ޕްރެސިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށް ނުކުންނާނީ، އެންމެފަހުން ގްރޫޕް ސްޓޭޖުގައި ބުރު ސްޕޯޓްސް ކްލަބު އަތުންވި ބަލީގައި ހެދުނު ގޯސްތައް ރަނގަޅު ކުރަން ކަމަށް ކޯޗު، އިވާން ވެންކޯވް ކޮލޭވް ބުނެފިއެވެ.
ޕްރެސިޑެންޓްސް ކަޕްގެ ސެމީގެ ދެވަނަ މެޗުގައި މިރޭ މާޒިޔާއިން ސަސްއާ ދެކޮޅަށް ނުކުންނާނީ 9:00 ގައެވެ. ރާއްޖޭގެ އެންމެ ވަރުގަދަ ސްކޮޑެއް އޮތް، އަދި އެންމެ ރަނގަޅަށް މުބާރާތަށް ތައްޔާރުވި، މުބާރާތުގެ "ފެވަރިޓް" މާޒިޔާއިން ސެމީއަށް ނުކުންނާނީ އެންމެފަހުން ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބު އަތުން ބަލިވެފައި އޮތުމުން އެކަންވެސް ހަނދާނުގައި ބަހައްޓައިގެންނެވެ.
އެ ބައްޔާއެކު މާޒިޔާއިން ސެމީ މެޗަށް ތައްޔާރުވާނީ ކިހިނެއްތޯ ނޫސްވެރިން ސުވާލު ކުރުމުން ކޯޗު އިވާން ބުނީ، މެޗުގެ މައްސަލަތައް އެނަލައިޒް ކުރިކަމަށާއި، އެ ކަންކަމަށް ހައްލު ހޯދަން ވިސްނާނެ ކަމަށެވެ. އޭނާ ބުނީ މައިގަނޑު ގޮތެއްގައި އެމެޗުގައި ދިމާވީ ދެ މައްސަލައެއް ކަމަށެވެ.
"މި މެޗަށް ތައްޔާރުވީ ވަރަށް ސީރިއަސްކޮށް. އެންމެފަހު މެޗުގައި އޮތީ ބަލިވެފަ. އަހަރެމެން އެ މެޗު އެނަލައިޒްކޮށް، ދިމާވި މައްސަލަތައް ދެނެގަތިން. އަދި މައްސަލަތައް ހައްލުކުރަން ކުރިއަށް އޮތް ސެމީ ފައިނަލަށް ނުކުންނާނީ. އެންމެފަހު މެޗުގައި އަހަރެމެންނަށް ދިމާވި މައިގަނޑު ދެ މައްސަލައެއް. ފުރަތަމަ ކަމަކީ ފުރަތަމަ 11. މެޗަށް ފުރަތަމަ 11އެއް ނަގަން ބަލާއިރު އަނިޔާގެ މައްސަލަތަކެއް އެބަހުރި. ސަމުއްޓެއާއި ނޫންބެ އެ މެޗަށް އަނިޔާގަ ތިބީ. އަދި ސެންޓޭވެސް ފުރަތަމަ 11 ގައި ބޭނުމެއް ނުކުރެވޭ،" ފުރަތަމަ މައްސަލަ ކިޔައިދެމުން އިއްޔެ ގައުމީ ދަނޑުގައި ބޭއްވި ޕްރި މެޗު ޕްރެސް ކޮންފަރެންސްގައި އިވާން ބުންޏެވެ.
ދެވަނަ މައްސަލައެއްގެ ގޮތުގައި އިވާން ފާހަގަކުރީ ގޯލު ނުޖެހުމުގެ މައްސަލައެވެ. މާޒިޔާއިން ބުރު ކައިރިން 2-1 އިން ބަލިވެފައިވާ އިރު، ކޯޗު ބުނީ ބިދޭސީ ކުޅުންތެރިންގެ މައްސަލައާ ގޯލު ނުޖެހުމުގެ މައްސަލަ ގުޅިފައިވާ ކަމަށެވެ.
"އަހަރެމެންގެ ބިދޭސީ ތިން ކުޅުންތެރިން ތައްޔާރަކަށް ނޫން ތިބީ. ފޯވާޑާއި މިޑްފީލްޑަރަށްވެސް ފަރިތަކުރުންތަކެއް ގެއްލުނު. ފޯވަޑް ސާބިއާއަށް ގޮސްފަ އައި ފަހުންވެސް ބައެއް އަމިއްލަ މައްސަލަތައް އެބަހުރި. ބިދޭސީ ފޯވަޑްގެ މައްސަލަ ބޮޑު. ދެވަނަ މައްސަލަ ދިމާވަނީ އެކަމާވެސް ގުޅިގެން. އޭރިއާއިން ބޭރު ކުޅުންތެރިން ރަނގަޅަށް ކުޅެވެސް، ރަނގަޅަށް ބޯޅަ ނިންމާނުލެވި، ގޯލު ޖެހުމަށް ބޮޑެތި މައްސަލަތަކެއް އެބަހުރި،" އިވާން ބުންޏެވެ.
ކޯޗު އިތުރަށް ބުނީ ސަސްއަށް އިހުތިރާމް ކުރާނެ ކަމަށާއި، އިދިކޮޅު ޓީމުތަކުން މާޒިޔާއާ ދެކޮޅަށް ކުޅޭއިރު ނެރޭ ރޫހު ތަފާތުވާނެ ކަމަށްވެސް ވިސްނާނެ ކަމަށެވެ.
"އިދިކޮޅު ޓީމުތަކުން މާޒިޔާއާ ދެކޮޅަށް ކުޅޭ އިރު، ތަފާތު ރޫހެއްގަ، ތަފާތު ސީރިއަސް ކަމެއްގަ މިކުޅެނީ. ވަގުތު ބޭކާރު ކުރުމުގެ ކަންކަންވެސް ކުރޭ. މާޒިޔާއަށް ކުޅެން ފުރުސަތު ނުދޭން އޮތް ގޮތެއް ހޯދާ. އެކަމަކު އެއީ މައްސަލައެއް ކަމަކަށް ނުބަލަން. އެއީ އެމީހުންގެ ޓެކްޓިކްސް. އެކަމަށް ޝަކުވާއެއް ނެތް. އެކަމަށް އަހަރެމެން ޖެހޭނީ ތައްޔާރުވާން،" އިވާން ބުންޏެވެ.
ކުރިން އޭޝިއާގެ ގިނަ ކްލަބުތަކަކަށް ކޯޗުކަން ކޮށްދީފައިވާ ތަޖުރިބާކާރު ކޯޗު އިވާން ބުނީ، ބުރު އަތުން ވި ބައްޔާމެދު ކުޅުންތެރިން ވިސްނުން ގެންގުޅޭނެ ކަމަށް ނުވިސްނާ ކަމަށާއި، މާޒިޔާގައި ތިބީ ޕްރޮފެޝަނަލް ކުޅުންތެރިން ކަމަށެވެ. އެހެންކަމުން މިރޭގެ މެޗުގައި ކުޅުންތެރިން ފަރާތުން އިތުރު ހިތްވަރެއް ފެންނާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އިވާން ބުންޏެވެ.