ރިޔާސީ އިންތިހާބުގައި ކުރިއަށްދާނެ ގޮތަކާމެދު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން "ފިކުރުގެ ދިރުން،" އާއެކު އަދި އެއްބަސްވުމަކަށް ނާދޭވޭ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ.

"ވަންއޮންލައިން" އަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އާއެކު ކުރިއަށް ދިއުމުގެ މަޝްވަރާތައް ރައީސް ނަޝީދުގެ ފެކްޝަނާ އެކީ ކުރިއަށްދިޔަ ނަމަވެސް އަދި ވަކި ގޮތަކަށް އެއްބަސްވެވިފައި ނުވާ ކަމަށެވެ.

"އަދި ދެފަރާތުގެ މެދުގައި އެކަމަށް ގޮތެއް ހަމައެއް ނުޖެހޭ، ހަމަޖެހިއްޖެއްޔާ ހަބަރުވާނެ ދެއްތޯ،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ރައީސް މައުމޫނުގެ އެމްއާރުއެމްއާއެކުވެސް އިތުރު ވާހަކަތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން "އެމްއާރުއެމް އަށް ވަގުތެއް ހަމަޖައްސަން ވެފައި އޮތީ، އެ ބޭފުޅުން ތިބީ ތައްޔާރަށް،" ކަމަށްވެސް އަމީން ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ރައީސް ނަޝީދުގެ ފެކްޝަނުންގެ އިތުރުން އެމްއާރުއެމް އާއެކު ޖޭޕީން ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް އަމީން ވިދާޅުވީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމްއާއެކު ރަސްމީ ވާހަކަތައް އަދި ކުރިއަށް ނުދާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ޖޭޕީއާއެކު ކުރިއަށްދިއުމަށް މިހާތަނަށް އެއްވެސް ފަރާތަކުން ނިންމާފައި ނުވާއިރު، އެކަނި ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

ގާސިމް އެހެން ވިދާޅުވީ، އެއްވެސް ފަރާތަކުން ގާސިމްއާއެކު ކުރިއަށްދިއުމަށް ބޭނުން ނުވާތީތޯ، ވަން އިން ދެންނެވުމުން، އަމީން ވިދާޅުވީ، "އެއީ މީޑިއާތަކުގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން، އެ މަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމުގެ ޔަގީންކަން ދެއްވުމުގެ ގޮތުން ވިދާޅުވި ވާހަކަފުޅެއް،" ކަމަށެވެ.