ހިޔާ މަޝްރޫއުގެ ދަށުން ހަދާފައިވާ ހިޔާ ފުލެޓްތަކުގެ ކުލި ކުޑަކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ، ހިޔާ ފުލެޓުގެ ކުލި ކުޑަކުރަން ނިންމާފައިވަނީ ހިޔާ ފުލެޓުގެ ޔޫނިއަންނާއެކު ބޭއްވި ބައްދަލުވުމަށްފަހު ކަމަށެވެ. ކުލި ކުޑަކުރުމާ ގުޅޭގޮތުން މަސައްކަތް ކުރަމުންދާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިޔާ ފުލެޓުގެ ކުލި ކުޑަކުރެވޭނެ ފޯމިއުލާ ހޯދިފައިވާ ކަމަށެވެ.

"އެގޮތުން އަޅުގަނޑުމެންނަށް މަޝްވަރާކޮށްފަ ހޯދުނު ފޯމިއުލާއެއް އެއީ. އެހެންވީމާ އަޅުގަނޑު ދަންނަވާނީ ހަމަ ރަނގަޅު ހެޔޮ ބަދަލެއް އަންނާނެ. އޭގެ ސަބަބުން ކުލި ދައްކާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިޔާ ފުލެޓުގެ ކުލި ކުޑަކުރަނީ ކިހާވަރަކަށްކަން އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ. މީޑިއާގައި ހިޔާ ފުލެޓުގެ އަގާ ގުޅޭގޮތުން ކޮށްފައިވާ ރިޕޯޓުތަކަށް ކޮމެންޓެއް ދެއްވަން އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ވަނީ މިދިޔަ މާޗު މަހުގެ 19 ވަނަ ދުވަހު ހިޔާ ޔޫނިއަންނާއެކު ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ ހިޔާ ފުލެޓުގެ ކުލި ކުޑަކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.