Close
ލިއޮނެލް މެސީ

ވީޑިއޯއެއް އާއްމުކޮށް މެސީ، ޕީއެސްޖީ ކިބައިން މައާފަށް އެދިއްޖެ

ޕީއެސްޖީގެ ހުއްދަ ނެތި، ސައުދީ އަރަބީއަށް ކުރި ދަތުރާ ގުޅިގެން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ މައާފަށް އެދިއްޖެއެވެ.

ޕީއެސްޖީން އެންމެފަހުން ލީގުގައި ލޮރީއޭންއާ ދެކޮޅަށް ކުޅެ ބަލިވި މެޗަށްފަހު މެސީ ސައުދީއަށް ގޮސްފައި ވަނީ ޕްރޮމޯޝަނަލް ދަތުރެއްގައެވެ. މެސީއަކީ ސައުދީ ޓޫރިޒަމްގެ ބްރޭންޑް އެމްބެސަޑަރެއްގެ ގޮތުގައި މަސައްކަތް ކުރާ އެތުލީޓަކަށްވާ އިރު، ސައުދީގެ ޓޫރިޒަމް ޕްރޮމޯޝަންގެ މަސައްކަތްތަކެއް މެސީ މިހާރު ދަނީ ކުރަމުންނެވެ. އެކަމުގެ މަސައްކަތުގައި މެސީ ދާދިފަހުން ސައުދީއަށް ކުރި ދަތުރުގެ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައިވެސް ހިއްސާ ކޮށްފައިވެއެވެ.

މެސީ، ސައުދީއަށް ދިޔުމާ ގުޅިގެން އެކަމުގައި އަދަބު ދިނުމަށް ޕީއެސްޖީން ވަނީ އޭނާ ދެ ހަފުތާގެ މުއްދަތަކަށް ސަސްޕެންޑް ކޮށްފައެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ މުސާރަވެސް ނުހިނގާ ގޮތަށެވެ. އެ މުއްދަތުގެ ތެރޭގައި ޓީމާއެކު މެސީއަށް ތަމްރީނުތަކުގައިވެސް ބައިވެރި ނުވެވޭނެއެވެ. އަދި މެސީއަށް މެޗުތަކުގައިވެސް ނުކުޅެވޭނެއެވެ.

އެ މައްސަލައިގައި މެސީގެ ފަރާތުން ވާހަކަ ދެއްކީ މިރޭއެވެ. ސޯޝަލް މީޑިއާއަށް އޭނާ އާންމުކުރި ވީޑިއޯއެއްގައި ބުނީ ސައުދީއަށް ދިޔައީ އޮފް ދުވަހެއް ލިބޭނެ ކަމަށް ކުރިން ހަމަޖައްސާފައި އޮތް ދަތުރެއްގައި ކަމަށާއި އެ ދަތުރު އެންމެފަހު ވަގުތު ކެންސަލް ނުކުރީ، ކުރިން ފަހަރަކުވެސް ދަތުރު ކެންސަލް ކުރަން ޖެހިފައިވާތީ ކަމަށެވެ.

"ފުރަތަމަވެސް އަހަރެން މައާފަށް އެދެން ބޭނުންވޭ ޓީމުގެ ކުޅުންތެރިންނާއި ކްލަބަށް. އަހަރެން ދޮގު ނުހަދާ ބުނާނަމަ، ދަތުރު ކުރިން ރޭވީ އޮފް ދުވަހެއް ލިބޭނެ ކަމަށް. އެއީ އޭގެ ކުރީ ހަފުތާގައިވެސް އޮފް ދުވަހެއް ކޯޗު ދީފައިވާތީ. އަހަރެން ދަތުރު ރޭވުމަށްފަހު ކުރިންވެސް ކެންސަލް ކުރަން ޖެހުނު. އެހެންވެ ދެވަނަ ފަހަރަށް ކެންސަލް ކުރަން ބޭނުމެއް ނުވި. އަހަރެން ތަކުރާރުކޮށް އެކަމުގައި މައާފަށް އެދެން. އަހަރެން ކްލަބުން އެކަމުގައި ހަދާނެ ގޮތަކަށް މަޑުކުރަމުން މިދަނީ،" މެސީ ބުންޏެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ސައުދީއަށް ދިޔުމަށް ހުއްދަ ހޯދަން މެސީ، ޕީއެސްޖީގެ ކިބައިން ރަސްމީކޮށް އެދުނެވެ. ސައުދީއާ އެކު ވެފައިވާ ކޮމާޝަލް އެއްބަސްވުންތަކުގެ ސަބަބުން ޕްރޮމޯޝަންގެ މަސައްކަތްތަކެއް ކުރަން މެސީއަށް މަޖުބޫރުވާ އިރު، މެސީ މިފަހަރު ސައުދީއަށް ދާން ޕީއެސްޖީން ހުއްދަ ދީފައެއް ނުވެއެވެ.

މެސީގެ ޓްރާންސްފާގެ ވާހަކަތައްވެސް މީޑިއާގައި ވަރަށް ބޮޑަށް ދެކެވެމުންދާ މި ދުވަސްކޮޅުގައި، އޭނާގެ ކައިރިން މަސައްކަތް ކުރާ ފަރާތްތަކާ ހަވާލާދީ އިތުބާރު ނޫސްތަކުން ބުނެފައި ވަނީ މި ސީޒަނަށްފަހު މެސީ ޕީއެސްޖީގައި މަޑު ނުކުރާނެ ކަމަށެވެ. އެކަން އެގޮތަށް ނިންމައި މަހެއް ކުރިން ކްލަބަށް އަންގާފައިވާ ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

އާޖެންޓީނާއާ އެކު ދާދިފަހުން ވޯލްޑް ކަޕް ކާމިޔާބުކުރި އުމުރުން 35 އަހަރުގެ މެސީ، މިހާތަނަށް ޕީއެސްޖީއާ އެކު ކުޅުނު 71 މެޗުގައި 31 ގޯލު ޖަހައި 34 ގޯލަށް އެސިސްޓް ކޮށްދީފައިވެއެވެ. ދިޔަ ސީޒަނުގައި ޕީއެސްޖީއާ އެކު މެސީ ލީގުވެސް ކާމިޔާބު ކޮށްފައިވާ އިރު، އޭނާއަށް ޕީއެސްޖީއާ އެކު ނުހޯދި އޮތީ ޗެމްޕިއަންސް ލީގެވެ. ޗެމްޕިއަންސް ލީގުން މިފަހަރު ވެސް ޕީއެސްޖީ ކެޓުމާ އެކު ބައެއް ސަޕޯޓަރުން ވަނީ އެކަމުގެ ނުރުހުމުގައި މެސީއަށްވެސް ފާޑު ކިޔައިފައެވެ. އަދި ކްލަބުގެ ސަޕޯޓަރުންގެ މެސީ އާއި ނޭމާ ކްލަބަކުން ބޭރުކުރުމަށް ގޮވާލައި، އެ ދެމީހުންގެ ގެ ކައިރީގައި މުޒާހަރާތައްވެސް ދާދިފަހުން ކޮށްފައިވެއެވެ.

ސީޒަނުގެ ނިޔަލަށް މެސީ ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތް އިރު، ހަބަރުތައް ބުނަނީ މެސީ ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރާ އެއް ކްލަބަކީ ބާސެލޯނާއެވެ. އެޓީމަށް މެސީ ގެންދިޔުމަށް މިވަގުތު އޮތް އެންމެ ބޮޑު ހުރަހަކީ ފައިސާގެ ހާލަތެވެ.