ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަކީ އެތައް ޒުވާން ކުޅުންތެރިންނެއްގެ "އިންސްޕިރޭޝަން" އެއް ކަމަށާއި، ދަގަނޑޭ ޓީމުގައި ހިމެނުމަކީ ޓީމުގެ ހިތްވަރު އިތުރަށް އާވެގެންދާ ކަމެއް ކަމަށް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު އިސްމާއީލް މަހެފޫޒް (އިންމަ) ބުނެފިއެވެ.
އުމުރުން 37 އަހަރުގެ ދަގަނޑޭ މި ސީޒަނުގައި ސަސްއަށް ކުޅެން ނިންމައި، މިހާރު ވަނީ ޕްރެސިޑެންޓްސް ކަޕްގައި ކުޅުނު ފުރަތަމަ މެޗަށްވެސް ނުކުމެފައެވެ. ދަގަނޑޭގެ ކެޕްޓަން ބޭންޑްގައި ސަސްއިން ޕްރެސިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ވެލެންސިއާއާ ދެކޮޅަށް ނުކުމެ މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ދަގަނޑޭ ވަނީ ދެ ގޯލު ޖަހައިފައެވެ.
ދުނިޔޭގެ ނިސްބަތުންވެސް ގޯލު ޖެހުމުގެ ލިސްޓުގެ ކުރީ ސަފުގައި ގުނާލެވޭ ދަގަނޑޭއަށް ސަސް ވެގެންދާނީ، ލޯކަލް ލީގުގައި އޭނާ ކުޅޭ އަށްވަނަ ކްލަބަށެވެ. ދަގަނޑޭ ސަސްއަށް ކުޅެން ނިންމައި، އޭނާ ބުނީ ކްލަބަކީ ކެރިއަރުގެ ފެށުމާ ގުޅިފައިވާ، އުޅެބޮޑުވި ސަރަހައްދުގެ ކްލަބެއް ކަމަށެވެ. އަދި މިފަހަރުގެ ސީޒަން ހާއްސަވާ ސަބަބަކަށް އެކަން ވާ ކަމަށްވެސް ކެރިއަރުގައި 400 އަށްވުރެ ގިނަ ގޯލު ޖަހައިފައިވާ ދަގަނޑޭ ބުންޏެވެ.
ސަސްއިން ޕްރެސިޑެންޓްސް ކަޕްގައި އެޓީމުން ކުޅޭ ދެވަނަ މެޗުގައި މިރޭ ނުކުންނާނީ ކްލަބު އީގަލްސްއާ ދެކޮޅަށެވެ. މިރޭގެ މެޗުން މޮޅަކާއެކު، ނޫނީ ޕޮއިންޓަކާއެކުވެސް ސަސްއަށް މުބާރާތުގެ ސެމީ ފައިނަލް ޔަގީން ކުރެވެން އޮތް އިރު، ކޯޗު އިންމަ ބުނީ ޕްރެޝަރެއް ނެތް ކަމަށެވެ.
"އުންމީދަކީވެސް، ރޫހަކީވެސް އީގަލްސް މެޗުގައި ރަނގަޅު ކާމިޔާބެއް ހޯދުން. އަދި ހާއްސަކޮށް ޕާފޮމަންސް ބޭސްއަށް ބަލައިގެން ރަނގަޅު މެޗެއް ކުޅުން. އަޅުގަނޑުމެންނަކަށް އެއްވެސް ކަހަލަ ޕްރެޝަރެއް ނެތް. މޮޅަކަށް ނުކުންނާނީ،" އިއްޔެ ގައުމީ ދަނޑުގައި ބޭއްވި ޕްރި މެޗު ޕްރެސްގައި އިންމަ ބުންޏެވެ.
އިއްޔެގެ މެޗުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން އިންމަ ވަނީ ޓީމުގައި ދަގަނޑޭ ހުރުމަކީ ކިހާވަރަކަށް ހިތްވަރު ލިބޭ ކަމެއްކަން ކިޔައިދީފައެވެ. އިންމަގެ ނަޒަރުގައި ދަގަނޑޭއަކީ އެތައް ގޮތަކުން ޓީމަށް ލިބޭނެ ބޮޑު ފައިދާއެކެވެ.
"ދަގަނޑޭ ކޮންމެ ޓީމެއްގައި ހުރި ކަމަށްވި ނަމަވެސް، އޭނާ ވެގެންދާނީ މިހާރުގެ ޖެނެރޭޝަން އިންސްޕަޔާ ވާނެ ކުޅުންތެރިޔަކަށް. ދަގަނޑޭއަކީ މިހާރުގެ ޖީލުގެ، ޒުވާން ކުޅުންތެރިން މިސާލަކަށް ނަގާނެ ކުޅުންތެރިއެއް. އަޅުގަނޑުމެންގެ ޓީމުގެ ކުޅުންތެރިންނަށްވެސް އެ ފުރުސަތު ލިބުނީ ދަގަނޑޭއާއެކު ކުޅެލަން ބައެއް ކުޅުންތެރިން ވަރަށް ބޮޑަށް އެދިއެދި ތިއްބާ. އެ ފުރުސަތު ލިބުނީމަ ޓީމެއްގެ މޯޓިވޭޝަން، އެހެން ކުޅުންތެރިންގެ ހިތްވަރު ނެރުމަށް ދަގަނޑޭގެ ލީޑާޝިޕް މުހިއްމު ރޯލެއް އަދާކުރޭ. ކޯޗަކަށްވެސް ލިބޭ ހިތްހަމަ ޖެހުމެއް އެއީ. ޓީމު އެކަތިގަނޑެއް ކުރުވަން، އެހެން ކުޅުންތެރިންނަށް ހިތްވަރު ދޭ ކުޅުންތެރިއެއް ދަގަނޑޭއަކީ،" އިންމަ ބުންޏެވެ.
"ދަގަނޑޭ ޕީކް ޕާފޮމަންސްގައި މިހާރު ނެތް ނަމަވެސް، އޭނާ ގައިގައި އެކުޅޭ ޓީމަކަށް ފައިދާކުރާނެ އެތައް ކަމެއް ކުރުމުގެ ގާބިލުކަން ހުންނާނެ،" އިންމަ އިތުރަށް ދަގަނޑޭއާ ގުޅޭ ގޮތުން ބުންޏެވެ.
ޕްރެސްގައި އިންމަ ބުނީ ޓީމުގައި ތިބި ދިވެހި ކުޅުންތެރިންނަށް އިތުބާރު އެބައޮތް ނަމަވެސް، ފަހުން ޓީމަށް ބިދޭސީ ކުޅުންތެރިން ގެންނަން ވިސްނާ ކަމަށެވެ. އެގޮތުން ފައިސާގެ ކަންކަން ހަމަޖެހުމާއެކު، މިހާރުގެ ސްކޮޑަށް ތަޖުރިބާކާރު ބިދޭސީ ކުޅުންތެރިންތަކެއް ގެންނަން ވިސްނާ ކަމަށް އިންމަ ބުންޏެވެ.
ކުރިން މާޒިޔާއާއި ދަ ގްރާންޑޭއަށްވެސް ކޯޗުކަން ކޮށްދިން އިންމަ އިއްޔެގެ ޕްރެސްގައި އިތުރަށް ބުނީ އީގަލްސްގެ ތައްޔާރީތައް ރަނގަޅަށް ގެންގޮސްފައިވާ ނަމަވެސް، ޖެހިލުންވާން ޖެހޭނެ ކަމެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ. އޭގެ އިތުރުން މުބާރާތުގައި ސަސްގެ ގޯލު ބަލަހައްޓަމުންދާ ޔޫސުފަށް މުބާރާތުން ލިބިގެންދާ ފުރުސަތަށްވެސް އިންމަ ވާހަކަ ދައްކާފައިވެއެވެ. އިންމަ ބުނީ މި މުބާރާތުން ޔޫސުފަށް ގައުމީ ލެވެލްގައި ކަންތައްތަކެއް ސާބިތުކޮށްދޭން ފުރުސަތު އެބައޮތް ކަމަށެވެ.
މިފަހަރުގެ ޕްރެސިޑެންޓްސް ކަޕްގެ ތާވަލު ފުރަތަމަ އޮތް ގޮތުން އީގަލްސްއިން ފުރަތަމަ ކުޅެން އޮތީ، އެ ކްލަބުން ވެލެންސިއާއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އޭރު ހާލަތު ދިމާވި ގޮތުން އެ މެޗު މިހާރު ތާވަލުކޮށްވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ރެއަށެވެ. ޝެޑިއުލަށް ގެނައި ބަދަލާއެކު މިރޭގެ މެޗު ވެގެންދާނީ ޗެރިޓީ މެޗަށްފަހު އެޓީމުން ކުޅޭ ފުރަތަމަ މެޗަށެވެ.
އިއްޔެގެ ޕްރެސްގައި އެސިސްޓެންޓް ކޯޗު މުއާވިއަތު އިލްހާމް ބުނީ، ފުރަތަމަ މެޗަށްފަހު މެދުކެނޑުމެއް އައުމާއި، މުހިއްމު ދެ ކުޅުންތެރިޔަކު އަނިޔާގައި ތިބުމަކީ ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ކަމަށެވެ.
"އީގަލްސް އިރާދަކުރެއްވިއްޔާ ހުރިހާ މެޗަކަށްވެސް ނުކުންނާނީ ތައްޔާރުވެގެން. ގޮންޖެހުމަކީ އެއް މެޗު ކުޅެފައި ކޮންމެވެސް ވަރެއްގެ ގެޕެއް އައިސްފައި އަނެއްކާވެސް މި ލެވެލްގެ މެޗަކަށް ނުކުންނަން ޖެހޭތީ އަންނަ އުނދަގޫތަކެއް. ޓީމުގެ ކީ ދެ ކުޅުންތެރިއެއް އަނިޔާގައިވެސް އެބަތިބި. ކޮކީއާއި ރިޒޭ ތިބީ އަނިޔާގައި،" މުއާވިއަތު ބުންޏެވެ.
އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތި) ކޮންމެވެސް ވަރަކަށް ބަލިވެ އުޅޭތީ އިއްޔެގެ ޕްރެސްއަށް ދިޔަ އިލްހާމް ބުނީ ސަސްއަށް ސަމާލުވާން ޖެހޭނެކަން އެނގޭ ނަމަވެސް، އީގަލްސްއަށް މެޗު ކާމިޔާބުކުރުން ނޫން ޓާގެޓެއް ނެތް ކަމަށެވެ.
"ސަސް އޮތީ ވަރަށް ބޮޑަށް ވަރުގަދަކޮށް. އަދި ވަކިން ހާއްސަކޮށް ދަގަނޑޭ ޓީމަށް އިތުރުވުމާއެކު އެއީ އެޓީމު އިތުރަށް ވަރުގަދަވާނެ ކަމެއް. އީގަލްސް ނުކުންނާނީ މެޗު ކާމިޔާބުކުރަން، އީގަލްސް ނުނުކުންނާނެ ސަކަރާތް ޖެހުމަކަށް،" އޭނާ ބުންޏެވެ.
ސަސްއާއި އީގަލްސް ވާދަކުރާ މެޗު އޮންނާނީ މިރޭ 10:00 ގައެވެ.