ކްލަބު އީގަލްސްގެ މައްޗަށް ކުރިހޯދައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކްލަބު ތާރީހުގައި ދެވަނަ ފަހަރަށް ޕްރެސިޑެންޓްސް ކަޕް ކާމިޔާބު ކޮށްފިއެވެ.

މާޒިޔާއިން މިއަހަރުގެ ޕްރެސިޑެންޓްސް ކަޕް ކާމިޔާބުކުރީ މިރޭ ގައުމީ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި 2-0 އިން ކްލަބު އީގަލްސް ބަލިކޮށްގެންނެވެ. މިރޭގެ މެޗުގައި މާޒިޔާގެ ދެ ގޯލުވެސް ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހީމް އައިސަމް ޖަހައިދިން އިރު، މިއީ 2015 ވަނަ އަހަރު ފަހުން މާޒިޔާއިން ޕްރެސިޑެންޓްސް ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

މިރޭގެ ފައިނަލަކީ މާޒިޔާއިން ޕްރެޒިޑެންޓްސް ކަޕް ފައިނަލަށް ނުކުތް ފަސްވަނަ ފަހަރެވެ. މީގެ ކުރިން އެޓީމާއި އީގަލްސްއިންވެސް ޕްރެސިޑެންޓްސް ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފައިވާ އިރު، މާޒިޔާއިން މުބާރާތް ކާމިޔާބުކުރީ 2015 ވަނަ އަހަރުއެވެ. އީގަލްސްއިން މިރޭ މެޗުގެ ކުރިން ދެ ފަހަރަށް ޕްރެސިޑެންޓްސް ކަޕްގެ ފައިނަލުގައި ކުޅެ، މުބާރާތް ކާމިޔާބުކުރީ 2016 ވަނަ އަހަރުއެވެ.

މިރޭގެ މެޗު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޝަރަފުވެރިކޮށްދެއްވާފައިވާ އިރު، މެޗަށް މާޒިޔާއިން ނެރުނު ފުރަތަމަ 11 ގައި ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) ވެސް ހިމަނާފައިވާ އިރު، ސެމީގެ މެޗު އޭނާއަށް ގެއްލުނީ އަނިޔާގެ ސަބަބުންނެވެ.

ސެމީގެ މެޗެކޭ އެއްގޮތަށް މިރޭގެ މެޗުގެ ފުރަތަމަ 11 އިންވެސް މާޒިޔާގެ ފޯވަޑް ލައިނުން ފެނުނީ މުޅިން ދިވެހި ކުޅުންތެރިންނެވެ. މާޒިޔާގެ ފޯވަޑް ލައިނުން މިރޭ ފެނުނީ ހަސަން ރާއިފް (ހަންނަ) އާއި ނާއިޒް ހަސަން (ދާދު)ގެ އިތުރުން ހަމްޒާ މުހައްމަދު (ހަމްޕު)އެވެ. އަދި އަރިމަތިން ހަސަން ޝިފާއު (ކްރޯ)ގެ ބަދަލުގައި މިފަހަރު ކުޅެން ނުކުމެފައިވަނީ ހަސަން ޝިފާޒް (ޑުންގާ) އެވެ.

އީގަލްސްއިން މިރޭ ނެރުނު ފުރަތަމަ 11 ގައި މެދުތެރެއިން އަހުމަދު ހަސަނާއި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ފެނިގެން ގޮސްފައިވެއެވެ. ފުރަތަމަ 11 އަށް އަބްދުﷲ ހަނީފް (ބެންޖޯ) ސެންޓަ ބެކަކަށް ނުކުތް ނަމަވެސް، ފުރަތަމަ ހާފުގައި އޭނާ ބަދަލުކޮށްފައިވެއެވެ.

މެޗުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ފަސްވަރަކަށް މިނެޓު ތެރޭގައި މާޒިޔާއިން ވަނީ ހަމަލާއެއް އުފައްދައިފައެވެ. މެދުތެރެއިން ކުޅެމުންދިޔަ އިބްރާހީމް އައިސަމް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ބްލޮކް ވެފައެވެ. ބޯޅަ ހިފަހައްޓަން މަސައްކަތްކޮށް، ދެޓީމުގެ ފަރާތުންވެސް އަވަސް ޕާސްތަކެއް، މެޗުގެ ކުރީކޮޅުގައި ފެނިގެން ގޮސްފައިވާ އިރު، މާޒިޔާއިން ދެވަނަ ހަމަލާއެއް އުފެއްދީ މެޗުގެ 24 ވަނަ މިނެޓުގައެވެ. ހަންނަ ޖެހި ބާރު ބޯޅަ ބްލޮކްވެފައިވާ އިރު، އޭގެ ފަހުން އައިސަމްގެ ހަމަލާ މަތަކުރީ އީގަލްސްގެ ގޯލު ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ.

އީގަލްސްއިންވެސް ފުރަތަމަ ހާފުގައި ހަމަލާތަކަށް މަސައްކަތްކޮށް، ނުރައްކާ ކޮށްފައިވާ އިރު، އަހުމަދު ރިޒުވާން (ރިޒޭ) އަރިމަތިން އަރައި ޖެހި ބޯޅަ މަތަކުރީ މާޒިޔާގެ ގޯލު ބަލަހައްޓަމުން ދިޔަ މުހައްމަދު ފައިސަލްއެވެ. އަދި އޭގެ ފަހުން މެޗުގެ 30 ވަނަ މިނެޓުގައި ބްރެޒިލް ފޯވަޑް، އިވާން ކާލޯސް އަރިމަތިން އަރައިހައިޝަމް ހަސަން (ބިޑި) ނައްޓާފައި ޖެހި ބޯޅަވެސް މަތަކުރީ ގޯލްކީޕަރު ފައިސަލްއެވެ.

މެޗުގައި މާޒިޔާއިން ލީޑު ނެގީ 45 ވަނަ މިނެޓުގައެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތު ކޮޅުގައި މާޒިޔާއިން ލީޑު ނެގީ އައިސަމްގެ ހިތްގައިމު ގޯލުންނެވެ. އެ ގޯލަކީ އަރިމަތިން ދާދު ނަގައިދިން ހިތްގައިމު ހުރަހެއް، ވޮލީއަކުން އެއް ފަހަރުން ގޯލު ތެރެއަށް ފޮނުވާލައިގެން އައިސަމް ޖެހި ގޯލެކެވެ.

ދެވަނަ ހާފުވެސް ރަނގަޅަށް ފެށީ ފުރަތަމަ ހާފު ގޯލަކާ އެކު ނިންމާލި މާޒިޔާއެވެ. ހާފުގެ ފުރަތަމަ 10 ވަރަކަށް މިނެޓުގައި މާޒިޔާގެ ފަރާތުން ނުރައްކާތެރި ދެ ހަމަލާއެއް ފެނިގެން ގޮސްފައިވެއެވެ. އަރިމަތިން ދާދު އަރައި އީގަލްސްގެ ޑިފެންޑަރު ނައްޓާލައި ޖެހި ބޯޅަ ޗެކް ހުށިޔާރުކަމާއެކު މަތަކޮށް ބޭރުކޮށްލި އިރު، ދާދުގެ ހުރަހެއްގައި ހަންނަ ޖެހި ބޯޅަ ބްލޮކްވެގެން ދިޔުމުން ޗެކް ވަނީ ފަސޭހަކަމާއެކު ބޯޅަ ހިފައިފައެވެ.

އޭގެ ފަހުން ދެވަނަ ހާފުގެ ކުރީކޮޅުގައި ދެޓީމުގެ ވެސް ހަމަލާތައް މަދުކޮށް ގޮސްފައިވާ އިރު، 69 ވަނަ މިނެޓުގައި އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) ވަނީ ދެ ބަދަލެއް ކޮށްފައެވެ. ކެޕްޓަން ރިޒޭގެ ބަދަލުގައި ޒައިން ޒަފަރު ކުޅެން ނެރެފައިވާ އިރު، މެދުތެރެއިން ޕޮގްބާގެ ބަދަލުގައި އިބްރާހީމް މުބީން (މުއްކި) ކުޅެން ނެރުނެވެ.

ދެވަނަ ހާފުގައި މާޒިޔާއިންވެސް ބަދަލުތަކެއް ފެނިގެން ގޮސްފައިވާ އިރު، ސްޓެފަން މިހައިލޮވިޗާއި މުހައްމަދު އިރުފާން ވަނީ ކުޅުމަށް ނުކުމެފައެވެ. ބަދަލުތަކާ އެކުވެސް ދެޓީމުގެ ހަމަލާތައް ފެނުނީ މަދުކޮށެވެ. މެޗުގެ ފަހު ފަސްވަރަކަށް މިނެޓާ ހަމަށް ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، މާ ނުރައްތާތެރި ހަމަލާއެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

މާޒިޔާއިން ބޯޅަ ރަނގަޅަށް ހިފަހައްޓައިގެން ހަމަލާއަކަށް މަސައްކަތް ކުރަމުން ގޮސްފައިވާ އިރު، 87 ވަނަ މިނެޓުގައި ހަންނައަށް ލިބުނު ފުރުސަތުގައި އޭނާއަށްވެސް ރަނގަޅަށް ބޯޅަ ފޮނުވާނުލެވުނު އިރު، އަނެއްކޮޅުން އިބްރާހީމް މަހުދީ (ފޭދޫ) އިއްބެ ޖެހި ބޯޅަ ބޭރުވީ ސަމުއްޓެ ބްލޮކް ކުރުމުންނެވެ. އަދި މާޒިޔާގެ ސްޓެފަންއަށްވެސް ލީޑު ފުޅާކުރަން ފުރުސަތު ލިބިފައިވާ އިރު، ވޮލީއެއްގައި އޭނާ ފޮނުވާލި ބޯޅަ ބޭރަށް ދިޔައީވެސް ބްލޮކް ވެގެންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތަށް ދެއްކި ހަތަރު މިނެޓުގެ ތެރޭގައި މާޒިޔާއިން ލީޑު ފުޅާކުރިއެވެ. އެ ގޯލުވެސް ޖެހީ އައިސަމްއެވެ. އޭރިއާ ތެރެއިން އީގަލްސްގެ ދެ ކުޅުންތެރިން ނައްޓުވާލައި، އައިސަމް ހަނިކަނުން ގޯލު ތެރެއަށް ބޯޅަ ވައްދާލީ މަތީ ދާގަނޑަށް އަމާޒުކޮށެވެ. ފުރިހަމަ ގޯލަކާ އެކު އޭނާ ވަރަށް ބޮޑަށް އުފާފާޅުކޮށްފައިވާ އިރު، އެ ގޯލާ އެކު މާޒިޔާއިން ޕްރެސިޑެންޓްސް ކަޕް ޔަގީން ކުރިއެވެ.