ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި އެތުލެޓިކޯ މެޑްރިޑް ކައިރިން މުހިއްމު މޮޅެއް ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި ބާސާއިން ރޭ އެތުލެޓިކޯ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު ބާސާއަށް ވަނީ އަނެއްކާވެސް ލީގު ތަށްޓާ ފިޔަވަޅެއް ގާތަށް ޖެހިލެވިފައެވެ. ރޭގެ މެޗަށް ނުކުތް އިރު، އެންމެފަހުން ބާސާއިން ލީގުގައި ކުޅުނު ދެ މެޗުގައިވެސް ގޯލެއް ނުޖެހި އެއްވަރުވެފައި އޮތުމުން، ލީގު ރޭހުގައި ހަމަޖެހުމެއް ހޯދަން ރޭގެ މެޗު އޮތީ މުހިއްމުވެފައެވެ.
ރޭގެ މެޗުން މޮޅުވެ، މިހާތަނަށް ލީގުގައި ކުޅުނު 30 މެޗުން 76 ޕޮއިންޓް ބާސާއިން ހޯދާފައިވާ އިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 30 މެޗުން ލިބިފައި ވަނީ 65 ޕޮއިންޓެވެ. ބާސާ، 11 ޕޮއިންޓްގެ ފަރަގެއްގައި އޮތް އިރު، އެޓީމަށްވެސް އަދި ރެއާލްއަށްވެސް ދެން ލީގުގައި ބާކީ އޮތީ އަށް މެޗެވެ. އެހެންކަމުން 2017-18 ވަނަ އަހަރުގެ ސީޒަނަށްފަހު ލީގު ކާމިޔާބުކުރުމަށް ބާސާއިން ކުރާ މަސައްކަތުގައި ވަނީ ބޮޑު އުންމީދެއް ލިބިފައެވެ.
ރޭ މެޗުން ބަލިވި އެތުލެޓިކޯ މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އެއީ 30 މެޗުން 60 ޕޮއިންޓާ އެކުގައެވެ. އެހެންކަމުން އެޓީމަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔަގީންވުމަށް ބޮޑު ފުރުސަތެއް އަދިވެސް އެބައޮތެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ބާސާއިން ލީޑު ނަގާފައިވާ އިރު، އެޓީމަށް ލީޑު ނަގައިދިނީ ފެރާން ޓޮރެސްއެވެ. ރަފީނިއާ އަރިމަތިން ކުރިއަށް ޖެހި ކަނޑާލި ބޯޅައެއްގައި ޓޮރެސް ގޯލަށް ބޯޅަ ވައްދާލީ ތިރިތިރީންނެވެ.
ދެވަނަ ހާފަށް ނުކުމެ ބާސާއިން ކުޅުން އިތުރަށް ރަނގަޅު ކޮށްފައިވާ އިރު، ރޮބާޓް ލެވަންޑޯސްކީއަށް ލިބުނު ފުރުސަތުގައި އޭނާއަށް ރަނގަޅަށް ބޯޅަ ފޮނުވާނުލެވުނު އިރު، ރަފީނިއާއަށް ލިބުނު ފުރުސަތުވެސް ވީ ބޭކާރެވެ.