އެމެރިކާ އާއި އީރާން އަދި ގަތަރުގެ އިސް އޮފިޝަލުންގެ މެދުގައި މުހިންމު ބައްދަލުވުމެއް ސްވިޓްޒަލޭންޑުގެ ބާގަންސްޓޮކްގައި މިއަދު ފަށައިފިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ލުބުނާނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމާއި، ބޭރު ގައުމުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.
ޕާކިސްތާނާއި ގަތަރުން މެދުވެރިއެއްގެ ދައުރު އަދާކުރާ މި މަޝްވަރާތަކުގައި އެމެރިކާގެ ފަރާތުން އިސްކޮށް ހުންނެވީ ނައިބު ރައީސް ޖޭޑީ ވެންސްއެވެ. އީރާނުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ގާނޫނުހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް އާއި ހާރިޖީ ވަޒީރު އައްބާސް އަރަގްޗީއެވެ.
އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވި ގޮތުގައި، އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަކީ މި މަޝްވަރާތަކުގެ އެންމެ އިސް އެއް އަމާޒެވެ. އަދި ލުބުނާނުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި، އެމެރިކާއާއެކު ވެފައިވާ އެއްބަސްވުންތައް ތަންފީޒު ނުކުރެވޭނެ ކަމަށް އީރާނުން ވަނީ އިންޒާރުދީފައެވެ.
މީގެ އިތުރުން، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބޭރު ގައުމުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ 100 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ ތެރެއިން ބައެއް ދޫކޮށްލުމާ ގުޅޭގޮތުން އަންނަނީ މަޝްވަރާކުރަމުންނެވެ. އެގޮތުން، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގަތަރުގައި ހުރި އީރާނުގެ 6 ބިލިއަން ޑޮލަރު ދޫކޮށްލުމުގެ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރިޕޯޓުތައް ބުނެއެވެ.
ޗަތަމް ހައުސްގެ މެދުއިރުމަތީގެ ޑިރެކްޓަރު ސަނަމް ވަކީލް ފާހަގަކުރެއްވި ގޮތުގައި، މި ފައިސާ ދޫކުރުމަކީ އީރާނުގެ އިގުތިސޯދަށް ލިބޭނެ ބޮޑު ލުޔަކަށް ވުމުގެ އިތުރުން، މިއީ ސަރަހައްދީ ނުތަނަވަސްކަން ކުޑަކުރުމަށް އެޅޭ ސިޔާސީ ފިޔަވަޅެކެވެ.
މި މަޝްވަރާތަކުގައި ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުންވެސް ވާހަކަދެކެވޭނެ ކަމަށް ހަބަރުތައް ބުނެއެވެ. އީރާނުގެ ވަފުދުން ބުނެފައިވާ ގޮތުގައި، މެދުވެރިންނާއެކު ކުރިއަށްދާ މި މަޝްވަރާތައް މިރެއާއި ހަމަޔަށް ދިގުދެމިގެންދާނެއެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް