ހިލަވެލި ބަރުކޮށްގެން ދެ މީހުންނާ އެކު ދަތުރުކުރަމުންދިޔަ ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ގެއްލިގެން ހޯދަމުންދަނީ "ޖަންބޯ" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. ޖަންބޯ ދޯނި ފުރިފަހުން ހަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 6:03 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ޖަންބޯ ދޯނީގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މިއަދު މެންދުރު 11:35 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ދޯންޏަކީ މާލެއިން ހިލަބަރުކޮށްގެން ކ. ގާފަރަށް މަޑު ކުރުމަށްފަހު މިއަދު ހެނދުނު 10:40 އެހާކަންހާއިރު ކ. ގާފަރުން ފުރައިގެން ދ. ދަރަވަންދުއަށް ދަތުރުކުރި ދޯންޏެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ދޯނީގެ ހަބަރެއް ނުވެގެން ހޯދަން ފަށާފައިވަނީ ދަރަވަންދުއަށް ދާން ފުރިފަހުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"ޖަންބޯ ދޯންޏަކީ ދިގުމިނުގައި 65 ފޫޓު ހުންނަ ދޯންޏެއް ކަމަށާއި މި ދޯނީގައި ދެ މީހުން ދަތުރުކުރި ކަމަށްވެސް އެމްްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މައުލޫމާތު ލިބިފައި. މީގެއިތުރުން މިއަދުގެ 13:00 އާއި 13:30 ދެމެދުގެ ވަގުތެއްގައި މިދޯންޏާ ވަައްތަރު ދޯންޏެއް ކަމަށް ލަފާކުރެވޭ ދޯންޏެއް ކާށިދޫގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް ހަ މޭލުބޭރުން ފެނުނު ކަމަށް އެސަރަހައްދުން ދަތުރުކުރި ދޯންޏަކުން މިރޭގެ ވަގުތެއްގައި ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ދީފައި" އެމްއެންޑީއެފުން ބުންޏެވެ.

އެ ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އެމްއާރުސީސީ، ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.