Close
ލިއޮނެލް މެސީ

މެސީއާއި އާޖެންޓީނާއަށް ލޮރެއަސް އެވޯޑު

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާއި އޭޖެންޓީނާއަށް ވެސް ލޮރެސް ސްޕޯޓްސް އެވޯޑްސް ލިބިއްޖެއެވެ.

ލޮރެއަސް އެވޯޑަކީ ކުޅިވަރުގެ ޝަރަފުވެރި އެވޯޑެކެވެ. ލޮރެއަސް ސްޕޯޓްސްއަކީ ކުޅިވަރު ލެޖެންޑުން އެކުވެ، ކުޅިވަރަށް ތަފާތު ހިދުމަތްތަކެއް ކުރުމަށް އުފައްދާފައިވާ ހާއްސަ ޖަމާއަތެކެވެ. ލޮރެއަސްއަކީ ކުޅިވަރުގެ ކާމިޔާބީތައް ފާހަގަކުރުމުގެ އިތުރުން ކުޅިވަރު ކުރިއެރުވުމަށްވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ހާއްސަ ގްރޫޕެކެވެ.

ލޮރެއަސްއިން ކޮންމެ އަހަރަކު ދޭ އެވޯޑަކީ ކުޅިވަރުގެ ލެޖެންޑުން ފަނޑިޔާރުކަން ކޮށް، ދޭ ހާއްސަ ވޯޓަކުން ދޭ އެވޯޑެކެވެ.

މިދިޔަ އަހަރުގެ އެންމެ ވަރުގަދަ ފިރިހެން ކުޅިވަރު ޝަހުސިއްޔަތަކަށް މެސީ ހޮވިފައިވާ އިރު، އާޖެންޓީނާއަކީ ލޮރެއަސްއިން ހޮވި މިދިޔަ އަހަރު އެންމެ ވަރުގަދަ ޓީމެވެ. ރޭގެ އެވޯޑާއެކު މެސީ ވެފައި ވަނީ ލޮރެއަސްގެ ތާރީހުގައި ޓީމް އެވޯޑާއި އިންޑިވިޖުއަލް އެވޯޑު އެއްފަހަރާ ހޯދި ފުރަތަމަ އެތުލީޓަށެެވެ. މީގެ ކުރިންވެސް މެސީ ލޮރެއަސް އެވޯޑު ހޯދާފައިވާ އިރު، އޭނާއަކީ އެ އެވޯޑު ހޯދި ހަމައެކަނި ފުޓުބޯޅަ ކުޅުންތެރިޔާވެސް މެއެވެ.

މެސީ މިދިޔަ އަހަރު އާޖެންޓީނާއާއެކު ގަތަރު ވޯލްޑް ކަޕް އުފުލާލައި އޭނާގެ ހުވަފެން ހަގީގަތަކަށް ހަދާފައިވާ އިރު، އޭނާ ވަނީ ޕީއެސްޖީއާއެކު ލީގުވެސް ކާމިޔާބު ކޮށްފައެވެ. އެވޯޑަށް ފަހު މެސީ ބުނީ ލޮރެއަސް އެވޯޑަކީ އަބަދުވެސް ކެރިއަރުގައި ހާއްސަ އެވޯޑެއް ކަމަށައި، ޕެރިހުގައި އެވޯޑު ހާސިލްކުރެވުން އެއީ ލިބުނު ޝަރަފެއް ކަމަށެވެ.

އޭގެ އިތުރުން އުމުރުން 35 އަހަރުގެ މެސީ ބުނީ އާޖެންޓީނާއާއެކު ވޯލްޑް ކަޕް ހޯދުމަކީ އަބަދުމެ ދެކެމުންދިޔަ ހުވަފެނެއް ކަމަށާއި، އެކަން ހާސިލްވުމުން ލިބުނު އުފާވެރިކަމުގައި ހުރިހާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ.

ރޭ ޕެރިހުގައި ބޭއްވި ލޮރެއަސް އެވޯޑު ހަފުލާގައި މިދިޔަ އަހަރުގެ އެންމެ ވަރުގަދަ އަންހެން ޝަހުސިއްޔަތަކަށް ހޮވުނީ ޖެމެއިކާގެ ބާރު ދުވުންތެރިޔާ ޝެލީ-އޭން ފްރޭސާ-ޕްރައިސްއެވެ. ފްރޭސާ-ޕްރައިސް ވަނީ މިދިޔަ އަހަރު ދުނިޔޭގެ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 100 މީޓަރު ރަން މެޑަލް ހޯދައިފައެވެ. އެ ކާމިޔާބީއާއެކު އޭނާ ވެފައި ވަނީ ދުނިޔޭގެ އެތުލެޓިކްސް މުބާރާތުގެ އިންޑިވިޖުއަލް އިވެންޓްތަކުން ފަސް ރަން މެޑަލް ހޯދި ފުރަތަމަ އެތުލީޓަށެވެ. މިދިޔަ އަހަރު ޕްރައިސް ހޯދި 100 މީޓަރު ރަން މެޑަލް އޭނާ ހޯދީ، ކެރިއަރުގެ ފުރަތަމަ ރަން މެޑަލްއަށް 13 އަހަރު ފަހުންނެވެ. އުމުރުން 36 އަހަރުގައެވެ.

ރޭގެ އިވެންޓްގައި އަހަރުގެ "އެންމެ ބޮޑު ކަމްބެކް" ގެ އެވޯޑު ހޯދީ ހާޓް އެޓޭކަށްފަހު އަލުން ކުޅެމުންދާ މެންޗެސްޓާ ޔުނައިޓެޑްގެ ޑެންމާކު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންއެވެ. އަދި އެންމެ އުންމީދީ އެތުލީޓްގެ މަގާމު ހޯދީ ދުނިޔޭގެ ޓެނިސް ރޭންކިންގެ ދެވަނައިގައި އޮތް ސްޕެއިންގެ ޒުވާން ތަރި ކާލޮސް އަލްކަރޭޒެވެ. އުމުރުން 19 އަހަރުގައި އޭނާ ވަނީ މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ކާމިޔާބު ކޮށްފައެވެ.