ޚަބަރު

ފުވައްމުލަކު ސްކޫލުގެ ބާނީ، އަބްދުލްހަމީދު އަވަހާރަވެއްޖެ

ފުވައްމުލަކު ސްކޫލުގެ ބާނީ އަދި އެ ސްކޫލުގެ ކުރީގެ ވެރިޔާ، އަބުދުލްހަމީދު އަލީދީދީ އުމުރުފުޅުން 77 އަހަރުގައި އިއްޔެ އަވަހާރަވެއްޖެއެވެ.

ފުވައްމުލަކުގައި ތައުލީމު ދެއްވުމުގެ މަސައްކަތް އެންމެ ފުރަތަމަ އަބްދުލްހަމީދު ފެއްޓެވީ 1969 ވަނަ އަހަރުއެވެ. އެ ދުވަހުން ފެށިގެން 1997އާ ހަމައަށް 28 އަހަރު ވަންދެން، ހިލޭ ސާބަހަށާއި ސަރުކާރުގެ މުވައްޒަފެއްގެ ގޮތުގައި އެ ދާއިރާގައި އޭނާ ހިދުމަތްކުރެއްވިއެވެ.

އަބްދުލްހަމީދު އެންމެ ފުރަތަމަ ތައުލީމު ދެއްވުމުގެ މަސައްކަތް ކުރެއްވީ ދޫޑިގަމު އަވަށުގައި އެދުރުގެއެއް ހަދައިގެންނެވެ. އެ އެދުރުގެއަށް ކިޔަވަންދާ ކުދިން ގިނަވާން ފެށުމުން "މަކްތަބުއްނޫރާނީ" ނަމުގައި ދަނޑިފަނުން އަމިއްލައަށް ސްކޫލެއް ހައްދަވައި ރަޖިސްޓްރީ ކުރެއްވިއެވެ. އެ ސްކޫލު 1972ގައި ގަލުން ރާނައި، ޓިނުން ހިޔާކޮށް "ފުވައްމުލަކު މަކުތަބު"ގެ ނަމަށް ބަދަލުކުރެއްވިއެވެ.

އޭގެ ފަހުން 1989 ވަނަ އަހަރު، އެތަނުގައި ރަނގަޅު ފެންވަރެއްގެ އާ ސްކޫލެއް ބިނާކުރައްވައި "ފުވައްމުލަކު ސްކޫލް"ގެ ނަމުގައި ހިންގަވަން ފެއްޓެވިއެވެ. އަދި 1992ގައި ޕްރައިމަރީ ފެންވަރަށް ހިންގާ ސަރުކާރުގެ ސްކޫލަކަށް އެ ސްކޫލު ބަދަލުވުމާ ހަމައަށް އަބްދުލްހަމީދު ވަނީ ރައްޔިތުންގެ ސްކޫލެއްގެ ގޮތުގައި އަމިއްލަފުޅަށް އެ ސްކޫލު ހިންގަވައިފައެވެ.

އެ ސްކޫލު ސަރުކާރުގެ ސްކޫލަކަށް ބަދަލުވުމުން އެތަނުގެ ނާޒިރުގެ މަގާމު އަބްދުލްހަމީދަށް ލިބިވަޑައިގެންނެވިއެވެ.

އަބްލްހަމީދު އަވަހާރާވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ނެރުނު ތައުޒިޔާގެ ބަޔާނުގައި ބުނީ އަބްދުލްހަމީދު އަވަހާރަވުމަކީ ފުވައްމުލަކަަށާއި މުޅި ތައުލީމީ ދާއިރާއަށްވެސް ލިބުނު ފުންހިތާމައެއް ކަމަށެވެ.