންޒަވޭޝަން އެންޑް މެނޭޖްމެންޓް ޒޯން" އަށް ބަދަލުކުރިއެވެ. 2003 ގައި އެ ނަން "އެންވައިރަމެންޓް ޕްރިޒަވޭޝަން އެންޑް ޕްރޮޓެކްޝަން ޒޯން" އަށް ބަދަލުކޮށް ރަސްމީކޮށް އެކަން އދ އަށް ހުށައެޅިއެވެ. އޭގެ ފަހުން 2010 ގައި ޗާގޯސްގެ "މެރީން ޕްރޮޓެކްޓެޑް އޭރިއާ" ގެ ނަމުގައި ސަރަޙައްދެއް ކަނޑައަޅައި އިޢުލާނުކުރިއެވެ. "މެރީން ޕްރޮޓެކްޓެޑް އޭރިއާ" ސަރަޙައްދަކީ ކުރިން ކަނޑައެޅި "އެންވައިރަމެންޓް ޕްރިޒަވޭޝަން އެންޑް ޕްރޮޓެކްޝަން ޒޯން" އެވެ. އިނގިރޭސިވިލާތުން ޗާގޯސްގެ ވަށައިގެންވާ ކަނޑުން ކުރިން އެ ޤައުމުން ކަނޑައެޅި "ފިޝަރީޒް ކޮންޒަވޭޝަން އެންޑް މެނޭޖްމެންޓް ޒޯން"، "އެންވައިރަމެންޓް ޕްރިޒަވޭޝަން އެންޑް ޕްރޮޓެކްޝަން ޒޯން"އަށް އަދި އޭގެ ފަހުން، "މެރީން ޕްރޮޓެކްޓެޑް އޭރިއާ" އަށް ބަދަލުކުރިއިރު، ދިވެހިރާއްޖެއާ ވީކޮޅުން ފުރިހަމަ 200 ނޯޓިކަލް މޭލު ނެގުމުގެ ބަދަލުގައި، އޮންނަނީ 1992 ގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު އެއްބަސްވުމަކަށް އާދެވުނު ގޮތަށް ފުށުއަރާބައި ދެފަރާތަށް ހަމަހަމަވާ ގޮތަށް ބަހާލާފައެވެ.

ޗާގޯސްގެ މައްޗަށް ދަޢުވާކުރަމުން އަންނަ މޮރިޝަސްއިން އަބަދުވެސް ބަލަމުން އަންނަ ގޮތުގައި ޗާގޯސްއަކީ އެ ޤައުމުގެ ބައެކެވެ. އެހެންކަމުން އެ ޤައުމުގެ ޤާނޫނުއަސާސީގައި ވެސް ޗާގޯސް ހިމަނާފައި އޮންނަނީ އެ ޤައުމުގެ ބައެއްގެ ގޮތުގައެވެ. އަންކްލޯސްގެ 75 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން މޮރިޝަސްއިން 1984 ގައި ޗާގޯސްގެ ވަށައިގެން 200 ނޯޓިކަލް މޭލު ފުޅާ ސަރަޙައްދެއް ލިބޭ ގޮތަށް އެ ޤައުމުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅިއެވެ. އަދި 20 ޖޫން 2008 ގައި އދ ގެ ކަނޑުތަކާބެހޭ ކަންކަމާއި ކަނޑުގެ ޤާނޫނާބެހޭ ބަޔަށް އެކަމާގުޅޭ ލިޔެކިޔުން ހުށައެޅިއެވެ. ހަމަ އެގޮތަށް ޗާގޯސް ހިމަނައިގެން، އެ ޤައުމުގެ ކޮންޓިނެންޓަލް ޝެލްފްއަށް ވާ ބައި ހޯދުމަށްޓަކައި 2009 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި އދ އަށް ހުށައެޅިއެވެ.

މި ކަންކަމަށް ބަލާއިރު ދިވެހިރާއްޖެއިން އަންކްލޯސްއާ އެއްގޮތްވާ ގޮތުގެ މަތީން 1996 ގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނު ހެދިއިރު، ޗާގޯސް އެ ޤައުމެއްގެ ދަށުގައި އޮތް އިނގިރޭސިވިލާތުން މިވަނީ 1991 ގައި ޗާގޯސްގެ ވަށައިގެން 200 ނޯޓިކަލް މޭލުގެ މަސްވެރިކަމުގެ ސަރަޙައްދެއް ކަނޑައަޅާފައެވެ. ހަމަ އެހެންމެ ޗާގޯސްގެ މައްޗަށް ދަޢުވާކުރާ މޮރިޝަސްއިން މިވަނީ 1984 ގައި ޗާގޯސްގެ ވަށައިގެން 200 ނޯޓިކަލް މޭލުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެއް ލިބިގެންވާ ކަމަށް ކަނޑައަޅާފައެވެ. ޗާގޯސްގެ މިލްކުވެރިކަން އެއިން ކޮންމެ ޤައުމަކަށް ލިބުނަސް، އެ ތަނާއި އައްޑުއަތޮޅާ ދެމެދުގައި އޮތް ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ދިވެހިރާއްޖެއަށް އޮތީ ފުރިހަމައަށް 200 ނޯޓިކަލް މޭލު ލިބޭ ގޮތަކަށް ނޫނެވެ.

ދެން އޮތީ ބައެއް މީހުން ދަޢުވާކުރާ ގޮތަށް ޗާގޯސްއަކީ "ޓެރަ ނަލިއަސް" ތަނެއްހެއްޔެވެ؟ އޭގެ ކުރިން ޓެރަ ނަލިއަސްއަކީ ކޮބައިތޯ ބަލާލާނަމެވެ. ޓެރަ ނަލިއަސް އަކީ ލެޓިން ޢިބާރާތެކެވެ. މާނައަކީ "އެއްވެސް މީހެއްގެ ބިމެއްނޫން" މިއެވެ. ބައިނަލްއަޤްވާމީ ޤާނޫނުގައި ޓެރަ ނަލިއަސް އަކީ އެއްވެސް ދައުލަތަކަށް ނިސްބަތް ނުވާ ސަރަޙައްދަކަށް ބޭނުންކޮށް އުޅޭ ޢިބާރާތެކެވެ. ޓެރަ ނަލިއަސް ސަރަޙައްދެއްގެ މައްޗަށް ޤައުމެއްގެ ސިޔާދަތީ ބާރު ހިންގޭނީ އެތަނެއް ހިފުމަށްފަހުގައެވެ. އެފަދަ ސަރަޙައްދެއް ހިފުމަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ޓެރަ ނަލިއަސް ސަރަޙައްދެއްގެ މައްޗަށް ސިޔާދަތީ ބާރު ހިންގޭނެ ގޮތްތަކުގެ ތެރެއިން އެއް ގޮތެވެ. އެނޫން ގޮތްތަކުގެ ތެރޭގައި އެފަދަ ތަނެއް ފަތަޙަކުރުމާއި، އެގްރީމެންޓެއްގެ ދަށުން އެފަދަ ތަނެއްގެ މައްޗަށް އޮތް ސިޔާދަތީ ބާރު އެއް ޤައުމުން އަނެއް ޤައުމުގެ މައްޗަށް ދޫކޮށްލުން ފަދަ ގޮތްތައް ހިމެނެއެވެ. 18 ވަނަ ޤަރުނުގެ ތެރޭގައި ދެކުނު އިންޑިޔާ ކަނޑުގައި ހުރި މީހުންދިރިނޫޅޭ އަތޮޅުތަކާއި ޖަޒީރާތައް ހިފައިގެން އެތަންތަނަށް ވެރިވެގެން އުޅުނީ ފަރަންސޭސީންނެވެ. އެބައިމީހުން 1793 ގައި އެފްރިކާ ބައްރުން ޗާގޯސްއަށް ގެންދިޔަ އަޅުން، 1814 ގައި އެތަން އިނގިރޭސީންނަށް ލިބުމަށްފަހު، 1840 ގައި މިނިވަންކުރިއެވެ. އޭގެ ފަހުން އިންޑިޔާއިން ގެންދިޔަ މީހުންނާއި އެފްރިކާ ދަރިކޮޅު މީހުންނާ މަސްހުނިވެ، ސަރަޙައްދުގައި އިސްތިއުމާރީންގެ ސަބަބުން އުފެދުނު ގިނަ ޤައުމުތަކުގެ އަހުލުވެރީންގެ ނަސްލުތައް އުފެދުނު ގޮތަށް، ޗާގޯސް މީހުންގެ ވެސް ނަސްލެއް އުފެދި އަމިއްލަ ބަހަކާއި ސަގާފަތެއްވެސް އުފެދުނުވެ. ޑިއެގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ޤާއިމްކުރުމަށްޓަކައި އިނގިރޭސިވިލާތުން ޑިއެގޯ ގާސިއާ އެމެރިކާއަށް ކުއްޔަށްދިނުމަށްފަހު އެމެރިކާއިން އެދިގެން 1968 ގައި ޗާގޯސްގެ ވަޒަންވެރީން އެތަނުން ބާލަން ފަށައިގެން، އެންމެ ފަހަށް ތިބި މީހުން ބާލައި ނިމުނީ 27 އޭޕްރީލް 1973 ގައެވެ. އެތަނުން ބޭލި ޗާގޯސް މީހުންނާއި އެމީހުންގެ ދަރިކޮޅު މީހުން އަދިއަދަށް ދާންދެންވެސް އަންނަނީ އެބައިމީހުންގެ ވަޒަނަށް ދިޔުމަށް މަސައްކަތް ކުރަމުންނެވެ. އެހެންވީމާ އެތަނަކީ 1793 އިން ފެށިގެން މީހުން އުޅެމުން އައިސްފައިވާ، ފަރަންސޭސީންގެ ދަށުން އިނގިރޭސީންނަށް ލިބި، އޭގެތެރެއިން އުފެދުނު ކަންކަމުގެ ތެރެއިން މޮރިޝަސްއިން އެއީ އެ ޤައުމުގެ ތަނެއް ކަމުގައި ދެކެމުން އަންނަ ތަނެކެވެ.

ދިވެހިރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ މައްސަލައިގެ ތާރީޚުގެ މައްޗަށް ކޮންމެވެސް ވަރަކަށް ބަލައިލެވިއްޖެކަމަށް ހީކުރަމެވެ. މީގައި އެއްވެސް ގޮތަކަށް ދިވެހިރާއްޖޭގައި ރަސްކަންކޮށްފައި ރަސްކަން ދޫކޮށްލައްވާފައި 1552 ގައި ކޮޗިނަށް ވަޑައިގެން ނަޞާރާދީނަށް ވެދެވަޑައިގެން ހުންނެވުމަށްފަހު، ގޯވާގައި ޑޮން މެނުއަލްގެ ގޮތުގައި ހުންނަވާފައި 1560 ގައި ލިޔުއްވި ސިޓީފުޅުގައި ބަޔާންކުރާ ޕުއްލޮބޭގެ 7 ޖަޒީރާގެ ވާހަކައާއި، އޭގެފަހުން ބޮޑުތަކުރުފާނުގެ ދަރިކަލުން ކަލާފާނުގެ ރަސްކަމުގައި ރާއްޖޭގެ ދެކުނުގައި އޮންނަ ޕޮއްޅޮވައިއޭ ކިޔާ ޖަޒީރާއެއް ހޯދަން މާލިމީން ފޮނުވިކަމަށް ޕީރާޑް ބަޔާންކޮށްފައިވާ ވާހަކައިގެ މައްޗަށް އަލިއަޅުވާލާފައި ނުވާނެއެވެ. އެކަމުގެ މައްޗަށް ކުރިން މާ ތަފްޞީލުކޮށް ނޫނަސް ލިޔުމެއް ލިޔެފައިވާނެއެވެ. އަދި އިތުރަށް ތަފްޞީލުކޮށް އެކަމާއި ގުޅޭ ލިޔުމެއް ދުރުނޫން މުސްތަޤްބަލެއްގައި ލިޔުމަށް ޤަޞްދުކޮށްގެން ހުރީމެވެ.

ދިވެހިރާއްޖެއާއި ޗާގޯސްއާ ދެމެދުން ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ފުށުއަރާ ސަރަޙައްދު ބެހުމަށްޓަކައި، މޮރިޝަސްއިން އިޓްލޮސްއަށް މައްސަލަ ހުށައަޅައިގެން ނިމުނު ގޮތާއި އެކަމުގައި ކަން ހިނގާފައިވާ ގޮތް، މައްސަލައާ ގުޅިގެން ދެ ފަރާތުން ހުށައެޅި ލިޔެކިޔުންތަކަށް ބަލާލުމުން އެނގި ސާފުވެގެން ދާނެއެވެ. އައްޑުއަތޮޅުގެ ދެކުނުން، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން، އެއްވެސް އިރެއްގައި ފުރިހަމަ 200 ނޯޓިކަލް މޭލު ލިބި ޤަރާރުވެފައެއް ނުވެއެވެ. ފެށުނީއްސުރެ އެ ދެމެދުގައި ފުށުއެރުމެއް އޮތެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނުގައިވެސް ޚާއްޞަ މާއްދާއެއް އެކުލަވާލާފައި އޮތީވެސް އެ ސަބަބަށްޓަކައި ކަމަށް ޤަބޫލުކުރެވެއެވެ.

މަރްޖިޢު:
https://www.un.org/Depts/los/convention_agreements/convention_historical_perspective.htm 1911 މިތައްވަނަ އަހަރު ދިވެހިރާއްޖޭގެ ބޯހިމެނި ހިސާބު ފޮތް، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހި ތާރީޚަށް އައު އަލިކަމެއް، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (ފުރަތަމަ ޗާޕު 1958-1966 / ދެވަނަ ޗާޕު 1990)
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ (1964)
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ (1972)
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ (1975)
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ (1998)
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ (2008)
ޤާނޫނު ނަންބަރު 5/69 ޖ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސަރަޙައްދުގެ ޤާނޫނު
ޤާނޫނު ނަންބަރު 52/70 ޖ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސަރަޙައްދުގެ ޤާނޫނަށް އިޞްލާޙުގެނައުމުގެ ޤާނޫނު
ޤާނޫނު ނަންބަރު 30/76، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާބެހޭ ޤާނޫނު
ޤާނޫނު ނަންބަރު 6/96 ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނު
https://www.un.org/depts/los/clcs_new/submissions_files/mdv53_10/MAL-ES-DOC.pdf Bulletin No.54, Law of the Sea, Division for Ocean Affairs and the Law of the Sea, Office of the Legal Affairs, United Nations
https://www.marineregions.org/documents/59587.pdf https://files.pca-cpa.org//pcadocs/mu-uk/Annexes%20to%20Memorial/MM%20Charts.pdf https://faolex.fao.org/docs/pdf/mat4809.pdf https://www.state.gov/wp-content/uploads/2019/11/LIS-140.pdf Sand, Peter (2010) The Chagos Archipelago_Footprint of Empire, or World Heritage.

އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟