ކްލަބު ވެލެންސިއާއިން އެންމެފަހުގެ ޕްރެސިޑެންޓްސް ކަޕުގެ ޗެމްޕިއަނުން ގޮތުގައި ނުކުމެ، މިފަހަރު ގްރޫޕު ސްޓޭޖުގައި ކުޅުނު ދެމެޗުން ބަލިވެ، ރޭ ކަޓައިގެން ދިޔައީ ކޮޅަށް ނުވަ ގޯލު ވަދެގެންނެވެ. އެޓީމަކަށް ގޯލެއް ނުޖެހެއެވެ.
ސްކޮޑުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމަނައި، ސީނިއާ ކުޅުންތެރިން މަދުކޮށްގެން މިފަހަރު ވެލެންސިއާއަށް ނުކުންނަން ޖެހުނީ ސީޒަނަށް ސޮއިކުރި ބައެއް ސީނިއާ ކުޅުންތެރިންގެ ރަޖިސްޓްރޭޝަން ނުނިމުމުންނެވެ. އެކަން ވެލެންސިއާއަށް ނުވީ ކުރިން ނުދެވި އޮތް މުސާރައިގެ މައްސަލަތަކުގެ ސަބަބުންނެވެ. އެހެންކަމުން އެޓީމަށް މިފަހަރު ޕްރެސިޑެންޓްސް ކަޕްގައި ބޭނުންކުރެވެން ތިބީވެސް ޒުވާން ކުޅުންތެރިންނެވެ.
އެ ކުޅުންތެރިންނާއެކު ނުކުތް ވެލެންސިއާ މުބާރާތުން ކެޓުމާއެކު، ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ރޭ ބުނީ ވެލެންސިއާ އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި، މުބާރާތުގައި ވާދަކުރުމަށްވެސް އެހާ ބޮޑު ވިސްނުމެއް މިފަހަރު ނެތް ކަމަށެވެ.
"ގިނަ ފަހަރު ދިމާވާ އެއް ގޮތަކީ، އަބަދުވެސް އެބަޖެހޭ ހާލަތަށް އެޖަސްޓްވާން. މިވަގުތު ރާއްޖޭގެ ފުޓުބޯޅަ އޮތް ހާލަތަށް ބަލާއިރު ވެލެންސިއާއަށް ކުރިމަތިވެފައިވާ ހާލަތަކީ ވަރަށް ނާޒުކު ހާލަތެއް. މިވަގުތަށް އަޅުގަނޑުމެން ތަށި ދިފާއުކުރުމަށް ނޫނީ ވާދަކުރުމަށް ވިސްނުމަށްވުރެވެސް ބޮޑަށް އަޅުގަނޑުމެން މި ކުރި ހަމައެކަނި މަސައްކަތަކީ ރަނގަޅު ޓީމެއް ނެރެގެން ރަނގަޅު ފުޓުބޯޅައެއް ކުޅުވުން،" ފެސްކޯ ޕޯސްޓް މެޗު ޕްރެސްގައި ބުންޏެވެ.
މުބާރާތުގެ ކުރިން ދެ ޕްރެސްއެއްގައި ފެސްކޯ ބުނީ "ވެލެންސިއާއިން ޖޯކަކަށް ފުޓުބޯޅަ ނުކުޅޭނެ،" ކަމަށާއި، ހަމަ ކުޅެލަން މުބާރާތެއްގައި ބައިވެރި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް އެ ހާލަތު ބަދަލުވެ، މޮޅެއް ނުލިބި ނިންމާލަން ޖެހުމުން މާޔޫސްކަން ކުރިމަތިވި އިރު، ފެސްކޯ ބުނީ ދަނޑުމަތިން ޒުވާން ކުޅުންތެރިން ލީ ހިތްވަރާއި، ދެއްކި ކުޅުމަށް "ހިތްހަމަ ޖެހޭ" ކަމަށެވެ.
ރޭ އީގަލްސް ކައިރިން 4-0 އިން ބަލިވެ، ގިނަ ގޯލުތަކެއް ވަތްނަމަވެސް، ސްކޯލައިނުގެ ފަރަގު ކުރީ މެޗަށްވުރެ ކުޑަކުރެވުމަކީ އުފަލެއް ކަމަށްވެސް ފެސްކޯ ފާހަގަކުރިއެވެ. ވެލެންސިއާއިން ފުރަތަމަ ކުޅުނު މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ.
"ވަރަށް ސިލީ މިސްޓޭކްތަކަކުން ގޯލުތައް ފެނިގެން ދިޔައީ. ދެން މިހާ ތަޖުރިބާ މަދު ސްކޮޑަކާއެކު ނުކުމެ، އެންމެ ރަނގަޅަށް ތައްޔާރުވި، އެންމެ ތަޖުރިބާ ރަނގަޅު އެއް ޓީމާ ދެކޮޅަށް ކުޅޭއިރު އެކަހަލަ މިސްޓޭކް ގޯސްވާނެ. އެ މިސްޓޭކްތަކެއް ނައިނަމަ މިއަށްވުރެ މާ ބޮޑަށްވެސް ސްކޯލައިން ރަނގަޅުވާނެ. އަޅުގަނޑުމެން ޕްލޭންކުރި ވަރަށް ގިނަ ކަންތައްތަކެއް ދައްކައިފި. ކެޕޭސިޓީ ހުރިކަން ދައްކައިދީފި،" ފެސްކޯ ބުންޏެވެ.
ނިންމާލަމުން ފެސްކޯ ބުނީ "ޓެކްނިކަލް ޓީމުގެ ޕްލޭން ވަރަށް ބޮޑަށް ރޭގެ މެޗުގައި މަސައްކަތް ކުރި ކަމަށާއި، ކުރިއަށް އޮތް ލޯންގް ރަންއަކަށް އެކަން ރަނގަޅުކުރާނެ،" ކަމަށެވެ.
އީގަލްސްއިން ރޭ ފަސޭހަ މޮޅެއް ނަގައި ގްރޫޕުގެ އެއްވަނަ ހޯދި އިރު، ދެން އެޓީމަށް އޮތީ ސެމީ ފައިނަލެވެ. އީގަލްސްއިން ސެމީގައި ބުރާސްފަތި ދުވަހު ހަވީރު ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) ރޭ ބުނީ ދެން އޮތީ ރިކަވަރީއަށް ވަގުތު ހުސްކުރުން ކަމަށެވެ.
"(ރޭ)ނުކުތީ މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދަން. އެކަން ވެއްޖެ. މި މެޗަށް ނުކުތްއިރުވެސް އެނގޭ ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއް ހުންނާނެކަން. އެއީ ދެ ދުވަސް ރެސްޓް ކޮށްފައި އެދޭތެރެއަށް އީދުވެސް ވަނީމައާއެކު އުނދަގޫތަކެއް ހުންނާނެ. ކުޅުމާއި ކުޅުންތެރިން ކުރި މަސައްކަތަށް ހިތްހަމަ ޖެހޭ. ދެ ދުވަސް ފަހުން ކުޅޭއިރު ދެން އޮތީ ރަނގަޅު ރިކަވަރީއެއް ހެދުން،" ސާންތި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.