ޕްރެސިޑެންޓްސް ކަޕް ގްރޫޕް އޭގައި މިރޭ ކުޅުނު މެޗުގައި ކްލަބު އީގަލްސްއާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކުޅުނު މެޗު، އީގަލްސްއިން ފަހަތުން އަރައި ކާމިޔާބުކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު، އީގަލްސް އިން ކާމިޔާބުކުރީ 4-2ގެ ނަތީޖާއަކުންނެވެ. އީގަލްސް އިން މެޗު ކާމިޔާބުކުރީ ސަސްއިން ދެ ގޯލު ޖަހާފައި ވަނިކޮށް، ފަހަތުން އަރައި ޖެހި ހަތަރު ގޯލު ޖަހައިގެންނެވެ.
މިރޭގެ މެޗަކީ މި އަހަރުގެ ޕްރެސިޑެންޓްސް ކަޕްގައި އީގަލްސް އިން ކުޅުނު ފުރަތަމަ މެޗެވެ. ޕްރެސިޑެންޓްސް ކަޕްގެ ތާވަލު ފުރަތަމަ އޮތް ގޮތުން އީގަލްސް އިން ފުރަތަމަ ކުޅެން އޮތީ، ވެލެންސިއާއާ ދެކޮޅަށެވެ. އޭރު ހާލަތު ދިމާވި ގޮތުން އެ މެޗު މިހާރު ތާވަލުކޮށްވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރެއަށެވެ. ޝެޑިއުލަށް ގެނައި ބަދަލާ އެކު އީގަލްސްއަށް ފުރަތަމަ މެޗު ގެއްލުނު އިރު، ސަސް އިން މިރޭ ނުކުތީ އެ ޓީމުގެ ދެވަނަ މެޗަށެވެ.
ސަސް އިން ފުރަތަމަ ކުޅުނު މެޗުގައި އެންމެފަހުގެ ޗެމްޕިއަން ވެލެންސިއާ ކައިރިން ވަނީ ބޮޑު މޮޅެއް ހޯދައިފައެވެ. އެ މެޗު ސަސް އިން ކާމިޔާބުކުރީ 5-0ގެ ނަތީޖާއަކުންނެވެ.
މެޗުން އީގަލްސް މޮޅުވެ، އެ ޓީމުން ވަނީ ސެމީގެ އުންމީދު ބޮޑުކޮށްފައެވެ. މިހާރު ގްރޫޕް އޭގައި އީގަލްސްއާއި ސަސްއަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، އެ ގްރޫޕުގައި ހިމެނޭ އަނެއް ޓީމު، ވެލެންސިއާ އޮތީ ޕޮއިންޓެއް ނުލިބިއެވެ. ދެން އެ ގްރޫޕުގައި ބާކީ އޮތީ އީގަލްސް އާއި ވެލެންސިއާ ކުޅޭ މެޗެވެ. އެ މެޗުން ބޮޑު ތަފާތަކުން މޮޅުވެގެން ނޫނީ ވެލެންސިއާއަށް ސެމީއަށް ނުދެވޭނެއެވެ.
އީގަލްސް އިން މިރޭގެ މެޗަށް ނުކުތީ ފުރަތަމަ 11 ގައި ހިސާމް ސަލީމް (ކޮކީ) އާއި އަހުމަދު ރިޒުވާން (ރިޒޭ) ނުހިމަނައެވެ. އެ ޓީމުގެ މުހިންމު ދެ ކުޅުންތެރިން ފުރަތަމަ 11 އަށް ނުލައި ނުކުތީ އަނިޔާގެ ސަބަބުންނެވެ.
މިރޭގެ މެޗު ރަނގަޅަށް ފެށީ ސަސް އިންނެވެ. އެ ޓީމުން ރަނގަޅު އެޓޭކިން ފޯމެއްގައި މެޗު ފެށި އިރު، 12 ވަނަ މިނެޓުގައި ލީޑުވެސް ނެގިއެވެ. ސަސް އިން މެޗުގައި ލީޑު ނެގީ އައިހަމް އަހުމަދު (އައިހު) ނަގައިދިން ހުރަހެއްގައި އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ދަގަނޑޭ މިފަހަރުގެ ޕްރެސިޑެންޓްސް ކަޕްގައި ޖެހި ތިންވަނަ ގޯލު މިރޭ ޖެހީ އައިހަމްގެ ހުރަހަކުން ބޮލުންނެވެ.
އެ ގޯލަށް ފަހުވެސް ފުރަތަމަ ހާފުގައި ނުރައްކާކޮށް ފެނުނީ ސަސްއެވެ. ހާއްސަކޮށް އެ ޓީމުން މަތިން ދަގަނޑޭއަށް ކުޅުނު ބޯޅަތަކެއްގައި ނުރައްކާ ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 25 ވަނަ މިނެޓުގައި ސަސްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ދިގު ބޯޅައަކަށް ދަގަނޑޭ މަސައްކަތްކޮށް އޭރިއާ ތެރެއިން ބޯޅައިގައި ޖެއްސުމާއެކު، އީގަލްސްގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) ނުކުމެ ބޯޅައަށް މަސައްކަތް ކުރުމުގެ ތެރޭގައި ދަގަނޑޭއަށް ފައުލް ކުރިއެވެ.
އެ ފައުލުގައި ދަގަނޑޭއަށް އަނިޔާވެ، އޭނާ ބަދަލުކުރަން ޖެހިފައިވާ އިރު، ޕެނަލްޓީގައި ގޯލު ޖެހީ އައިހަމްއެވެ.
ދެވަނަ ހާފަށް ނުކުމެ އީގަލްސް އިން ކުޅުން ރަނގަޅު ކުރިއެވެ. ރިޒޭއާއި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ވެސް ކުޅުމަށް ނުކުމެ އީގަލްސްގެ ހަމަލާތައް ރަނގަޅުކުރިއެވެ. ހާފުގެ ކުރީކޮޅުގައި ރިޒޭގެ ހުރަހަކުން އިވާން ކާލޯސް ޖެހި ބޯޅަ މަތަކޮށް ބޭރުކޮށްލީ ގޯލްކީޕަރު މީސަމް އަބްދުﷲ އެވެ.
އަދި އޭގެ ފަހުން މެޗުގެ 67 ވަނަ މިނެޓުގައި ރިޒޭގެ ހުރަސް އިވާން ކާލޯސް ގޯލަށް ވައްދާލައި، އީގަލްސް އިން ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. ފޯމު ރަނގަޅުކޮށް ކުޅެމުންދިޔަ ރިޒޭގެ ދެ ހަމަލާއެއް އޭގެފަހުންވެސް ނުރައްކާކޮށް ފެނުނު އިރު، އޭނާގެ ހިލޭ ޖެހުން ބޭރުކޮށްލީ މީސަމްއެވެ. އަދި ހާފުގެ މެދެއްހާ ހިސާބުން ޖެހި ބާރު ބޯޅަ އަމާޒުވީ ދަނޑިއަށެވެ.
ސަސްއަށް އީގަލްސް އިން ނުރައްކާ ކުރަމުން ގޮސް، މެޗުގެ ނަތީޖާ އަނބުރާލީ ފުލުފުލުގައި ދެ ގޯލު ޖަހައިގެންނެވެ. 72 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އިވާންއާއި ބަދަލަކަށް ނުކުތް އިބްރާހީމް މުބީން (މުއްކި) ޖެހި ރަނގަޅު ދެ ބެކް ޕާހެއްގެ ބޭނުން ހިފައި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ޖެހި ގޯލުން އީގަލްސް ނަތީޖާ ހަމަހަމަ ކުރި އިރު، 75 މިނެޓުގައި ލީޑު ނެގިއެވެ.
އަބްދުﷲ ހަނީފް (ބެންޖޯ) އޭރިއާ ތެރެއިން ވެއްޓިގެންފައި ޖައްސާލި ބޯޅަ ގޯލަށް ވައްދާލީ އިމްރާން ނަޝީދު (އިންމަ) އެވެ. އިންމަވެސް މެޗަށް ނުކުތީ ބަދަލަކަށެވެ.
އެ ގޯލަށްފަހުވެސް ރިޒޭގެ ނުރައްކާ ތަކުރާރުކޮށް ފެނިގެންދިޔަ އިރު، ސަސް އިން ވަނީ މެޗުގެ 84 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކުރުމަށް ނުރައްކާކޮށްފައެވެ. އަލީ ނަސޫހު ރަޝީދު (ޕިލާ) އަރިމަތިން ޖެހި ބޯޅަ ގޯލުގެ ދަނޑިއަށް އަމާޒުވީ ޗެކު އަތުގައި ޖެހިފައެވެ.
އީގަލްސް އިން މެޗުގެ އިތުރު ވަގުތު ތެރޭގައި އިތުރު ގޯލެއްވެސް ޖަހާފައިވެއެވެ. އެ ގޯލަކީ ޕެނަލްޓީއެއްގައި އީގަލްސް އިން ޖެހި ގޯލެކެވެ. ސަސްގެ ފަހަތުން ހެދި ގޯހެއްގައި ރިޒޭ ބޯޅަ ހިފައިން އޭރިއާ ތެރެއަށް ގޮސް ގޯލްކީޕަރު މީސަމް ނައްޓާލުމުން އޭނާ ކުރި ފައުލަށް ރެފްރީ މީސަމްއަށް ރަތް ކާޑު ދެއްކިއެވެ.
ސަސްގެ ގޯލްކީޕަރަށް ދެއްކި ރަތް ކާޑާއެކު މެޗުގެ ފަހު ވަގުތުކޮޅުގައި އެ ޓީމުގެ ގޯލަށް ނުކުތީ އައުޓްފީލްޑް ކުޅުންތެރިއެއް ކަމަށްވާ އަހުމަދު ހަމީދެވެ.
ޕްރެސިޑެންޓްސް ކަޕްގައި މާދަމާ ރޭ އޮންނާނީ ގްރޫޕް ބީގައި މާޒިޔާއާއި ބުރު ސްޕޯޓްސް ކްލަބު ކުޅޭ މެޗެވެ.