ދާއިމީ ކޯޗެއް ހޯދުމަށް ޗެލްސީން ކުރަމުން އަންނަ މަސައްކަތުގައި ކުރިން ޕީއެސްޖީއާއި ޓޮޓެންހަމްއަށް ކޯޗުކަން ކޮށްދިން މައުރީޝިއޯ ޕޮޗެޓީނޯއާ ދެމެދު ދެކެވެމުން އަންނަ ވާހަކަތަކަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް މީޑިއާތައް ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ 11 ވަނައިގައި އޮތް ޗެލްސީގެ ކޯޗުކަމުން ގްރަހަމް ޕޮޓާ ވަކިކޮށް، އެ ވަޒީފާ ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ކްލަބު ލެޖެންޑް ފްރޭންކް ލަމްޕާޑާ އެވެ. ލަމްޕާޑާ އެކު ޗެލްސީން އެންމެފަހުން ކުޅުނު ހަތަރު މެޗުންވެސް އެ ޓީމު ބަލިވެފައިވާ އިރު، މިހާރު ވަނީ ޗެމްޕިއަންސް ލީގުންވެސް ކަޓައިފައެވެ.

ޗެލްސީގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާ އިރު، ސީޒަން ނިމުމުން، ނޫނީ އެއަށްވުރެ ކުރިންވެސް ޓީމާ ހަވާލުވާނެ ކޯޗެއް ހޯދުމުގެ މަސައްކަތް އެ ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރުންނާއި ވެރިން އަންނަނީ ކެނޑިނޭޅި ކުރަމުންނެވެ. ފުރަތަމަ އެ ކްލަބުން ޖަރުމަނުގެ ކޯޗު ޖޫލިއަން ނާގެލްސްމަންގެ އިތުރުން ސްޕެއިންގެ ކުރީގެ ކޯޗު ލުއިސް އެންރީކޭވެސް ފުރަތަމަ މަޝްވަރާކޮށްފައިވާ އިރު، އެ ދެކޯޗުންނާވެސް މިހާރު މަޝްވަރާތައް ހުއްޓާލާފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

ޗެލްސީގެ ފޯކަސް، އުމުރުން 51 އަހަރުގެ ޕޮޗެޓީނޯއަށް މިހާރު ވަރަށް ބޮޑަށް ހުއްޓިފައިވާ އިރު، އިތުބާރު ނޫސްތަކުން ބުނެފައި ވަނީ ސީޒަނުގެ ބާކީ ބައިގައި ކްލަބުގެ ކޯޗުކަމާ ހަވާލުވާންވެސް ޕޮޗެޓީނޯ ވިސްނުން ގެންގުޅޭ ކަމަށެވެ. އެކަމަށް ޗެލްސީންވެސް މިހާރު ބޭނުންވާ ކަމަށް ނޫސްތައް ބުނެއެވެ.

ޗެލްސީއާއި ޕޮޗެޓީނޯ ފުރަތަމަ ކުރި މަޝްވަރާތައް ކާމިޔާބު ނޫން ނަމަވެސް، ކްލަބުގެ ކޯޗިން މަސައްކަތުގެ ބޭރުން، ކުޅުންތެރިން ގެނައުމާއި، ސްކޮޑު މެނޭޖުކުރުމުގެ ބާރުތަކެއް ޕޮޗެޓީނޯއަށް ދޭން އެއްބަސްވާ ގޮތަށް ޗެލްސީން މަޝްވަރާކުރުމުން، މިހާރު ހާލަތު ބަދަލުވަމުން އަންނަ ކަމަށް ބީބީސީންވެސް ބުނެފައިވެއެވެ.

އާޖެންޓީނާއަށް އުފަން ޕޮޗެޓީނޯ އެންމެފަހުން ހުރީ ޕީއެސްޖީގެ ކޯޗުކަމުގައެވެ. މިދިޔަ އަހަރުގެ ޖުލައި މަހު އޭނާ ޕީއެސްޖީ ކޯޗުކަމުން ވަކިކޮށްފައިވާ އިރު، ޕޮޗެޓީނޯ އެންމެ ބޮޑަށް ފާހަގަވީ ޓޮޓެންހަމް އަށް ކޯޗުކަން ކޮށްދިން ދުވަސްވަރުއެވެ. 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރަށް ޕޮޗެޓީނޯ ޓޮޓެންހަމް އަށް ކޯޗުކަން ކޮށްދީފައިވާ އިރު، އޭނާ ވަނީ އެ ކްލަބާއެކު ޗެމްޕިއަންސް ލީގު ފައިނަލެއްގައި ކުޅެފައެވެ. 2019 ވަނަ އަހަރު ޓޮޓެންހަމްއިން ޕޮޗެޓީނޯ ފޮނުވާލީ، ލީގު ތާވަލުގެ 14 ވަނައަށް ކްލަބު ވެއްޓުމުންނެވެ.