ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރައިލި މައްސަލައިގައި އޭނާގެ ގާތިލް މުހައްމަދު ސަމާހަށް އިއްވި މަރުގެ ހުކުމްގެ އިސްތިއުނާފު އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން މިއަދު އިތުރު ފުރުސަަތެއް ދީފިއެވެ.
ކ. ކާށިދޫގައި ޑިއުޓީއަށް ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ، ޕޮލިސް ސާޖަންޓް ކ. ކާށިދޫ، ކެތި، އާދަމް ހަލީމް މަރާލާފައި ވަނީ 22 ޖުލައި 2012 ގައެވެ. އެ މައްސަލައިގައި ހަލީމު މަރައިލި ކަމަށް ކުށް ސާބިތުވެ ކ. ކާށިދޫ ސުވާސާގެ މުހައްމަދު ސަމާހު މެރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ 25 ޖެނުއަރީ 2013 ގައެވެ.
ކުރިމިނަލް ކޯޓުން ސަމާހު މެރުމަށް ހުކުމް ކުރީ ހަތަރު ވާރިސުންގެ ތެރެއިން ހަލީމްގެ ބައްޕަ އާއި މަންމަ އާއި ހުވަފަތް ވެފައިވާ އަނބިމީހާ ވެސް ގިސާސް ހިފަން ބޭނުންވާތީއެވެ.
މަރުގެ މައްސަލަތަކުގައި ދަށު ކޯޓުން މީހަކު މަރަން ހުކުމެއް ކޮށްފިނަމަ އެއީ ނިހާއީ ހުކުމެއް ކަމަށް ކަނޑައެޅުމަށް ދައުލަތުން އެ މައްސަލަ މަތީ ކޯޓުތަކަށް ހުށަހަޅަން ޖެހެއެވެ.
އެގޮތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، ސަމާހު މެރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަށް 30 ސެޕްޓެމްބަރު 2020 ގައި ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ.
މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށް މިދަނީ، ހައިކޯޓުން ކުރި އެ ހުކުމް ސަމާހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފެވެ.
މީގެކުރިން ސުޕްރީމް ކޯޓުގައި ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި، ސަމާހުގެ ދިފާއީ ވަކީލުގެ ގޮތުގައި ހުންނެވި، ވަކީލު ޝަފީއު, ސަމާހުގެ ފަރާތުން ކޯޓަށް ހުށަހަޅަންޖެހޭ ލިއުންތަކެއް ހުށަހަޅާފައިނުވާ ކަމަށް ބުނެ، ވަކީލާމެދު ހިތްހަމަނުޖެހޭ ކަމަށް ވާހަކަ ދެއްކުމުން، ސަމާހުގެ ވަކީލު ކަމުން ޝަފީއު ވަކި ކުރުމަށް އެދުވަހު ސުޕްރީމް ކޯޓުން ނިންމިއެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ސަމާހުގެ ދިފާއީ ވަކީލެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ ހަމްޒާ ލަތީފެވެ.
މިއަދުގެ އަޑު އެހުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑީޔާރު ހުސްނުއްސުއޫދު ނިންމެވީ، އެ މައްސަލައިގެ އިސްތިރުނާފު އަލުން ފަށައިގެން ކުރިއަށް ގެންދެވުމަށެވެ.
އެގޮތުން އިސްތިއުނާފު ހުށަހެޅުމަށް ދިފާއީ ވަކީލަށް ފުރުސަތު ދެއްވުމުން، ދައުލަތުގެ ފަރާތުން ޕަބްލިކު ޕްރިސިކިއުޓާ އިބްރާހިމް ނައީމު ވިދާޅުވީ، މީގެ ކުރިން ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ދައުވާ ފޯމު އިސްލާހުކޮށް އަލުން ހުށަހެޅުމަށް ދިފާއުން ފުރުސަތަކަށް އެދިފައިވާ ކަމަށާއި ނަމަވެސް އިސްލާހު ކުރެވިފައިވާ ފޯމެއް ނުވަތަ އާފޯމެއްވެސް ދައުލަތަށް ލިބިފައިނުވާ ކަމަށެވެ.
އެހެންކަމުން އެކަން އޮތް ގޮތެއް ސާފުކޮށްދެއްވުމަށް އެދި ވަޑައިގެންނެވިއެވެ.
ފަނޑިޔާރު ސުއޫދުގެ އެދިވަޑައިގަތުމުގެ މަތިން އެކަން އޮޅުން ފިލުއްވައި ދެއްވަމުން ދިފާއީ ވަކީލު ވިދާޅުވީ، ގަޒިއްޔާއާ ގުޅިގެން ފާހަގަ ކުރަން ބޭނުންވާ ކަމެއް އޮވެއްޖެނަމަ ޝަރީއަތުގެ މަޖިލީހުގައި ފާހަގަ ކުރުމަށް އެދި ކޯޓުން އެފަރާތަށް ސިޓީއެއް ލިބިފައިވާ ކަމަށެވެ.
ނަމަވެސް ދައުލަތަށްވެސް ޖަވާބުދާރީވާން އެންމެ ފަސޭހަވާނީ ވެސް ދިފާއުން ބޭނުންވާ ނުކުތާތައް އިސްތިއުނާފު ފޯމަށް ލިއުމަށް އިތުރުކޮށްފައި ހުށަހެޅުމުން ކަމަށްވާތީ، ފަނޑިޔާރުންނަށްވެސް އެންމެ ލަފާގޮތް ކަމަށް ފެނިވަޑައިގަންނަވާނަމަ، ކަނޑައަޅުއްވާ މުއްދަތެއްގެ ތެރޭގައި އެގޮތަށް ފޯމު ހުށަހެޅުމަށް އިއުތިރާޒެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ދައުލަތުން ބުނީ އިސްތިއުނާފު އަލުން ހުށަހެޅުމަށް އިއުތިރާޒެއް ނެތް ކަމަށެވެ. އެހެންކަމުން އަލުން އިސްތިއުނާފު ހުށަހެޅުމަށް ދެ ހަފުތާގެ ފުރުސަތެއްދީ އެއް މަސް ދުވަހުގެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ކަނޑައަޅުއްވައި ފަނޑިޔާރު ހުސްނުއްސުއޫދު މިއަދުގެ އަޑުއެހުން ނިންމަވައިލެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު