އައްޑޫ ސިޓީ ފޭދޫގައި ހަ އަހަރުގެ ފިރިހެން ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން "ވަން" އަށް މިރޭ ބުނީ މިއަދު ހަވީރު 5:50 ހާއިރު ފޭދޫ ޓްރެކް ސަރަހައްދުގައި ހުންނަ ރެސްޓޯރެންޓަކަށް އާއިލާއާ އެކު ދިޔަ ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ ކުއްޖާ މޫދުތެރޭ އޮއްވައި ފެނުނު ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ކުއްޖާ މޫދުން ނަގައިގެން، ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ކުއްޖާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.