Close
ޚަބަރު

ފުއްގިރި މައްސަލަ އިސްތިއުނާފް އަޑުއެހުން ނިންމާލައިފި، ހޯމަ ދުވަހުގެ ކުރިން ހުކުމް ކުރަނީ

މުހައްމަދު އިޝާން

ފުއްގިރި މައްސަލައިގައި ދަށުކޯޓަށް ހުށަހެޅި ހެކިތަކެއް ބަލައިނުގަތުމަށް ނިންމުމާއި ހެކިތަކެއް ރައްކާތެރި ކުރުމަށް އެކޯޓުން ނިންމި ނިންމުމާ ބެހޭގޮތުން، ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

އެ މައްސަލައިގެ މިއަދު ބޭއްވި ޝަރީއަތުގައި ޔާމީންގެ ފަރާތުން އެ މަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ދައުވާ ލިބޭ ފަރާތަކަށް ގާނޫނުން ލިބިދޭ މަންފާތަކާއި މައްސަލައަކާ ގުޅިގެން ދައުލަތުގެ އޮފީސްތަކުގައި ހުންނަ ދިފާއީ ހެކިތައް ހޯދުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަން ޖެހޭ ކަމަށެވެ.

ޑރ. ޖަމީލު ވިދާޅުވީ ދައުލަތުން މިހާރު ނަގަމުންދާ ސްޓޭންޑުގައިވާ "ތިމަންނާމެން ބޭނުން އެއްޗެކޭ ދެވޭނީ" އެއީ ބަލައި ގަނެވޭނެ ހަމައެއް ނޫން ކަމަށާއި އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. ހެކި ހޯދުމުގެ ގޮތުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުންވެސް ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް ދިފާއަށް ބޭނުންވާ އެ ލިޔެކިޔުންތައް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވާހަކަ ދައްކަން ޔާމީނަށް ލިބުނު ފުރުސަތުގައި އެ މަނިކުފާނު ވިދާޅުވީ، ކޯޓަށް ދަނީ އަދުލު ހޯދަން ކަމަށާއި އެހެންކަމުން ގާނޫނުތައް މާނަކުރަން ޖެހޭނީ އެންމެ ހަނި މާނައިގައި ނޫން ކަމަށެވެ. ހަނި މާނައިގައި ފަނޑިޔާރުން ގާނޫނުތައް ތަރުޖަމާކޮށްގެން މީހެއްގެ އަދުލުވެރިކަމަށް ހުރަސްއަޅާ ގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"ޖިނާއީ ތަހުގީގެއް ކުރައްވާއިރު ޕީޖީ ބައްލަވާފަ އޮންނާނެކަމަކީ މީ. އެއީ ތަހުގީގު އިދާރާއިން ބަލާފަ އޮންނާނެ ކަމެކޭ މިއީ. ޕީޖީ ގޯތުރޫ ކޮށްދިނުމަށް މަސައްކަތް ކޮށްދެއްވަނީ ރައީސުލްޖުމްހޫރިއްޔާކަށް އެއިރު ހުރި މީހަކު އަޅުގަނޑު ޓޫރިޒަމް މިނިސްޓަރާ އަދި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރަކާ ހުންނަ މީހަކާ ވަރަށް ގާތް ގުޅުންތަކެއް އޮވޭ. އިންސްޓްރަކްޝަން ދެޔޭ ވަކި ރަށެއް ވަކި މީހަކަށް ދޭން، ވަކި ފައިސާއަކަށް ވަކި އަގަކަށް ކަންކަން ދޭން. މީ ޕީޖީން ކުރައްވާ ތުހުމަތު. މިއީ ޕީޖީން އަޅުގަނޑުގެ މައްޗަށް ރިޝްވަތު ބިނާކުރެއްވި އަނެއް އުންސުރު،" ޔާމީން ވިދާޅުވިއެވެ.

"އެހެންވީމާ އެކަން ކުރައްވާނަމަ ސަބަބުވެރި އިންސާނެއް ބުނާނެ ދެއްތޯ ދައުލަތުން މިކަން އަޅުގަނޑުގެ މައްޗަށް ޕްރޫޕު ކުރަންވީ ކަމަށް ވަންޏާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެއްވެސް ލިޔުމެއް އެއްވެސް ގޮތަކަށް މިކަހަލަ އިޝާރާތެއް ކޮށްފައޮތްތޯ ބަލަން. ޕްރޮސިކިއުޝަނަށް ހަމަ ޔަގީން ކަށަވަރު އެވަރު މަސައްކަތް ކުރައްވާނެ ރައީސުލްޖުމްހޫރިއްޔާ އޮފީހުން މިހުރި ލިޔުންތައް ބައްލަވަން. އެއީ އޭގަ ލިޔުމެއްގެ އަޅުގަނޑުގެ ނޫނީ ރައީސުލްޖުމްހޫރިއްޔާ އެކަހަލަ އިންސްޓްރަކްޝަނެއް ދީފަ އޮތިއްޔާ ޝަރީއަތަކާ ނުލާ ސާބިތުވީ ނޫންތޯ. އެހެންވީމާ ގަބޫލެއް ނުކުރެވޭ މިކަހަލަ ލިޔުންތަކެއް ތަހުގީގަށް ނުގެންނަވާނެ ކަމަށް،"

ޔާމީން ވިދާޅުވީ ފުއްގިރި މައްސަލައިގެ ދިފާއުގައި އެ ލިޔުންތައް ހޯދުމަށް އެދުނު ނަމަވެސް އެ ލިޔުންތައް ރައީސް އޮފީހަށާއި ޓޫރިޒަމް މިނިސްޓްރީއަށް ނުދެވުނީ އެފަދަ ލިޔުންތަކެއް ނެތުމުން ކަމަށެވެ. އެ ލިޔުންތައް ހުރިތޯ ނުވަތަ ނެތްތޯ ޕްރޮސިކިއުޝަން އަދި ތަހުގީގު އިދާރާއިން ބަލާނެ ކަމަށާއި އެފަދަ ލިޔުންތަކެއް ހުރިނަމަ، އެ ލިޔުމެއް ނުލިބި ދިފާއުވާން އުނދަގޫވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ ޔާމީންގެ ފަރާތުން ފާހަގަ ކުރައްވާ ކަންކަން ދަށު ކޯޓުތަކުގައި ފާހަގަ ނުކުރައްވާ ކަމަށާއި ހެއްކާ ބެހޭ ގާނޫނުގައި ލިޔުންތަކުގެ އަސްލު ހުށަހެޅުމާ ބެހޭ އުސޫލެއް އޮންނަ ކަމަށެވެ.

"މިސާލަކަށް އިލެކްޓްރޯނިކް އެވިޑެންސް ނަގާނަމަ އޭގެ ސައްހަކަން ކަށަވަރުވާނެ އެފިޑެވިޓެއް ހުށަހެޅުމުގެ އުސޫލެއް. މިކަންކަމަކީ މި މައްސަލަ ތަހުގީގުކުރި އިރު ލާޒިމުކޮށްފަ ހުންނަ ކަންކަމެއް ނޫން. އެކަންކަން އަނެއްކާ މިކޭސްއާ ތަދުބީގުކުރަން ވެއްޖިއްޔާ 5،900 މައްސަލަ ދިވެހިރާއްޖެ ކޯޓުތަކުގަ ހިނގަމުންދާ 5،900 މައްސަލަ ތަދުބީގު ކުރަން ވެއްޖިއްޔާ ކުރިން ހުރި ހުރިހާ މައްސަލައެއް އަލުން ފަށަން ޖެހޭނީ. އެކަންކަން ރަޖޫއީ ގޮތުން ތަދުބީގު ކޮށްދެއްވާށޭ ކިޔައިގެން ވަޑައިގަތީ ސުޕްރީމް ކޯޓަށް" ދައުލަތުން ވިދާޅުވިއެވެ.

ދައުލަތުން ވިދާޅުވީ ޔާމީންގެ ފަރާތުން އެދޭ ގޮތަށް ހެއްކާބެހޭ ގާނޫނު މި މައްސަލައަށް ތަދުބީގު ކުރަން ނުޖެހޭ ކަމަށާއި އެއީ މާ ކުރިން ހިނގާފައިވާ މައްސަލައަކަށްވުމުން ކަމަށެވެ. ދައުލަތުން ވިދާޅުވީ ޔާމީންގެ ފަރާތުން އެދޭ ގޮތަށް ކަންކަން ނުކޮށްދިނަސް، އިންސާފަށް ވާސިލުވުމަށް ހުރަހެއް ނެތް ކަމަށެވެ.

ދައުލަތުގެ ވާހަކަތަކަށް ނިމުމުން މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ ހުލާސާ ގޮތެއްގައި ވާހަކަ ދެއްކެވުމަށް ހުރިހާ ފަރާތްތަކަށް ފުރުސަތު ދެއްވައިފައެވެ. އެ ފުރުސަތުގައި ދައުލަތުންނާއި ޔާމީން އަދި ކްރިޒް ރިޒާގެ ފަރާތުން ވަނީ ހުލާސާ ބަޔާން އިއްވައިފައެވެ.

ހުލާސާ ބަޔާން އިއްވައި ނިމުމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫރު ވިދާޅުވީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް މައްސަލައިގެ ހުކުމް އިއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ މިއަދުގެ އަޑު އެހުމާއެކު މައްސަލައިގެ ޝަރީއަތް ނިމިފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސުއޫދެވެ.