ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ކަރިމް ބެންޒެމާ ފުރިހަމަކުރި ހެޓްރިކާއެކު، އަލްމޭރިއާ ބަލިކޮށްފިއެވެ.
ރެއާލްއިން ރޭ އަމިއްލަ ދަނޑުގައި އަލްމޭރިއާ ކައިރިން 4-2 އިން މޮޅުވި އިރު، ކެޕްޓަން ބެންޒެމާ ހެދި ހެޓްރިކާއެކު، އޭނާ މިހާތަނަށް ވަނީ ލަލީގާގައި 236 ގޯލު ޖަހައިފައެވެ. ބެންޒެމާ އެ އަދަދަށް ގޯލު ޖެހުމާއެކު، ކުރިން ލަލީގާގެ ހަތަރު ވަނައަށް އެންމެ ގިނައިން ގޯލު ޖެހި ކުޅުންތެރިޔާ ހޫގޯ ސަންޗޭޒްގެ މައްޗަށް އޭނާ ވަނީ ޖެހިލައިފައެވެ. ބެންޒެމާއަށްވުރެ ގިނައިން ލަލީގާގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިންނަކީ 474 ގޯލު ޖަހާފައިވާ ލިއޮނަލް މެސީއާއި 311 ގޯލު ޖަހާފައިވާ ރޮނާލްޑޯ އަދި 252 ގޯލު ޖަހައިފައިވާ ޒައްރާ އެވެ.
އުމުރުން 35 އަހަރުގެ ފޯވަޑް ބެންޒެމާ މި މަހުގެ ތެރޭގައި މިހާތަނަށް ތިން ހެޓްރި ހަދާފައިވާ އިރު، އެންމެ ފުރަތަމަ ހެޓްރިކް ހެދީ ރެއާލް ވަލޮޑޮލައިޑް ކޮޅަށެވެ. އޭގެ ފަހުން ބާސެލޯނާ ކޮޅަށް ކޮޕާ ޑެލް ރޭ ސެމީ ފައިނަލުގައި ބެންޒެމާ ހެޓްރިކް ފުރިހަމަކޮށްފައިވާ އިރު، ސްޕެއިނުގައި މީގެ ކުރިން އެއް މަސް ތެރޭ ތިން ހެޓްރިކް ހެދީ ކްރިސްޓިއާނޯ ރޮނާލްޑޯ އެކަންޏެވެ. އޭނާ ވަނީ 2015 ވަނަ އަހަރު މޭ މަހު، ތިން ހެޓްރިކް ރެއާލް ޖާޒީގައި ފުރިހަމަ ކޮށްފައެވެ.
ރޭގެ މެޗުގައިވެސް ފުރަތަމަ ހާފުގައި ބެންޒެމާ ހެޓްރިކް ފުރިހަމަ ކުރި އިރު، ފުރަތަމަ ދެ ގޯލަކީވެސް ގޯލު ކުރިމައްޗަށް ހުރަސްކުރި ދެ ބޯޅައިގައި އޭރިއާ ތެރެއިން ޖެހި ދެ ގޯލެވެ. ފުރަތަމަ ގޯލަށް ވިނީޝިއަސް ޖޫނިއާ އެސިސްޓް ކޮށްދިން އިރު، އަނެއް ގޯލަށް ފުރުސަތު ފަހިކޮށްދިނީ ރޮޑްރީގޯއެވެ.
ބެންޒެމާގެ ތިންވަނަ ގޯލަކީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.
ފުރަތަމަ ހާފުގެ ފަހު ސިކުންތުކޮޅުގައި އަލްމޭރިއާގެ ލެޒާރޯ ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅުގައި ރޮޑްރީގޯ ޖެހި ގޯލަކާއެކު ރެއާލް އަނެއްކާވެސް ލީޑު ފުޅާކުރިއެވެ. އަލްމޭރިއާގެ ފަހު ގޯލަކީ ލޫކަސް ރޮބާޓޯނޭ ޖެހި ގޯލެކެވެ.
ލަލީގާ ތާވަލުގެ ދެވަނައިގައި މިވަގުތު ރެއާލް އޮތީ 32 މެޗުން 68 ޕޮއިންޓާ އެކުގައެވެ. އެއްވަނައިގައި އޮތް ބާސާ، 32 މެޗުން 79 ޕޮއިންޓާއެކު އޮތް އިރު، ދެޓީމުގެ ފަރަގީ 11 ޕޮއިންޓެވެ. ދެޓީމަށްވެސް ލީގުގައި ބާކީ ހަ މެޗު އޮތް އިރު، ލީގު ނަގާނެ ކަމަށް ބެލެވެނީ ބާސާއެވެ. އެހެންކަމުން ރެއާލްގެ ފޯކަސް މިވަގުތު ވަރަށް ބޮޑަށް ޗެމްޕިއަންސް ލީގަށް ހުންނާނެ ކަމަށް ބެލެވެއެވެ.
ރެއާލްއިން ދެން ކުޅޭ މެޗުގައި ލީގުގައި ރެއާލް ސޮސިއެދާދާ ދެކޮޅަށް ނުކުތުމަށްފަހު، އަންނަ ހަފުތާގެ ތެރޭގައި ޗެމްޕިއަންސް ލީގު ސެމީގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނާނެއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ