ޔުކްރޭނުގެ ހަނގުރާމަޔާ ގުޅިގެން ރަޝިޔާއަށް ދަތިކުރުމަށް ހުޅަނގުގެ ގައުމުތަކުން ނަންހުސްކޮށް ފިޔަވަޅުތަކެއް އެޅިޔަސް، ހުސްވި 2022 ވަނަ އަހަރު ރަޝިޔާގެ އިގުތިސޯދު އިތުރަށް ފުޅާވެ، ކުރިއަރާފައިވާކަން ވޯލްޑްބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި 2.3 ޓްރިލިއަން ޑޮލަރުގެ އިގުތިސޯދަކާ އެކު ރަޝިޔާއަކީ ހުސްވި އަހަރު ދުނިޔޭގެ އެންމެ ބޮޑު އަށް ވަނަ އިގުތިސޯދެވެ. މިއީ 2014 ވަނަ އަހަރުގެ ފަހުން ދުނިޔޭގެ އެންމެ ބޮޑު ދިހަ އިގުތިސޯދުގެ ތެރޭގައި ރަޝިޔާ ހިމެނުނު ފުރަތަމަ ފަހަރެވެ.
ޔުކްރޭނުގެ ހަނގުރާމަ ފެށުމުގެ ކުރިން 2021 ވަނަ އަހަރު ރަޝިޔާ އޮތީ އެގާރަވަނައިގައެވެ. އެންމެ މައްޗަށް އެރީ މީގެ ނުވަ އަހަރު ކުރިން 2014 ގައެވެ. އެފަހަރު އެރީ ނުވަވަނަ އަށެވެ. ހަނގުރާމަ ހިނގަމުންދިޔުމާ އެކުވެސް މިފަހަރު މިވަނީ އެއަށްވުރެ އެއް ދަރަޖަ މައްޗަށް ޖެހިލައިފައެވެ.
ހުސްވި އަހަރު ލިސްޓުގެ އެއްވަނައިގައި އޮތީ 25 ޓްރިލިއަން ޑޮލަރުގެ އިގުތިސޯދަކާ އެކު އެމެރިކާއެވެ. ލިސްޓުގެ ދެވަނައިގައި 18 ޓްރިލިއަން ޑޮލަރުގެ އިގުތިސޯދަކާ އެކު ޗައިނާއެވެ. ޖަޕާނު އޮތީ 4.2 ޓްރިލިއަނާއެކު ތިންވަނައިގައެވެ. ޖަރުމަނީއަށް ހަތަރުވަނަ ލިބެނީ ހަތަރު ޓްރިލިއަނާއެކުގައެވެ. އިންޑިއާއަށް 3.4 ޓްރިލިއަން ޑޮލަރުގެ އިގުތިސޯދަކާ އެކު ލިބެނީ ފަސްވަނައެވެ. އިނގިރޭސިވިލާތަށް 3.07 ޓްރިލިއަނާއެކު ހަވަނަ ލިބޭއިރު 2.8 ޓްރިލިއަނާއެކު ފްރާންސަށް ލިބެނީ ހަތްވަނައެވެ.