ޕްރެސިޑެންޓްސް ކަޕްގެ އެންމެފަހުގެ ޗެމްޕިއަން ކްލަބު ވެލެންސިއާ ކަޓުވާލައި، ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކްލަބު އީގަލްސްއިން ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ރޭ ވެލެންސިއާ ބަލިވުމާއެކު ގްރޫޕް އޭއިން ސެމީގެ ޖާގަ ލިބުނީ އީގަލްސްއާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. ސެމީ ފައިނަލުގައި އީގަލްސް ނުކުންނާނީ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ސަސް ނުކުންނާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށެވެ. މިފަހަރު ޕްރެސިޑެންޓްސް ކަޕްގެ ސެމީ މެޗުތައް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގައެވެ.
މިދިޔަ އަހަރު ވަރުގަދަކޮށް ސީޒަން ފެށި ވެލެންސިއާއިން މިފަހަރުގެ ޕްރެސިޑެންޓްސް ކަޕަށް ނުކުތީ ޒުވާން ކުޅުންތެރިން ޓީމަށް ނެރެގެންނެވެ. އެޓީމުގެ ޒުވާން ޓީމުގެ ގިނަ ކުޅުންތެރިންތަކެއް އެޓީމަށް ޓީމަށް ނެރެން މަޖުބޫރުވީ އަލަށް ޓީމަށް ގެންދިޔަ ކުޅުންތެރިންވެސް ރަޖިސްޓްރީ ނުކުރެވި އޮތުމުންނެވެ. އެއީ ކުރީ ސީޒަނުގެ މުސާރައިގެ މައްސަލަތައް ނުނިމި އޮތުމުންނެވެ.
ރަނގަޅަށް ސީޒަނަށް ތައްޔާރުވި އީގަލްސްއިން ރޭގެ މެޗުން މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް އީގަލްސްއިން ނުރައްކާ ކުރި އިރު، ފޯވާޑް އިވާން ކާލޯސްގެ ހަމަލާއެއް ވަނީ ދަނޑިއާ އަމާޒުވެފައެވެ. އޭގެ ފަހުން އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)ގެ ހަމަލާއެއް ގޯލާ އަމާޒުނުވެ ދިޔަ އިރު، 10 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގީ އިސްމާއީލް އީސަ (މެސީ) ޖެހި ގޯލުންނެވެ.
އެ ގޯލާއެކު ހަމަޖެހިލި އީގަލްސްއިން ހާފު ނިމުމުގެ ކުރިން ލީޑު ފުޅާވެސް ކުރިއެވެ. އެ ގޯލުވެސް ޖެހީ އީސައެވެ. އީސަ ދެވަނަ ގޯލު ޖެހީ ހިތްގައިމު ހިލޭ ޖެހުމަކުންނެވެ.
މެޗުގެ ދެވަނަ ހާފުވެސް ޑޮމިނޭޓްކޮށްގެން ކުޅުނީ އީގަލްސްއެވެ. އަހުމަދު ރިޒުވާން (ރިޒޭ)ގެ ނުރައްކާތެރިކަން ދެވަނަ ހާފުގައި ފާހަގަކޮށްލެވިފައިވާ އިރު، އީގަލްސްގެ ތިންވަނަ ގޯލުވ ޖެހީ ރިޒޭއެވެ. މެޗު ނިމެން ދަނިކޮށް، އީގަލްސްއިން ހަތަރު ވަނަ ގޯލެއް ޖަހައި ތަފާތު ބޮޑު މޮޅެއް ހޯދިއެވެ. އެ ގޯލު ޖެހީ ބެންޗުން ނުކުތް އަހުމަދު ހަސަން (އަންމަޑޭ) އެވެ.