ކްލަބު އީގަލްސްއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން މާދަމާ ރޭ ނުކުންނަ ޕްރެސިޑެންޓްސް ކަޕްގެ ފައިނަލް މެޗުގައި ފެވަރިޓް ޓީމެއް ނޯންނާނެ ކަމަށް މާޒިޔާގެ ކޯޗު އިވާން ވެންކޯވް ކޮލޭވް ބުނެފިއެވެ.
މާޒިޔާއާއި އީގަލްސްއިންވެސް މިހާތަނަށް އެއް ފަހަރު ޕްރެސިޑެންޓްސް ކަޕް ކާމިޔާބު ކޮށްފައިވާ އިރު، މާޒިޔާއިން މުބާރާތް ކާމިޔާބުކުރީ 2015 ވަނަ އަހަރުގެ ފައިނަލުގައި ނިއު ރޭޑިއަންޓް ބަލިކޮށްފައެވެ. އީގަލްސްއިން ދެން ޖެހިގެން އައި އަހަރު، 2016 ގައި ޕްރެސިޑެންޓްސް ކަޕް ކާމިޔާބުކުރީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ. މާޒިޔާއިން ފަހަކަށް އައިސް ރާއްޖޭގެ ޑޮމެސްޓިކް މުބާރާތްތައް ޑޮމިނޭޓް ކުރަމުންދާ އިރު، އެޓީމަކީ މިދިޔަ ސީޒަނުގެވެސް އެފްއޭ ކަޕާއި ލީގުގެ ޗެމްޕިއަނުންނެވެ. އަތުން ގެއްލިގެން ދިޔަ ތަށްޓަކީ ޕްރެސިޑެންޓްސް ކަޕެވެ. މާޒިޔާ މިދިޔަ އަހަރު ރ. އަލިފުށީގައި ކުޅުނު ޕްރެސިޑެންޓްސް ކަޕުގައި ބަލިވީ ކްލަބު ވެލެންސިއާ އަތުންނެވެ.
މިހާރު ފުޓުބޯޅައިގެ ހާލަތަށް ބަލާއިރު މާޒިޔާއަކީ ރާއްޖޭގައި އެންމެ ވަރުގަދަ ސްކޮޑެއް އޮތް، މިވަގުތު އެންމެ ކާމިޔާބު ޓީމެވެ. އެގޮތަށް ހާލަތު އޮތް ނަމަވެސް، ކޯޗު އިވާންގެ ނަޒަރުގައި ފައިނަލް މެޗަށް ފެވަރިޓް ޓީމެއް ނެތެވެ.
"އެއްވެސް ފައިނަލެއްގައި ފެވަރިޓުން ގޮތުގައި ކިޔާނެ ޓީމެއް ނޯންނާނެ. އެއީ މިއީ އެއް މެޗު. ތަފާތު މެޗެއް. ފައިނަލް މެޗެއް. އަހަރެން ގަބޫލެއް ނުކުރަން ފައިނަލްގެ ފެވަރިޓުންނަކީ މާޒިޔާ ކަމަކަށް. އީގަލްސް އުނދަގޫވާނެ، އެޓީމާ ދެކޮޅަށް ކުޅެން ޖެހޭނީ ވަރަށް ބޮޑަށް ސަމާލުވެގެން. އީގަލްސް ކުޅޭ ގޮތް ބަލައިގެން ފައިނަލަށް ނުކުންނަން ޖެހޭނީވެސް،" މިއަދު ގައުމީ ދަނޑުގައި ބޭއްވި ޕްރި މެޗު ޕްރެސްގައި އިވާން ބުންޏެވެ.
މާޒިޔާއާއި އީގަލްސް އިން ސީޒަން ފެށުމުގެ ގޮތުން ޗެރިޓީ ޝީލްޑް މެޗުގައި ކުޅެފައިވާ އިރު، އެ މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ކޯޗު އިވާންގެ ނަޒަރުގައި އެ މެޗުން މޮޅުވި ނަމަވެސް، މާދަމާ ރޭގެ ފައިނަލް ތަފާތު ވާނެއެވެ.
"އީގަލްސްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު (ޗެރިޓީ ޝީލްޑް މެޗު) އިން މާޒިޔާ މޮޅުވި. އެކަމަކު މިއީ މުޅިން ތަފާތު މެޗެއް. ފުރަތަމަ މެޗަށްވެސް އަދި މިމެޗަށްވެސް އީގަލްސް އޮންނާނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި. ޔަގީނުންވެސް މާޒިޔާގެ ޓާގެޓް އަބަދުވެސް ވަރަށް މަތީގައި އޮންނާނީ. އެހެންވީމާ ފައިނަލަށްވެސް ނުކުންނާނީ މޮޅުވާން. އެކަމަކު އީގަލްސް ވަރަށް އުނދަގޫވާނެ،" އިވާން ބުންޏެވެ.
"މިދިޔަ އަހަރުގެ ފައިނަލުގައި ވި ބަލި އެއީ މާޒީ. މިހާރު ވިސްނަން ޖެހެނީ މާދަމާގެ ފައިނަލަށް. އަހަރެމެން ޖެހޭނީ އެ މެޗަށް ފޯކަސް ކޮށް ތައްޔާރުވާން. އެއީ ވަރަށް މުހިއްމުވެސް ކަމެއް. މެޗު ކޮންޓްރޯލްކޮށް މޮޅުވާން މަސައްކަތް ކުރަން ޖެހޭނީ،" މިދިޔަ އަހަރު ވެލެންސިއާ އަތުން މާޒިޔާ ބަލިވި ޕްރެސިޑެންޓްސް ކަޕުގެ ފައިނަލާ ގުޅޭގޮތުން ސުވާލުކުރުމުން ކޯޗު އިވާން ބުންޏެވެ.
ކޯޗު އިވާން ބުނީ ކޮންމެ ޓީމެއްގައިވެސް ބައެއް މައްސަލަތައް ހުންނާނެ ކަމަށާއި، މާޒިޔާގައިވެސް މައްސަލަތައް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް، ޓާގެޓުތައް ހުރުމާއެކު އެ މައްސަލަތައް އެއްކިބާކޮށް، ސީދާ ތަށި ހޯދުން ނޫން ގޮތެއް ނޯންނާނެ ކަމަށް ކުރިން އޭޝިއާގެ ގިނަ ކްލަބުތަކަކަށް ކޯޗުކަން ކޮށްދީފައިވާ ތަޖުރިބާކާރު ކޯޗު އިވާން ބުންޏެވެ.
މީގެ ކުރިން މާޒިޔާ ކޯޗު އިވާން ވަނީ ސްކޮޑުގެ އަނިޔާގެ ހާލަތާއި ފޯމު ހާލަތު ދަށްކަމަށް ފާހަގަކޮށްފައެވެ. ގްރޫޕް ސްޓޭޖުގައި ބުރު ސްޕޯޓްސް ކްލަބު އަތުން ބަލިވި މެޗަށްފަހު ކޯޗު އިވާން ބުނީ ސްކޮޑުގެ ބޮޑު ބައެއް އަނިޔާގައި ތިބި ކަމަށާއި، ބައެއް ކުޅުންތެރިން އަމިއްލަ މައްސަލަތަކެއްވެސް އެބަ އުޅޭ ކަމަށެވެ. މިއަދު އިވާން ބުނީ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އާއި އަހުމަދު ނޫމާން (ހެލްމެޓް) ގެ އަނިޔާ މިހާރު ރަނގަޅު ކަމަށާއި، މެޗަށް ފިޓްވާނެކަން އެނގޭނީ މިއަދުގެ ފަރިތަކުރުންތަކަށްފަހު ކަމަށެވެ. އޭގެ އިތުރުން އަލީ ފާސިރު (ސެންޓޭ) ވެސް އަދި އެއްކޮށް މެޗަށް ފިޓް ނުވާ ކަމަށް އިވާން ބުނި އިރު، އޭނާ ބުނީ ސާބިއާ ފޯވަޑް ސްޓެފަން މިހައިލޮވިޗްގެ އަމިއްލަ ދިރިއުޅުމުގެ މައްސަލަތަކެއް އަދިވެސް އެބަހުރި ކަމަށެވެ.
މާޒިޔާއާއި ކްލަބު އީގަލްސް ވާދަކުރާ ޕްރެސިޑެންޓްސް ކަޕްގެ ފައިނަލް އޮންނާނީ މާދަމާ ރޭ 9:00 ގައެވެ. ފައިނަލު ޝަރަފުވެރިކޮށްދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު