ކުންފުނިތަކާއި އޮފީސްތަކުގެ މެދުގައި ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ވޮލީ މުބާރާތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސާވިސް ކުޅުނު ފުރަތަމަ މެޗުތަކުން އިއްޔެ މޮޅުވެއްޖެއެވެ.

ހުޅުމާލޭގެ އައުޓް ޑޯ ވޮލީ ކޯޓުގައި ކުރިއަށްދާ މިއަހަރުގެ މުބާރާތުގައި ނުވަ ޓީމު ބައިވެރިވެފައިވާ އިރު، މެޗުތައް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ޓީމުތައް ސީޑުކޮށްގެން އެސޯސިއޭޝަނުން ގުރު ނަގާފައިވާ އިރު، ގްރޫޕް ސްޓޭޖެއް ކުޅެ، ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެޓީމެއް ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އެ ސެމީއަށްފަހު ތިންވަނަ ހޮވާ މެޗު ކުޅެ، ފައިނަލް ކުޅޭނެއެވެ.

އިއްޔެ ހަވީރު ކުޅުނު ގްރޫޕް ބީގެ މެޗުން ސިފައިން ވަނީ ސީދާ ތިން ސެޓުން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ބަލިކޮށްފައެވެ. މެޗުގެ ސެޓުތައް ސިފައިން ގެންދިޔައީ 25-20، 25-20 އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމަށް ކުޅޭ ގައުމީ ވޮލީބޯޅަ ޓީމުގެ ސެޓަރު، ހުސެއިން ޝާހިދު (ޝާޑު) އެވެ.

ރޭ ކުޅުނު މެޗުގައި ގްރޫޕް އޭގައި ސްޓެލްކޯއާއި ޕޮލިސް ވާދަކުރި އިރު، އެ މެޗަށް ސްޓެލްކޯއިން ނުކުތީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން އެމްއޭސީއެލް ބަލިކޮށްފައި އޮވެގެންނެވެ.

ރޭ ކުޅުނު މެޗުގައި ސްޓެލްކޯއަށް އެ ކާމިޔާބީ ތަކުރާރު ކުރެވޭ ގޮތް ނުވެ، ބަލިވީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު، 25-17، 25-18 އިން ޕޮލިހުން ގެންދިޔައިރު، ސްޓެލްކޯ އިން ވަނީ ހިތްވަރުކޮށް، ތިން ވަނަ ސެޓު 24-26 އިން ގެންގޮސްފައެވެ. އެހެން ނަމަވެސް ހަތަރު ވަނަ ސެޓު، 25-16 އިން ގެންގޮސް ޕޮލިސް މެޗުން މޮޅުވިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، ޕޮލިސް ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ހިމާންޝޫ ތިޔާގީ އެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި އާބަންކޯ ބައްދަލުކުރާނީ އެމްއޭސީއެލްއާ އެވެ. އެ މެޗު ފަށާނީ ހަވީރު 4:30 ގައެވެ. މިރޭ، 8:30 ގައި ފަށާ މެޗުގައި ކްލަބް ވެމްކޯ ބައްދަލުކުރާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއާއެވެ.