އިނގިރޭސި ޕްރިމިއާ ލީގުގެ 11 ވަނައިގައި އޮތް ޗެލްސީގެ ކޯޗުކަމުން ގްރަހަމް ޕޮޓާ ވަކިކޮށް، އެ ވަޒީފާ ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ކްލަބު ލެޖެންޑް ފްރޭންކް ލަމްޕާޑާއެވެ. ލަމްޕާޑާ އެކު ޗެލްސީން އެންމެފަހުން ކުޅުނު ހަތަރު މެޗުންވެސް އެ ޓީމު ބަލިވެފައިވާ އިރު، މިހާރު ވަނީ ޗެމްޕިއަންސް ލީގުންވެސް ކަޓައިފައެވެ.

ޗެލްސީގެ ހާލަތު އަދިވެސް ގޯހުން ގޯހަށް ގޮސްފައިވާ އިރު، ސީޒަން ނިމުމުން ޓީމާ ހަވާލުވާނެ ކޯޗެއް ހޯދުމުގެ މަސައްކަތް އެ ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރުންނާއި ވެރިން ދަނީ ކެނޑިނޭޅި ކުރަމުންނެވެ. އިތުބާރު ނޫސްތައް ބުނެފައިވާ ގޮތުގައި ޗެލްސީން މިހާރު ދަނީ ކޯޗު ކަމަށް ޝައުގުވެރިވާ ކޯޗުންނާ ވާހަކަދައްކައި، މަޝްވަރާތައް ކުރަމުންނެވެ. އެ މަޝްވަރާތަކަށް ޗެލްސީގެ ވެރިން ހަތަރު ކޯޗެއް ޝޯޓްލިސްޓް ކޮށްގެން މަސައްކަތް ކުރާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފައިވާ އިރު، އެއީ ކޮން ކޯޗުންތަކެއް ކަން ޔަގީންކޮށްދީފައެއް ނުވެއެވެ.

ނަމަވެސް، ޗެލްސީގެ ކޯޗު ކަމަށް ގެންނަން އެ ކްލަބުން އެންމެ ބޮޑަށް މަޝްވަރާކުރި ކޯޗު، ޖޫލިއަން ނާގެލްސްމަންއާ މިހާރު މަޝްވަރާތައް ރަސްމީކޮށް ހުއްޓާލާފައިވާ ކަމަށް ފަބްރީޒިއޯ ރޮމާނޯވެސް ވަނީ ރިޕޯޓުކޮށްފައެވެ. ޗެލްސީގެ ވެރިޔާ ޓޮޑް ބޯލީއާއި އޭނާ އާއެކު އެންމެ އިސްކޮށް މަސައްކަތް ކުރަމުންދާ ބެހްދާދު އެގްބާލީ ބޭނުންވެ، ޗެލްސީގެ ސްޕޯޓިން ޑިރެކްޓަރު ކްރިސްޓޮޕާ ވިވެލް އިސްވެ ޖަރުމަނުގައިވެސް ނާގެލްސްމަންއާ ބައްދަލުކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ. ހަބަރުތައް މިހާރު ބުނާ ގޮތުން އެ ވާހަކަތައް ދެން ކުރިއަކަށް ނުދާނެ ކަމަށެވެ.

މަޝްވަރާތަކުން ބޭރުވީ ނާގެލްސްމަން އަމިއްލައަށް ކަމަށް ބައެއް ނޫސްތަކުގައި ބުނެފައިވާ އިރު، ދާދި ފަހުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނީ "އެއްވެސް ކްލަބަކަށް ނޫނެކޭ ބުނަން ޖެހޭނީ އާއެކޭ ބުނެފައިވާ ނަމަ،" އެވެ. މާނައަކީ ޗެލްސީއަށް ކުރިންވެސް އޭނާ އާނއެކޭ ނުބުނާ ކަމަށެވެ.

ނާގެލްސްމަންގެ އިތުރުން ޗެލްސީން ދެން ފާރަލަމުން ދިޔައީ ސްޕެއިންގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ އަށެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ޗެލްސީން ލަމްޕާޑާ ވަގުތީ ކޯޗުކަން ހަވާލުކުރުމުގެ ކުރިންވެސް އެންރީކޭއަށް ކޯޗުކަމުގެ މަގާމު ހުށަހެޅިއެވެ. ނަމަވެސް އޭރު އެންރީކޭ ސީޒަނެއްގެ މެދުތެރެއިން ޗެލްސީއާ ހަވާލުވާން ބޭނުން ނުވީ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެފައިވެއެވެ. އަދި އެ ވާހަކަތައް އެ ހިސާބުން ގޯސްވެ، މިހާރު އެކުގައި ވާހަކަތައް ހުއްޓާލާފައިވާ ކަމަށް ފަބްރީޒިއޯވެސް ވަނީ ރިޕޯޓު ކޮށްފައެވެ.

މިހާރު ޗެލްސީން މަޝްވަރާ ކުރަމުންދާ ކޯޗުންގެ ތެރޭގައި ކުރިން ޓޮޓެންހަމްއާއި ޕީއެސްޖީއަށް ކޯޗުކަން ކޮށްދިން މައުރީޝިއޯ ޕޮޗެޓީނޯއާއި ބާންލީއާ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިން ޒުވާން ކޯޗު، ކުރީގެ ސިޓީ ކުޅުންތެރިޔާ ވިންސެންޓް ކޮމްޕެނީވެސް ހިމެނޭ ކަމަށް ނޫސްތައް ބުނެއެވެ.

ޗެލްސީގެ ވެރިން ކްލަބާ ހަވާލުވެ، 550 މިލިއަން ޕައުންޑަށްވުރެ ގިނަ ފައިސާ ކުޅުންތެރިން ގަންނަން ހޭދަކޮށްފައިވާ އިރު، އަލަށް ޓީމަށް ހަވާލުވާ ކޯޗަކަށް ނަތީޖާ ނެރުމަށް ބޮޑު ޕްރެޝަރަކާ ކުރިމަތިވާނެއެވެ. ހާއްސަކޮށް މިހާރުގެ ނަތީޖާތައް ދަށްވެ، ކްލަބުގެ ވެރިންނާއި ސަޕޯޓަރުންނާ ދެމެދު އުފެދިފައިވާ ނުތަވަސްކަމަށް ހައްލެއް ހޯދެން އޮތް ހަމައެކަނި މަގަކީވެސް އެއީއެވެ.