ރާއްޖޭގައި ބާއްވަމުންދާ އެންމެ ތާރީހީ ފުޓުބޯޅަ މުބާރާތް، ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ ޕްރެސިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ މިއަހަރުގެ ފައިނަލު އަންނަ އަންގާރަ ދުވަހުގެ ރެޔަށް ފަސްކޮށްފިއެވެ.

މިއަހަރުގެ ޕްރެސިޑެންޓްސް ކަޕުގެ ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބު އީގަލްސް ފުރަތަމަ ކުރިމަތިލާން އޮތީ އަންނަ އާދީއްތަ ދުވަހުގެ ރޭގައެވެ. އެހެންނަމަވެސް މިއަދު ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމާފައި ވަނީ ޕްރިސިޑެންޓްސް ކަޕް އަންނަ މަހުގެ ދެވަނަ ދުވަހުގެ ރެއަށް (އަންގާރަ ދުވަހުގެ ރެއަށް) ފަސްކުރުމަށެވެ. އެފްއޭއެމްގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި ޕްރެސިޑެންޓްސް ކަޕް ދެ ދުވަސް ފަސްކުރަން ނިންމީ، ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާނަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ބައިވެރިވެވޭނެ ގޮތް ހެދުމުގެ ގޮތުން ކަމަށެވެ.

މިއަހަރުގެ ޕްރެސިޑެންޓްސް ކަޕްގައި ހަ ޓީމަކުން ވާދަކޮށްފައިވާ އިރު، މެޗުތައް ކުޅުނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އިއްޔެ އާއި ރޭ މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅެފައިވާ އިރު، އިއްޔެ ހަވީރު ކްލަބު އީގަލްސްއިން ސެމީ ޔަގީންކުރީ 2-1 އިން ބުރު ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ. އަދި މާޒިޔާއިން ސެމީ ޔަގީންކުރީ ރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 8-0 އިން ބަލިކޮށްފައެވެ.

މިދިޔަ އަހަރު ޕްރެސިޑެންޓްސް ކަޕްގެ ފައިނަލުގައި ވާދަކޮށްފައި ވަނީ މާޒިޔާ އާއި ކްލަބު ވެލެންސިއާއެވެ. އެ މެޗު ރ. އަލިފުށީގައި ކުޅެފައިވާ އިރު، ފައިނަލުގައި މާޒިޔާ ބަލިކޮށް ތަށި ނެގީ ވެލެންސިއާއިންނެވެ.

މިދިޔަ އަހަރު ޕްރެސިޑެންޓްސް ކަޕް ބާއްވާފައި ވަނީ މެދުކެނޑުމަކަށްފަހުއެވެ. އޭގެ ކުރިން 2017 ވަނަ އަހަރު ކުޅުނު ޕްރެސިޑެންޓްސް ކަޕް ފައިނަލުގެ ތަށި ނެގީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. އެފަހަރު ފައިނަލުގައި ނިއުއާ ވާދަކުރީ ޓީސީއެވެ.