ދާއިމީ ކޯޗެއް ހޯދުމަށް ޗެލްސީން ކުރަމުން އަންނަ މަސައްކަތުގައި ކުރިން ޕީއެސްޖީއާއި ޓޮޓެންހަމްއަށް ކޯޗުކަން ކޮށްދިން މައުރީޝިއޯ ޕޮޗެޓީނޯއާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.
މި ސީޒަނުގައި އުނދަގޫ ހާލަތެއްގައި އޮތް ޗެލްސީގެ ކޯޗު ކަން ޕޮޗެޓީނޯއާ ހަވާލުކުރާނީ ސީޒަން ނިމުމުންނެވެ. އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނީ ޕޮޗެޓީނޯ ޗެލްސީއާ ހަވާލުވާނީ ސީޒަން ނިމުމުން ކަމަށްވީ ނަމަވެސް، އޭނާ މިހާރުން ފެށިގެން ކްލަބާއެކު ޓްރާންސްފާގެ ކަންކަމުގައި ވާހަކަތައް ދައްކަމުންދާނެ ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ 11 ވަނައިގައި އޮތް ޗެލްސީގެ ކޯޗުކަމުން ގްރަހަމް ޕޮޓާ ވަކިކޮށް، އެ ވަޒީފާ ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ކްލަބު ލެޖެންޑް ފްރޭންކް ލަމްޕާޑާ އެވެ. ލަމްޕާޑާ އެކު ޗެލްސީން މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން ހޯދުނީ އެންމެ މޮޅެކެވެ. ޓީމުގެ ފޯމު އަދިވެސް ފެންނަނީ ވަރަށް ބޮޑަށް ދަށް ކޮށެވެ.
ހަބަރުތައް ބުނެފައި ވަނީ ޗެލްސީއާއި ޕޮޗެޓީނޯ ފުރަތަމަ ކުރި މަޝްވަރާތައް ކާމިޔާބު ނޫން ނަމަވެސް، ކްލަބުގެ ކޯޗިން މަސައްކަތުގެ ބޭރުން، ކުޅުންތެރިން ގެނައުމާއި، ސްކޮޑު މެނޭޖުކުރުމުގެ ބާރުތަކެއް ޕޮޗެޓީނޯއަށް ދޭން އެއްބަސްވާ ގޮތަށް ޗެލްސީން މިހާރު ދޫ ދީފައިވާ ކަމަށެވެ.
އާޖެންޓީނާއަށް އުފަން ޕޮޗެޓީނޯ އެންމެފަހުން ހުރީ ޕީއެސްޖީގެ ކޯޗުކަމުގައެވެ. މިދިޔަ އަހަރުގެ ޖުލައި މަހު އޭނާ ޕީއެސްޖީ ކޯޗުކަމުން ވަކިކޮށްފައިވާ އިރު، ޕޮޗެޓީނޯ އެންމެ ބޮޑަށް ފާހަގަވީ ޓޮޓެންހަމް އަށް ކޯޗުކަން ކޮށްދިން ދުވަސްވަރުއެވެ. 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރަށް ޕޮޗެޓީނޯ ޓޮޓެންހަމް އަށް ކޯޗުކަން ކޮށްދީފައިވާ އިރު، އޭނާ ވަނީ އެ ކްލަބާއެކު ޗެމްޕިއަންސް ލީގު ފައިނަލެއްގައި ކުޅެފައެވެ. 2019 ވަނަ އަހަރު ޓޮޓެންހަމްއިން ޕޮޗެޓީނޯ ފޮނުވާލީ، ލީގު ތާވަލުގެ 14 ވަނައަށް ކްލަބު ވެއްޓުމުންނެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ