ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ރެއާލް ސޮސިއެދާދު އަތުން ބަލިވި އިރު، އެއްވަނައިގައި އޮތް ބާސެލޯނާއިން ކުޅުނު މެޗުގައި އޮސަސޫނާ އަތުން މޮޅުވެއްޖެއެވެ.
ރޭ ރެއާލްއިން ރަށުން ބޭރުގައި ސޮސިއެދާދު ކައިރިން ބަލިވީ 2-0 ގެ ނަތީތާއަކުންނެވެ. ބާސާއިން އަމިއްލަ ދަނޑުގައި އޮސަސޫނާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ތާވަލުގެ އެންމެ ކުރީގައި އޮތް ބާސާއާއި ރެއާލްގެ އެ ނަތީޖާތަކާއެކު ދެން ބާސާއިން ލީގުގައި ކުޅޭ މެޗުން ތިން ޕޮއިންޓް ހޯދައި، ލީގު ހޯދުމަށް އެޓީމަށް ފުރުސަތު އެބައޮތެވެ.
ބާސާ މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 33 މެޗުން 82 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް ރެއާލަށް 33 މެޗުން ލިބިފައި ވަނީ 68 ޕޮއިންޓެވެ. ބާސާއާއި ރެއާލްއަށްވެސް ލީގުގައި ބާކީ ފަސް މެޗު އޮތް އިރު، މިހާރު އޮތް ބޮޑު ފަރަގާއެކު ބާސާއިން 2018-19 ވަނަ އަހަރު ސީޒަނަށްފަހު ލީގު ތަށްޓަށް ކުރަމުން އަންނަ އުންމީދަށް ވަނީ ބޮޑު ފުރުސަތެއް ލިބިފައެވެ.
ބާސާއިން އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުގެ 25 ވަނަ މިނިޓްގައި ބާސެލޯނާގެ ޕެޑްރީއަށް ކުރި ފައުލަކަށް އޮސަސޫނާގެ ޖޯޖް ހެރާންޑޯއަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އެ ހިސާބުން ފެށިގެން އޮސަސޫނާއިން ކުޅުންތެރިޔަކު މަދުކޮށް ކުޅެފައިވާ އިރު، ބާސާ މޮޅުވި ގޯލު ފެނުނީ މެޗުގެ 85 ވަނަ މިނެޓުގައެވެ.
ފްރޭންކީ ޑި ޔޯންގް ދިން ޕާހަކުން އެ ގޯލު ޖަހައިދިނީ ޖޯޑީ އަލްބާ އެވެ. ބާސާއިން ރޭގެ މެޗުގައިވެސް ކްލީންޝީޓް ދަމަހައްޓާފައިވާ އިރު، އެއީ ސީޒަނުގައި އެޓީމުން ހޯދީ 25 ވަނަ ކްލީންޝީޓެވެ. އެއީ މިހާތަނަށް ސްޕެއިނުގެ އެއް ސީޒަނެއްގައި ކްލަބަކުން ހޯދި އެންމެ ގިނަ ކްލީންޝީޓެވެ.
ދެވަނައިގައި އޮތް ރެއާލްއިން ރޭ ސޮސިއެދާދު އަތުން ބަލިވި މެޗުގައި ސޮސިއެދާދުން ދެ ގޯލުވެސް ޖެހީ ދެވަނަ ހާފުގައެވެ. އެޓީމުގެ ގޯލުތައް ޖަހައިދިނީ ޓަކެފޫސާ ކޫބޯއާއި އެންޑަ ބަރަނެޓްސޭއާއެވެ. ރޭގެ މެޗުގެ 61 ވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑަރު ޑެނީ ކަވަހާލްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައިވާއިރު، ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން ރެއާލްއަށް އުނދަގޫތަކާ ކުރިމަތިވިއެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ތައްޔާރުވަމުންދާ ރެއާލްއިން ރޭގެ މެޗަށް ނުކުތީ ކަރިމް ބެންޒެމާއާއި ވިނީޝިއަސް ޖޫނިއާ އަދި އަނިޔާގައި ހުރި ލޫކާ މޮޑްރިޗްގެ އިތުރުން ޑޭވިޑް އަލާބާވެސް ނުލައެވެ.