ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާތީ އެމްޑީޕީއަށް ނިސްބަވްތާ ހަތަރު މުގައްރިރަކު ބަދަލުކުރަން އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން ނިންމައިފިއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން، އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ، މިއަދު ބޭއްވި ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ހަތަރު މުގައްރިރަކު ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެއީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ކަމަށް އޭނާ ވިދާޅުވިއެވެ.
ހަސަން ލަތީފަކީ އާންމު ކޮމިޓީގެ މުގައްރިރެވެ. މެންބަރު ޔާސިރަކީ އިމްތިޔާޒު އަދި ސުލޫކީ ކޮމިޓީގެ މުގައްރިރެވެ. އިންތި ޖުޑީޝަރީ ކޮމިޓީގެ މުގައްރިރުކަން ކުރައްވާ އިރު އިލްޔާސް ލަބީބަކީ ސްޓޭޓް އޯވްންޑް އެންޓަޕްރައިޒަސް ކޮމިޓީގެ މުގައްރިރެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ޕީޖީ ގްރޫޕުން އެގޮތަށް ނިންމާފައިވަނީ ސަރުކާރުގެ ސިޔާސަތުތަކާ ކަނޑައެޅިގެން ދެކޮޅަށް މަސައްކަތް ކުރައްވާތީ އާއި އެމްޑީޕީ ޕީޖީ ގްރޫޕުގެ ގަވާއިދުތަކާ އެ މެންބަރުން ތަކުރާރުކޮށް ހިލާފުވެފައިވާތީއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގެ މެންބަރުން މުގައްރިރުކަމުން ވަކިކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމާފައިވާ އިރު، ރައީސް ނަޝީދުގެ ފެކްޝަނުން ވަނީ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއެކުގައި މަސައްކަތް ކުރުމަށް ނިންމައިފައެވެ.