ރާއްޖެއާއި ޗާގޯސްއާ ދެމެދު އިން ވަކިކުރުމުގެ ގާނޫނީ ސްޓޭންޑަށް ބަދަލެއް ގެނެސްފައިނުވާނެ ކަމަށާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ބަޔާނަކީ ސައްހަ ބަޔާނެއް ނޫން ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައާ ގުޅޭގޮތުން އިދިކޮޅުން ނެރެފައިވަނީ ސައްހަ ބަޔާނެއް ނޫން ކަމަށާއި ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގުތިސޯދީ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ދިވެހި ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތު އެއްވެސް އިރެއްގައި ބަދަލުކޮށްފައިނުވާނެ ކަމަށެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ މައްސަލައިގައި 20 އަހަރެއްހާ ދުވަހު ރާއްޖެއިން ނަގަމުން އައި ސްޓޭންޑް ދެމެހެއްޓުމުގައި ދިވެހި ސަރުކާރުން ފަސްޖެހުމެއްނެތި ދެމިއޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އދ. ގެ ގަރާރެއް ކަމަށްވާ "އެޑްވައިޒަރީ އޮޕީނިއަން އޮފް ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގް ކޮންސިކުއަންސަސް އޮފް ދަ ސެޕަރޭޝަން އޮފް ދަ ޗާގޯސް އާކިޕެލާގޯ ފްރޮމް މޮރިޝަސް އިން 1965" ގަރާރު އދ. ތަޅުމަށް އަލުން ހުށަހަޅައިފިނަމަ އެ ގަރާރަށް ދިވެހި ސަރުކާރުން ތާއީދުކުރުމަށް ނިންމާފައިވާކަން މޮރިޝަސް ސަރުކާރަށް އަންގާފައިވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
"މި ނިންމުން ނިންމެވީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފާގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ނިންމި ނިންމުން އިޓްލޮސްގައި ކުރިއަށްދާ މައްސަލައިގައި ފުރިހަމައަށް ބަލައިގަތުމަށް ނިންމާފައިވާކަން އިޓްލޮސްއިން އެންގުމާ ގުޅިގެންނެވެ. އދ. ގެ އާއްމު މަޖިލީހުގެ އެ ގަރާރަކީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައާ އެއްވެސް ގޮތަކުން ގުޅުންހުރި ގާރާރެއް ނޫނެވެ. މި ނިންމުމުގެ ސަބަބުން އިޓްލޮސްގައި ކުރިއަށްދާ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރާއްޖެއިން ނަގާފައިވާ ގާނޫނީ ސްޓޭންޑަށް އެއްވެސް ބަދަލެއް ނާންނާނެކަން މޮރިޝަސްގެ ސަރުކާރަށްވެސް ވާނީ އަންގާފައި،" ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އދ. ގެ ގަރާރާ ދެކޮޅަށް ރާއްޖެއިން ކުރިން ވޯޓުލާފައިވީ ނަމަވެސް، އދ. ގެ އާއްމު މަޖިލީހުން އެ ގަރާރު 2019 ވަނަ އަހަރު ފާސްކުރުމުން ރާއްޖެއިން ލީ ވޯޓުގެ ތަފުސީލުގައި ރާއްޖެއިން ފާހަގަކޮށްފައިވަނީ ރާއްޖޭގެ ވޯޓަކީ އެ ގާރާރާ ދެކޮޅަށް ލީ ވޯޓެއް ނޫން ކަމަށެވެ. އަދި އެ ވޯޓަކީ އިސްތިއުމާރިއްޔަތާ ދެކޮޅަށް ރާއްޖެއިން ގެންގުޅުމުން އައި ޒަމާންވީ ސިޔާސަތު ބަދަލުވެ، އެކަމާ ދެކޮޅަށް ދިން ވޯޓެއް ނޫން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
"ރާއްޖެއިން އެ ގަރާރާ ދެކޮޅަށް ލީ ވޯޓަކީ އިޓްލޮސްގައި ކުރިއަށްދާ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރާއްޖެއިން ނަގާފައިވާ ގާނޫނީ ނުކުތާތަކަށާއި ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް 2010 ވަނަ އަހަރު ރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުމަށް އެއްވެސް އުނިއިތުރުކަމެއް ގެނުވާނެ ކަމެއް ނޫން،" ރައީސް އޮފީހުން ބުންޏެވެ.
ގާނޫނު އަސާސީގައިވާ ގޮތުން ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެންނަ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދަންޖެހޭކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ ރާއްޖެއާއި ޗާގޯސް ދެމެދުގައި އިން ކަނޑައެޅުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަމަލުކުރައްވާފައިވަނީ ގާނޫނާ ހިލާފަށް ނޫން ކަމަށެވެ. އަދި ޗާގޯސް އާކިޕެލާގޯގެ މައްސަލައިގައި ހިމެނެނީ ރާއްޖޭގެ ދެކުނުގައި އޮތް ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ކަމަށާއި އެ ސަރަހައްދުގެ އިމަކީ ބައިނަލްއަގުވާމީ ކަނޑުގެ މުއާހަދާގެ ދަށުން މިހާތަަނަށް އައިއިރު ކަނޑައެޅިފައިވާ ސަރަހައްދެއް ނޫން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ބައިނަލްއަގުވާމީ ގާނޫތަކާއި ރާއްޖޭގެ ގާނޫނުތަކުގެ ދަށުން، ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގެ އިން ކަނޑައެޅުމަކީ ދިވެހި ސަރުކާރަށް ގާނޫނު ލިބިދީފައިވާ ބާރަކަށްވުމުން އެ މަސްއޫލިއްޔަތު ދިވެހި ސަރުކާރުން ފުރިހަމައަށް ކަށަވަރުކުރާނެ ކަމަށެވެ. އިޓްލޮސްއަށް މޮރިޝަސްއިން މައްސަލަ ހުށަހެޅުމުން، އެ މައްސަލައަށް ހައްލު ހޯދުމަށާއި ރާއްޖޭގެ އެންމަ މަތީ މަސްލަހަތު ހިމާޔަތްކުރަން ނިންމީ ވަޒީރުންގެ މަޖިލީހުގައި އެކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށްފަހު ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ލިޔެވިފައިވާ ގާނޫނު އަސާސީއެއްގެ ތަރަހައިގެ ތެރޭގައި ވެރިކަމެއް ރާއްޖޭގައި ކުރަމުންދާތާ ގަރުނަކާ ގާތްވާ އިރު، އަދި އެއަށްވުރެ ދުރު މާޒީއަށް ބެލިނަމަވެސް ޗާގޯސް އާކިޕެލާގޯގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާކަމަށް އެއްވެސް އިރެއްގައި ރާއްޖެއިން ދައުވާ ކޮށްފައިނުވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ބަޔާނަކީ ރައްޔިތުންނަށް އޮޅުވާލައި، ހައްސާސް މައްސަލައެއްގެ ތެރެއިން ސިޔާސީ މަންފާއެއް ހޯދުމަށް ހިންގާފައިވާ އަމަލެއް ކަމަށާއި އެކަން އެގޮތަށް ސާފުވަނީ 2019 ވަނަ އަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހު ޕީޕީއެމްއިން ނެރުނު ބަޔާނުގައި ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އޮތްކަމަށް މޮރިޝަސްއިން ކުރާ ދައުވާގައި މޮރިޝަސްއަށް ނުހަނު ތާއީދުކޮށް، ޗާގޯސް އާކިޕެލާގޯ މޮރިޝަސްއަށް އަނބުރާ ދިނުމަށް ގޮވާލި އދ. ގެ އާއްމު މަޖިލީހުގެ ގާރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުލުމާ ގުޅިގެން ރާއްޖޭގެ ސަރުކާރުން މޮރިޝަސްގެ ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭނެކަމަށް ބުނެފައިވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"އެ ވޯޓަކީ މޮރިޝަސްގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތް ވޯޓެއް ކަމަށްވެސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އޭރު ބުނެފައިވެއެވެ. އެ ޕާޓީން މިހެން ބުނެފައިވީ ނަމަވެސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ސަރުކާރުން 2017 ޖޫން 22 ގައި ވަނީ ޗާގޯސްގެ މައްސަލައިގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި މޮރިޝަސްއިން އދ.ގެ އާއްމު މަޖިލީހަށް ހުށަހެޅި ގަރާރާ ދެކޮޅަށް ވޯޓު ލައިފައެވެ..،" ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ރާއްޖެއިން އެންމެ ފުރަތަމަ ވަކާލާތު ކޮށްފައިވަނީ އިޓްލޮސްއަށް އެ މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެންނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތަކަށްފަހު އިޓްލޮސް އިން ނިންމީ ޗާގޯސް އާކިޕެލާގޯގެ ސިޔާދަތީ ބާރުވެރިކަމާ ގުޅޭގޮތުން އައިސީޖޭއިން ނެރެފައިވާ އިސްތިޝާރީ ލަފައަށް ރިއާޔަތްކޮށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެންވާ ކަމަށެވެ.
"އިޓްލޮސްގެ މި ނިންމުމާ ގުޅިގެން، އެ ޓްރައިބިއުނަލުގެ އަޑުއެހުންތަކުގައި ދިވެހި ސަރުކާރުން ވަކާލާތުކޮށްފައި ވާނީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދުވާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ކުރީއްސުރެ ރާއްޖެއިން ގެންގުޅެމުންދިޔަ ސިޔާސަތުތައް ދިފާއުކޮށެވެ..،" ރައީސް އޮފީހުން ބުންޏެވެ.
އެފަދަ މައްސަލައެއްގައި ރާއްޖޭގެ ރައްޔިތުންނާއި ބައިނަލްއަގުވާމީ މުޖުތަމައަށް އޮޅުން އަރާގޮތަށް ސިޔާސީ ޕާޓިތަކުން ކުރާ މަސައްކަތްތަކާ މެދު ދިވެހި ސަރުކާރުން ނުހަނު ހިތާމަކުރާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖެއިން ހުށަހަޅާފައިވާ ކަންކަމަށް ރިއާޔަތްކޮށް، އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު އިޓްލޮސްއިން މައްސަލަ ނިންމާނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު