Close
އިނގިރޭސި ޕްރިމިއާ ލީގު

ހަތް ގޯލު ފެނިގެން ދިޔަ ފޯރިގަދަ މެޗުގައި ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް ފަހަކަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި ޓޮޓެންހަމް ވާދަކުރި ފޯރިގަދަ މެޗުގެ ފަހު މިނެޓުގައި ޑިއޭގޯ ޖޮޓާ ޖެހި ގޯލުން ލިވަޕޫލް މޮޅުވެއްޖެއެވެ.

ލިވަޕޫލްގެ ތާރީހީ އެންފީލްޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ނިމިގެން ދިޔައީ 4-3 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ކޮޅުގައި ލިވަޕޫލުން ތިން ގޯލު ޖަހައި ބޮޑު ލީޑެއްގައި އޮތް ނަމަވެސް ޓޮޓެންހަމުން ވަނީ ފަހު ހާފުގައި ތަފާތު ރޫހެއް ނެރެ ނަތީޖާ ހަމަހަމަވެސް ކޮށްފައެވެ. ޓޮޓެންހަމްވެސް އިތުރު ވަގުތުގެ ތެރޭގައި ނަތީޖާ ހަމަހަމަކުރި އިރު، މެޗުގެ ފަހު މިނެޓުގައި އަނެއްކާވެސް ލިވަޕޫލުން ލީޑު ނަގައި ތިން ޕޮއިންޓް ހޯދިއެވެ.

މިއީ ޓޮޓެންހަމްގެ ކޯޗުކަމާ ރަޔަން މޭސަން ހަވާލުވެ، އެޓީމުން ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެޓީމުން ވަނީ ފަހަތުން އަރައި ދެ ގޯލު ޖަހައި 2-2 އިން މެންޗެސްޓާ ޔުނައިޓެޑް ހިފަހައްޓައިފައެވެ.

ލިވަޕޫލުން ގަދަ ހަތަރަކަށް އުންމީދުކުރަމުންދާ އިރު، ރޭގެ ނަތީޖާއާއެކު އެޓީމަށް ވަނީ ފަސްވަނައަށް އެރިފައެވެ. އެއީ 33 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. ޓޮޓެންހަމް ހަވަނައަށް ވެއްޓިފައިވާ އިރު، އެޓީމަށް 34 މެޗުން ވަނީ 54 ޕޮއިންޓް ލިބިފައެވެ. ހަތަރުވަނައިގައި އޮތް ޔުނައިޓެޑުން މިރޭ އެސްޓޮން ވިލާ ބަލިކޮށްފައިވާ އިރު، އެޓީމަށް ލިބިފައިވަނީ 32 މެޗުން 63 ޕޮއިންޓެވެ.

ޓޮޓެންހަމުން ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 20 މިނެޓުގައި އެޓީމު ކޮޅަށް ފަސް ގޯލު ވަދެފައިވާ އިރު، މިރޭގެ ފެށުންވެސް ފެނުނީ އެހާ ގޯސްކޮށެވެ. މިރޭ މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ލިވަޕޫލުން ވަނީ ޓޮޓެންހަމް ކޮޅަށް ތިން ގޯލު ޖަހައިފައެވެ.

މެޗުގެ ތިންވަނަ މިނެޓުގައި ޓްރެންޓް އެލެކްސެންޑާ-އާނޯލްޑްގެ ހުރަހަކުން ކާޓަސް ޖޯންސް ލިވަޕޫލަށް ލީޑު ނަގައިދިން އިރު، އޭގެ އިރުކޮޅެއް ފަހުން ލުއިސް ޑިއާޒް ނަތީޖާގެ ފަރަގު ބޮޑުކޮށްދިނެވެ. މިރޭގެ މެޗަކީ މިދިޔަ އޮކްޓޯބަރު މަހު ކުރިމަތިވި ކަކުލުގެ އަނިޔާގެ ފަހުން ޑިއާޒް ފުރަތަމަ 11 އަށް ނުކުތް ފުރަތަމަ މެޗެވެ.

މެޗުގެ 15 ވަނަ މިނެޓުގައި މުހައްމަދު ސަލާހް ލިވަޕޫލަށް ތިންވަނަ ގޯލު ޖަހައިދިނީ ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީއަކީ ކްރިސްޓިއަން ރޮމޭރޯ އޭރިއާ ތެރެއިން ލިވަޕޫލްގެ ނެދަލޭންޑްސް ފޯވަޑް ކޯޑީ ގަކްޕޯއަށް ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ލިވަޕޫލްގެ ތިންވަނަ ގޯލާއެކު ސްޕާސްއަށް ގޮތް ހުސްވި ކަމަށް ބެލެވިފައި އޮތް ނަމަވެސް، ހާފު ނިންމާލީ ހެރީ ކޭންގެ ގޯލަކުން އުންމީދު ހޯދައިގެންނެވެ. އަދި ދެވަނަ ހާފަށް ނުކުމެ ޓޮޓެންހަމްއިން ނުރައްކާ ބޮޑުކުރި އިރު، ރޮމޭރޯއާއި ހިއުން-މިން ސޮން ޖެހި ބޯޅަތައް ދަނޑިއަށް އަމާޒުވިއެވެ.

ދެވަނަ ހާފުގައި ރަނގަޅަށް ކުޅުނު ޓޮޓެންހަމުން 77 ވަނަ މިނެޓުގައި ދެވަނަ ގޯލެއް ޖެހިއެވެ. އެ ގޯލު ޖެހީ ސޮންއެވެ. އަދި މެޗުގެ 93 ވަނަ މިނެޓުގައި ރިޗާލިސަން ޖެހި ގޯލުން މެޗު އެއްވަރުކޮށް، އޭނާ ވަރަށް ބޮޑަށް އުފާވެސް ފާޅުކުރިއެވެ. އެހެން ނަމަވެސް އެންމެ ފަހު މިނެޓުގައި ޖޮޓާ ގޯލު ޖަހައި ލިވަޕޫލް މޮޅުކޮށްދިނެވެ.